އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު
ނިދަން އޮށޯންނަނީ ފަތިހު ނުތަ އަނެއް ދުވަހު ހޭލައި ވަރަށް ގިނަ ކަންތައްތަކެއް ކުރުމުގެ އުންމީދުގައެވެ. ނަމަވެސް ނުހޭލެވެނީސް ނިދީގައި ފުރާނަ ހިއްޕަވާ މީހުންނަކަށް ނުހޭލެވޭނެއެވެ. އެހިސާބުން އެމީހެއްގެ ކަންތައް ނިމުނީއެވެ. މިބުނީ ދުނިޔަވީ ޙަޔާތް ނިމުނީއެވެ. އުޚުރަވީ ޙަޔާތަށް ފެށުނީއެވެ.
ﷲ ބޭނުންފުޅުވެވޮޑިގެންނެވިނަމަ އިއްޔެވެސް ރޭ ވެސް އަދި ކޮންމެ ވަގުތަކުވެސް ތިބާގެ ފުރާނަ ހިއްޕެވީހެވެ. އެކަމަށް ހުރަސް އެޅޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެކަން ހުއްޓުވަން ކުރެވޭނެ ހަމައެއްވެސް ކަމެއް ވެސް ނުއޮންނާނެއެވެ.
ވީމާ ތިބާގެ ފުރާނަ ނުހިއްޕަވައި ލަސްކުރައްވަވާ ސަބަބާއިމެދު ފުންކޮށް ވިސްނައިލާށެވެ! އެއީ ތިބާއަށް ދެއްވަވާ އެންމެ ފުރުޞަތެވެ. އެންމެ މަތިވެރި ނިޢްމަތްވެސް މެއެވެ. ވީމާ ޝުކުރުވެރިވާށެވެ!
ޝުކުރުވެރިވުމަކީ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފުމެވެ. އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމެވެ. ނަރަކައިން ސަލާމަތްވުމުގެ މަސައްކަތް އަވަހަށް ކުރަން ފަށާށެވެ! ތިބާއަށް އެދެއްވަވަނީ ބަދަލުވުމުގެ ފުރުޞަތުކަމަށް ޔަޤީންކުރާށެވެ!
އެއްވެސް ފުރުޞަތަކީ ދާއިމީ ފުރުޞަތަކަށް ނުވާނެއެވެ. އަދި އެއްވެސް ފުރުޞަތަކީ އެމީހަކު ބޭނުންވާހައި ދުވަހަކަށް ދެމިގެންދާނެ ފުރުޞަތެއް ނޫނެވެ. ކޮންމެ ފުރުޞަތެއްވެސް ނިމުމަމަކަށް އަންނާނެއެވެ. ގެއްލޭނެއެވެ. ވީމާ މިކަންކަމަށް ވިސްނައި ކޮންމެ މީހަކުވެސް ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ! އަޚްލާޞްތެރި ތައުބާއަކުން ތައުބާވުން އަވަސްކުރާށެވެ!
ފުރުޞަތުގެ ބޭނުން ނުހިފާ ހުއްޓައި މަރުހިއްޕަވަން މަލާއިކަތާ ވަޑައިގެންފި ނަމަ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ހަމަ ފަޅި ސިކުންތެއްހައި އިރުގެ ތެރޭގައި ކޮންމެ މީހަކަށް ވެސް ޖެހޭނީ ދުނިޔެ ދޫކުރާށެވެ! ފަހުން ކުރަން ވިސްނައިގެން ހުރި އެއްވެސް ކަމެއް ނުކޮށް ޖެހޭނީ ކައްވަޅަށް ދާށެވެ! ވީމާ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފުމަށް އަވަސްވެގަންނާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 ޖޫން 2022