އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އޮއްސަވާ ގޮތް ނުވެސް އެނގޭނެ!: މުފްތީ މެންކް

ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އޮއްސަވާ ގޮތް ނުވެސް އެނގޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރަޙްމަތްތެރިއަކަށް ކުރިމަތިވި ކާރު އެކްސިޑެންޓްވުމުގެ ހާދިސާ އަކާއި ގުޅިގެން ކާރުގައި ދަތުރުކުރި ޢާއިލާގެ 7 މީހުންގެ ތެރެއިން 2 މީހުން މަރުވިއެވެ. 5 މީހުން ސަލާމަތްވިއެވެ. އެކަމާއި ގުޅިގެން 2 މީހުން މަރުވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވާން ބުނުމުން އަހަރެން ބުނި ބަސް އެދުވަހު އޭނާއަށް ހުރީ އޮޅިފައެވެ. ނަމަވެސް އެއިގެ ހަފްތާއެއްހައި ދުވަސްފަހުން އެދުވަހު އަހަރެން ބުނީ ރަނގަޅު ބަހެއްކަން އޭނާއަށް ވިސްނި އެކަން ޤަބޫލުކުރިއެވެ.

އެއީ ވަރަށް ބޮޑު އެކްސިޑެންޓެކެވެ. މުޅި ކާރު އޮތީ ފުނޑުފުނޑުވެފައެވެ. 7 މީހުން އެކުގައިވެސް މަރުވެދާނެ ފަދަ އެކްސިޑެންޓެކެވެ. ވީމާ 7 މީހުންގެ ތެރެއިން 2 މީހުން މަރުވެ 5 މީހުން ސަލާމަތްވުމަކީ ދެއްވެވި ނިޢްމަތެކެވެ. އެފަދަ ނިޢްމަތެއް މިންވަރުފުޅު ކުރެއްވެވި ކަމަށްޓަކައި ޝުކުރުވެރިވާންޖެހޭނެއެވެ.

އެއް ލޮލުގެ ފެނުން ގެއްލިދާނެއެވެ. އަނެއް ލޮލަށް ފެންނާތީ ޝުކުރުވެރިވާންވާނެއެވެ. އެއް ކަންފަތަށް އަޑު ނުއިވިދާނެއެވެ. އަނެއް ކަންފަތަށް އަޑު އިވޭތީ ޝުކުރުވެރިވާނަ ވާނެއެވެ. އެއް ފައިން ނުހިނގެނީއެވެ. އަނެއް ފައި ސަލާމަތުން އޮތް ކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭނެއެވެ. މައިގްރޭން އަކީ ވަރަށް ވަރުގަދަ ބައްޔެކެވެ. ވަރަށް ގަދައަށް ބޮލުގައި ރިއްސާ ބައްޔެކެވެ. ޝުކުރުވެރިވާންވީ އެހެން ގުނަވަންތައް ސަލާމަތުން ހުރުމުންނެވެ.

މިބުނެދިނީ މިސާލުތަކެކެވެ. އަހަރެމެން ހިތް ނުއެދޭ ކިތަންމެ ކަމެއް ކުރިމަތިވާނެއެވެ. އެއިން ކޮންމެ ކަމަކީވެސް އަހަރެމެންނަށް ކުރިމަތިކުރައްވަވާ ވަރުގަދަ އިމްތިޙާން ތަކެކެވެ. އެކަން ޤަބޫލުކުރަންޖެހޭނެއެވެ. ހިތް ނުއެދޭ ކަންކަމަށްވުރެ ހިތް އެދޭ ކަންކަން ގިނަ ނަމަ އުފާކުރަންވާނެއެވެ. އަދި މަދުވި ނަމަވެސް މިންވަރުކުރެއްވެވި ނިޢްމަތަށް ޝުކުރުވެރިވާށެވެ! ހުރިހާ ނިޢްމަތްތަކެއްވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި ގެންދަވަނީ ވެސް ﷲ ތަޢާލާކަން ޤަބޫލުކުރާށެވެ!

އަހަރެމެންގެ ނަފްސްތަކަކީ އަހަރެމެންގެ މިލްކެއް ނޫނެވެ. ﷲ ތާޢާޅާގެ ޙައްޤެކެވެ. ވީމާ ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ. ވީމާ އެއްވެސް ޝަކުވާއެއް ކުރުމެއް ނެތެވެ. އީމާންކަން ފުރިހަމަވާނީ އެއިރުންނެވެ. އުފަލުގައި ދިރިއުޅެވޭނީ ވެސް އެއިރުންނެވެ. ޝުކުރުވެރިވުމުގެ ސިފަ ނެތް ނަމަ އެމީހަކަށް އަބަދުވެސް އުޅެން ޖެހޭނީ ކަންބޮޑުވުމާއި ހާސްކަމުގައެވެ.

ލުޤްމާން ސޫރަތުގެ 12 ވަނަ އާޔަތުގައިވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް حكمة ދެއްވީމެވެ. އަދި ﷲ އަށް ޝުކުރު ކުރުމަށް އެންގެވީމެވެ. އަދި ޝުކުރު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޝުކުރު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށް ޓަކައެވެ. އަދި ކާފިރު ވިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، ﷲ އީ، ފުދިވޮޑިގެންވާ، ޙަމްދް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ."

އާލްއިމްރާން ސޫރަތުގެ 145 ވަނަ އާޔަތް ބަލާށެވެ. "އަދި، اللَّه ގެ إذن ފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް نفس އަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرة ގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، شكر ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތް ބަލާށެވެ. "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ވީމާ އިތުރަށް ކަންކަން ޙާޞިލުވުމަށް އެދޭނަމަ ޝުކުރުވެރިވުން އިތުރުކުރާށެވެ. ޝުކުރުވެރިވާ މީހުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެކަން މިއާޔަތުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. "ހަމަކަށަވަރުން، ތިއަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ." ވަޙީޚުރައްވާފައި އޮތުން އެނގޭ ކަމަކީ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް ﷲ ތައާލާ އޮއްސަވާ ގޮތް ނުވެސް އެނގޭނެ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް