އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުކަމަށް ނިޔަތްގަތުމުގަ ކޮންމެހެން އެނގެންޖެހޭ ބައެއް ކަންކަން-

އަޅުކަމަށް ނިޔަތްގަތުމުގަ ކޮންމެހެން އެނގެންޖެހޭ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 11 ސިކުންތު

ނިޔަތާ ޙުކުމްތަކުގެތެރެއިން: ނިޔަތުގެ ޤަވާއިދުތައް 

ޢަރަބިބަހުގައި القاعدة އަކީ القاعد ގެ މުއަންނަޘް (އަންހެން) ގޮތެވެ. މީގެ ގިނަގޮތަކީ قواعد އެވެ. އެއީ އެއްޗެއް އެ އެއްޗެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ގޭގެ ޤާޢިދާއަކީ އެގެއެއްގެ ބިންގަލެވެ. ނުވަތަ ތަނބުތަކެވެ. 

މިތަނުގައި ނިޔަތުގެ ޤަވާޢިދުތަކޭ ބުނެވެނީ، ނިޔަތާގުޅޭ އެންމެ މުހިއްމު ޤަވާޢިދުތަކުގެ ވާހަކައެވެ. އެގޮތުން އަންނަނިވި ޤަވާޢިދުތައްވެއެވެ. 

ފުރަތަމަ ޤާޢިދާ: ﷲއަށް ކުއްތަންވެވޭ އަޅުކަންތަކުގެ ތެރެއިން ވައްތަރުގޮތް ނެތް އަޅުކަންތަކަށް، ހަމައެކަނި ﷲއަށް ނިޔަތް ޚާލިޞްކުރުން ފިޔަވައި އިތުރު ނިޔަތަކަށް ބޭނުމެއްނުވާނެއެވެ.

ވައްތަރުގޮތޭ ބުނެވެނީ އެއްގޮތަށް ކުރެވޭ ހަމައެކަނި ނިޔަތުން އަޅުކަން ބަދަލުވާ އަޅުކަންތަކެވެ. މިސާލެއްގެގޮތުން ގިނަ ނަމާދުތަކަކީ އެއްގޮތަކަށް ކުރެވޭ އަޅުކަމެކެވެ. ފަރުޟުނަމާދާއި ސުންނަތްނަމާދެވެ. ހަމައެކަނި ފަރުޟުނަމާދާއި ސުންނަތް ނަމާދު ފަރަޤުކުރުވަނީ ނިޔަތެވެ. އެހެންކަމުން މިޤާޢިދާއަށް ފެތޭހުށީ އެގޮތަށް ވައްތަރުކަމެއް ނެތް އަޅުކަންތަކެވެ. 

މިގޮތުން މިޤާޢިދާއަށް ފެތޭ އަޅުކަންތަކަކީ ﷲއަށް އީމާންވުމާއި، އެއިލާހު މަތިވެރިކުރުމާއި، އެއިލާހުގެ ޢަޛާބަށް ބިރުވެތިވުމާއި، އެއިލާހުގެ ޘަވާބަށް އުއްމީދުކުރުމާއި، އެއިލާހަށް ތަސްބީޙަކިޔުމާއި ތަހްލީލުކިޔުމާއި، ޤުރުއާން ކިޔެވުމާއި، ހުރިހާ ވައްތަރެއްގެ ޛިކުރުތައް ކުރުންފަދަ އަޅުކަންތަކެވެ. އެހެނީ، މިފަދަ އަޅުކަންތަކަކީ ﷲއަށް ކުރުން ޚާއްޞަވެގެންވާ އަޅުކަންތަކެވެ. 

ﷲ އަށް ނިޔަތް އިޚްލާޞްތެރިކުރުން ފިޔަވައި އިތުރު ނިޔަތަކަށް މިއަޅުކަންތަކުގައި ބޭނުމެއް ނުވާނެއެވެ. އަދި މެންދުރު ނަމާދަށް ނުވަތަ އަޞްރު ނަމާދަށް ނިޔަތް ޚާއްޞަކުރާފަދައިން ޚާއްޞަކުރަންވެސް ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. އެހެނީ، މިހުރިހާ އަޅުކަންތަކަކީ ﷲއަށް ޚާލިޞްކޮށްކުރެވޭ އަޅުކަންތަކެވެ. އެއިލާހު ނޫން އެއްވެސް އެހެން ފަރާތަކަށް މިއަޅުކަންތައްކުރުން ހުއްދަވެގެން ނުވެއެވެ. 

