އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާމްދަނީ އިތުރުކުރުމަށާއި ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ރާއްޖެއަށް ހިފިދާނެ – ވާލްޑް ބޭންކް

އާމްދަނީ އިތުރުކުރުމަށާއި ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ރާއްޖެއަށް ހިފިދާނެ – ވާލްޑް ބޭންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އޭގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ލޮޅުމެއް އެރުމަށް ފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގަ އެވެ. ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެ ފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވާލްޑް ބޭންކުން މިއަދު ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނެފި އެވެ. 

ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ހާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރުމަށެވެ. އެކަމަކު މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ، ދެފުށް ފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ހަރަދުތަކާއި ދަރަނި އިންތިހާއަށް އަވަސްމިނެއްގައި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިފަދަ އިސްލާހީ ބަދަލުތަކަކީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތައް ފަދަ ބޭރުގެ ލޮޅުންތަކަށް ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާތީ، ވަރަށް މުހިންމު އިސްލާހުތަކެކެވެ. 

"މި ރިޕޯޓަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔަތުގެ ހަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ހަރަދުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބިދޭ ބާރެކެވެ،" ފިނޭންސް މިނިސްޓަރު އޮނަރަބަލް އިބްރާހިމް އަމީރު ވިދާޅުވި އެވެ. "އަދި އާމްދަނީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ އަދި ކުރިއަށް އޮތް ތާނގައި އިސްލާހީ މަސައްކަތްތަކަށް އެއްބާރުލުން ދީ، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ ފައިސާ ހަރުދަނާ ގޮތެއްގައި ކަނޑައެޅޭނެ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދޭނެ." 

ޕީއީއާރު ރިޕޯޓުގައި، ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން ދައުލަތުގެ އާމްދަނީ، ހާއްސަކޮށް ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ޕީއީއާރު ރިޕޯޓުން ވަނީ ދެނެގަނެފެ އެވެ. އޭގެ ތެރޭގައި، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓާ ކުރުން ހިމެނެ އެވެ. 

"ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވެސް ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާވާފައި. އޭގެ ތެރޭގައި، ޖީއެސްޓީ ރޭޓް ބޮޑުކުރުމާއި، ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އާއި ޕެންޝަން އެންމެ އިންސާފުވެރި ގޮތެއްގައި ދިނުމާއި، ދަރަނީގެ ގާނޫނެއް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން ހިމެނޭ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔަން. ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށް." 

ޕީއީއާރު ރިޕޯޓުގައި ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަކީ ދައުލަތުގެ ހަރަދުތައް ބެހުމުގައި މިހާރަށް ވުރެ އިންސާފުވެރި ގޮތަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހުތަކެވެ. މިސާލަކަށް، ބޯހިޔާވަހިކަމުގެ ދާއިރާގައި، އާމްދަނީއަށް ބިނާކޮށް ޓާގެޓްކޮށްގެން ސިޔާސަތުތައް ތަންފީޒު ކުރުމަކީ، ގެދޮރު އަމިއްލަ ކުރުމަށް އެޅޭ އިތުރު ބާރަކަށް ވާއިރު، އެއީ ކުލި ދައްކަމުން ގޮސް ގެދޮރު އަމިއްލަ ކުރުމަށް ހިންގާ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ދައުލަތުގެ މުވައްޒަފުން އުޖޫރައާ ގުޅޭ ގޮތުން، ނުހަމަކަން ހުންނަ އިނާޔަތްތަކުގެ ތެރެއިން ގިނަ އިނާޔަތްތައް އެއްހަމަކޮށް ނުވަތަ ދިނުން ހުއްޓާލާއި އަދި އިތުރު ގަޑީގެ އިނާޔަތް ވެސް ވަކި ވަރެއްގައި ހިފެހެއްޓުމަށް ނެޝެނަލް ޕޭ ކޮމިޝަނަށް ވިސްނިދާނެ އެވެ. އަލަށް އެކުލަވާލެވުނު ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ ރަނގަޅު މިސްރާބަށް އެޅުނު ފުރަތަމަ ފިޔަވަޅު ނަމަވެސް، މި އިސްލާހު ކާމިޔާބުކުރުމަށްޓަކައި، މުސާރަތަކަށް ކުރާ ހަރަދު ކޮންޓްރޯލް ކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުމާއި، އެ ނޫން ވެސް ކަމާ ގުޅޭ އިސްލާހުތައް ގެނައުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެންމެ ފަހު ކަމެއްގެ ގޮތުން، ސިވިލް ސާވިސްގައި 'ޑަބަލް ޕެންޝަން' ނައްތާލައި، ޕެންޝަން ނިޒާމުގެ ފައިދާ ލިބޭ މިންވަރު ހަރުދަނާކުރުމަށްޓަކައި، މިހާރު ރިޓަޔާކޮށްފައިވާ ފަރާތްތަކަށާއި މުސްތަގުބަލުގައި ރިޓަޔާ ކުރާ ފަރާތްތަކަށް، މި ސްކީމްގެ ފައިދާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހެ އެވެ. 

ޕަބްލިކް އެކްސްޕެންޑިޗަ ރިވިއު އަކީ، ވާލްޑް ބޭންކުގެ މައިގަނޑު އެނަލިޓިކަލް ޕްރޮޑަކްޓެކެވެ. މީގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ހަރަދުތަކުގެ ފެންވަރު ވަޒަންކޮށް، ގައުމުތަކުން ރަނގަޅު ކުރިއެރުމާއި ތަރައްގީގެ ނަތީޖާތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މާލީ އިސްލާހުތައް ދެނެގަތުމެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ހާއްސަކޮށް ޕީއާރު ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު