އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
ރައްޖާލުގެ ލަފްޒީ މާނައަށް ބަލައިފިނަމަ އެއީ ފިރިހެނުންނަށް ކިޔާ ނަމެކެވެ. ފިރިހެނެއްގެ ކިބައިގައި ހުންނަން ޖެހޭ ފިރިހެންވަންތަކަން ހުރުމުން ރައްޖާލް ކިޔައެވެ. މިޒަމާނުގައި ރައްޖާލަކަށްވަނީ ބޮކްސިންގ ތެޅުމަށާއި ރެސްލިން ކުރަން އެނގޭ، މޮޅަށް ވާހަކަ ދައްކައި އެމީހާގެ ބަސްވިއްކަން އެނގުމުންނެވެ.
ނަމަވެސް އަހަރެންގެ ކުރިމަތީގައި ޙަޤީޤީ ރައްޖާލުންނަކީ ފިރިހެނެއްގެ ކިބައި ހުރުމަށް އިސްލާމް ދީނުގައި ބަޔާން ކުރައްވަވާފައިވާ ޝަރުޠުތައް ފުރިހަމަވާ މީހުންނެވެ! ތަޤްވާވެރިކަމާއި އަޅުކަންކުރުމުގައި ސާބިތު މީހުންނެވެ. ގޭތެރޭގެ ދިރިއުޅުމުގައިވެސް އަދި ޢާއިލީ ދިރިއުޅުމުގައި ފިރިހެނަކަށްވީތީ ފުއްޕާފައި އުޅުމުގެ ބަދަލުގައި ހިތްތިރިކޮށް ފިރިހެނުންގެ މަސްއޫލިއްޔަތު އިސްލާމް ދީނުގައި އޮތް ގޮތަށް އަދާކުރާ މީހުންނެވެ.
ވީމާ ޙަޤީޤީ ރައްޖާލަކަށްވާށެވެ! ޤިޔާމަތް ދުވަހު ﷲ ތައާލާގެ ޙަޟްރަތުގައި ހުއްޓި ހުންނައިރު އެއްވެސް މަތިވެރިކަމެއް ލިބުން އޮތީ އެއިރުންނެވެ!
ބައެއް އިންސާނުން ފިރިހެނުންގެ ގޮތުގައި އަނެއް ބައަކު އަންހެނުންގެ ގޮތުގައި އުފަން ކުރައްވަވަނީ ﷲ ތަޢާލާއެވެ. އެއްވެސް މީހަކު ފިރިހެނެއްގެ ގޮތުގައި އަދި އަނހެނެއްގެ ގޮތުގައި ވެސް އުފަންވަނީ ﷲ ތަޢާލާ އެގޮތުގައި އުފަން ކުރެއްވެވުމުންނެވެ.
ބައެއް ފިރިހެނުން އެމީހުންނަކީ ފިރިހެނުން ކަމުގައިވީތީ ފަޚުރުވެރިވެއެވެ. އެއީ ލިބިފައިވާ ވަރަށް ބޮޑު ފަޚުރަކާއި މަތިވެރިކަމެއް ކަމަށް ޤަބޫލުކުރެއެވެ. ބާރުވެރިކަމެއް ކަމަށް ދެކެއެވެ. ނަމަވެސް އެއީ އެފަދަ އެއްވެސް ކަމެއް ނޫނެވެ.
މީސްތަކުންނޭވެ! މީސްތަކުންނަށް ކީރިތި ޤުރްއާނުގައި ކަންކަމަށް އަމުރުފުޅު ކުރައްވަވާފައިވާއިރު ފިރިހެނުންނަށް ނިޞްބަތް ކުރައްވަވައި ވަޙީ ކުރައްވަވާފައިވެއެވެ. ނަމަވެސް އެ އަމުރުފުޅުތަކަށް އަންހެނުންވެސް ޢަމަލުކުރަން ޖެހެއެވެ. ހުރިހާ އެންމެން ޢަމަލުކުރަން ޖެހެއެވެ. މިކަމުން ވެސް އެނގިގެން މިދަނީ "ފިރިހެން" މިނަމުން އެންމެހައި މީސްތަކުންނަށް ނިޞްބަތްކުރައްވަވާފައިވާ ކަމެވެ. ވީމާ ފިރިހެނެއްގެ ގޮތުގައި އުފަން ކުރައްވަވާފައިވުމަކީ ވަކި ޚާއްޞަކަމެއް އެ ކަމުން ލިބޭ ކަމެއް ނޫނެވެ.
ސުވާލަކީ ތިބާ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނާނެ ގޮތެކެވެ. ފިރިހެނެއްގެ ގޮތުގައިތޯއެވެ. އަންހެނެއްގެ ގޮތުގައިތޯއެވެ؟ ނޫނީ ހެޔޮލަފާ ތަޤްވާވެރި ޞާލިޙް ޢަމަލުތައް ކުރާ މީހެއްގެގޮތުގައިތޯއެވެ؟
--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
Advertisement
6 އޮގަސްޓް 2022