އެހެންކަމުން، ތަޞްބީޙަކިޔަން އެދޭމީހާ ނުވަތަ ޛިކުރުކުރާމީހާ، ތިމަން ތަޞްބީޙަ މިކިޔަނީ ނުވަތަ ޛިކުރުމިކުރަނީ ﷲއަށޭ ބުނެ ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް މިފަދަ އަޅުކަންތަކުގައި އެކަންކުރުމަށް ޤަޞްދުކުރުމާއި، އެކަންކުރަނީ ﷲގެ ވަޖުހުފުޅު އަދައިގެންކަމަށް ނިޔަތް ގަންނަންޖެހޭނެއެވެ. މިނިޔަތުގެ ސަބަބުން އިޚްލާޞްތެރިކަމަށާއި، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ލޯބިވުމަށާއި، އެއިލާހު މަތިވެރިކުރުމަށާއި، އެއިލާހުގެ ޘަވާބަށް އެދުމަށާއި، އަދި އެއިލާހުގެ ޢަޛާބަށް ބިރުވެތިވުމަށް މަގުދައްކާނެއެވެ. މިނިޔަތަކީ ކޮންމެހެން ލާޒިމު ނިޔަތެކެވެ. މިއާއިޚިލާފަށް، ނިދާފައިވާމީހާ، މޮޔަވެފައިވާމީހާ، ނުވަތަ މަސްތުވެފައިވާމީހާގެ ދުލުން މިފަދަ ޛިކުރެއް އެއްޗެއް ބޭރުވެއްޖެނަމަ އެކަން އަޅުކަމަކަށް ނުވާނެއެވެ. އަދި ހަމައެހެންމެ، އެއަޅުކަމަކަށް ޘަވާބުލިބުން ބިނާވެފައިވަނީ އިޚްލާޞްތެރިކަމުގެ މައްޗަށެވެ. 

ދެވަނަ ޤާޢިދާ: ޘަވާބާއި ޢިޤާބު ލިބުން ބިނާވެފައިވަނީ ނިޔަތުގެ މައްޗަށެވެ. 

ޘަވާބާއި ޢިޤާބު ވަނީ ދުނިޔެވީގޮތުން ނުވަތަ އުޚްރަވީގޮތުންނެވެ. އެގޮތުން އުޚްރަވީގޮތުން ޘަވާބާއި ޢިޤާބު ލިބުން ޖުމްލަގޮތެއްގައާއި ތަފްޞީލީގޮތެއްގައި ބިނާވެފައިވަނީ ނިޔަތުގެ މައްޗަށެވެ. އެހެނީ، މުއުމިނުމީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި، ކާމިޔާބު ޙާޞިލުވާހުށީ ﷲއަށް އިޚްލާޞްތެރިވެގެން ކުރެވޭ ޞާލިޙު ޢަމަލުތަކުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

((ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ)) النحل: 32

މާނައީ: "ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ! 

އަދި ކާފަރުންނާބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. 

((هَذِهِ جَهَنَّمُ الَّتِي كُنتُمْ تُوعَدُونَ * اصْلَوْهَا الْيَوْمَ بِمَا كُنتُمْ تَكْفُرُونَ)) يس: 63-64 

މާނައީ: ” މިއީ ތިޔަބައިމީހުންނަށް ވަޢުދުކުރައްވާފައިވާ ނަރަކައެވެ. ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިޔަބައިމީހުން އެ ނަރަކަޔަށް ވަންނާށެވެ!"

ދުނިޔެވީގޮތުން ޘަވާބާއި ޢިޤާބު ލިބުން ދަންނައެވެ. އެ އަޅުކަމެއް ކުރާހުށީ ތަކްލީފުލިބިގެންވާ މީހެއް ނުވަތަ ތަކްލީފުލިބިގެންނުވާމީހެކެވެ. އެމީހަކީ ތަކްލީފު ލިބިގެންވާ މީހެއްނަމަ، އެމީހާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަކަމުގައިވާނަމަ ދުނިޔެމަތީގައި އެމީހަކަށް އުފާވެރި ރަނގަޅު ދިރިއުޅުމެއް ﷲ ދެއްވަވާނެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ.  

((مَنْ عَمِلَ صَالِحاً مِنْ ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ)) النحل: 97 

މާނައީ: "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެބައިމީހު ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." 

އަދި އެމީހަކު ޢިޤާބު ޙައްޤުވާފަދަ ޢަމަލެއްކޮށްފިނަމަ، އެމީހެއްގެ މައްޗަށް ދުނިޔެމަތީގައި ޙައްދު ޤާއިމުކޮށް، ނުވަތަ ތަޢުޒީރުކޮށް، ނުވަތަ އެކުރިކަމެއްގެ ބަދަލު ދޭންޖެހެއެވެ. އެމީހަކީ ތަކްލީފު ލިބިގެންނުވާ މީހެއްނަމަ، އެމީހާ ކުރާ ހެޔޮކަންތަކަށް ﷲ ގެ ފަޟްލަވަންތަކަމުން ޘަވާބު ލިބޭނެއެވެ. އޭގެ މިސާލަކީ ކުޑަކުއްޖަކު ޙައްޖުގެ އަޅުކަން އަދާކުރުމެވެ. އަންހެނަކު ކުޑަކުއްޖެއް މައްޗަށް ނެންގެވުމަށް ފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވިއެވެ. “މިކުއްޖާއަށް ޙައްޖުވޭތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.  

((نَعَمْ، وَلَكِ أَجْرٌ)) (مسلم: 1336)  

މާނައީ: "އާއެކެވެ. ކަނބުލޭގެއަށް (އެޙައްޖުގެ) އަޖުރުވެއެވެ." 

މިއާއިޚިލާފަށް ކުޑަކުއްޖަކު ނުވަތަ މޮޔައަކު ފަދަ ތަކްލީފުލިބިގެންނުވާ މީހަކު ނުބައިކަމެއްކޮށްފިނަމަ އެމީހަކަށް ނުބަކަމެއްކުރިކަމުގެ ފާފަ ނުލިޔުއްވެއެވެ. މިފަދަ މީހުންގެ ބެލެހެއްޓުންތެރިންގެ މައްޗަށް އޮތީ މިފަދަ މީހުން ނުބައިކަންތައްތަކުން ދުރުކޮށް، ހެޔޮކަންތައްތަކަށް އަދަބުވެރިކުރުވުމެވެ.

ތިންވަނަ ޤާޢިދާ: ތަޢުޔީނުކުރުން ޝަރުޠުނުކުރާކަމެއްގައި އޮޅުނުނަމަވެސް އޭގެން އަޅުކަމަށް އަޘަރެއްނުކުރާނެއެވެ. 

ތަޢުޔީންކުރުން ބެހިގެންވަނީ ދެބަޔަކަށެވެ.

1.         ތަޢުޔީނުކުރުން ލާޒިމުވެގެންވާ، ތަޢުޔީނުކުރުމުގެ ނިޔަތާނުލައި އަޅުކަން ޞައްޙަނުވާ ތަޢުޔީނުކުރުމެވެ. މީގެ މިޘާލަކީ ފަރުޟާއި ސުންނަތްތައް ފަރަޤުކުރުމެވެ. ފަރުޟުނަމާދާއި ސުންނަތްނަމާދު ނިޔަތުން ތަޢުޔީންކުރަންޖެހޭނެއެވެ. އެގޮތަށް ތަޢުޔީނުނުކުރާކަމުގައިވާނަމަ ޞައްޙައެއްނުވާނެއެވެ. ފަރުޟުރޯދައާއި ސުންނަތްރޯދަވެސް ހަމަމިފަދައެވެ. އަދި މެންދުރުނަމާދާއި ޢަޞުރުނަމާދު ތަޢުޔީނުކުރުން ލާޒިމުވާނެއެވެ. މިފަދަ ތަޢުޔީނުކުރުމަނުލައި މިފަދަ އަޅުކަންތައް ޞައްޙަނުވާނެއެވެ. 

2.         ތަޢުޔީނުކުރުން ލާޒިމުވެގެންނުވާ ތަޢުޔީނުކުރުމެވެ. މީގެ މިސާލަކީ މެންދުރުނަމާދަކީ ފަރުޟުނަމާދެއްކަމަށާއި، އެނަމާދުގެ ރަކުޢަތްތަކުގެ ޢަދަދު ތަޢުޔީނުކުރުމެވެ. އެހެނީ، މިއީ އެކަންކުރާމީހާ ތަޢުޔީނުކުރަންޖެހޭކަމެއް ނޫނެވެ. އެއީ ޝަރުޢުކުރެއްވިފަރާތުން ތަޢުޔީނުކުރައްވާފައިވާ ކަންކަމެވެ.

އެގޮތުން ޢުޛުރުވެރިވެފައިވާމީހަކު، މެންދުރުނަމާދުގެ ވަޤުތު ފާއިތުވެއްޖެކަމަށް ހީކޮށް ޤަޟާއަށް އެނަމާދުކޮށް ނިމުނުފަހުން ވަޤުތު އަދި ފާއިތުނުވާކަން އެނގިއްޖެކަމުގައިވާނަމަ، ނުވަތަ މިއާއިއިދިކޮޅަށް މެންދުރުނަމާދުވަޤުތުގައި ކަމަށް ހީކޮށް، އެވަޤުތު ދިޔަފަހުން އަދާއަށްކޮށް ނިމުނުފަހުން ވަޤުތު ފާއިތުވީކަން އެނގުނުނަމަވެސް އެމީހާގެ ނަމާދު ޞައްޙަވާނެއެވެ. އެހެނީ، މިފަދަ އޮޅުމަކުން އަޅުކަމުގެ އަޞްލަށް އެއްވެސް ބުރުލެއްނާރާނެއެވެ. އެހެނީ، އަކަމުގެ ޤަޞްދަކީ ވާޖިބު އަދާކުރުމާއި، ޒިންމާއިން ބަރީއަވުންކަމުގައިވީހިނދު އެކަން ޙާޞިލުވެއްޖެއެވެ. މިބުނެވިދިޔަގޮތުގައި ޤަޟާކުރުމާއި އަދާކުރުމުގައި ތަފާތުކަމެއް އެކުލެވިފައެއްނުވެއެވެ.

 

- އައްޝައިޚް މުޙައްމަދު ސިނާން

 

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް