އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ޢާއިލާ ނުރުހުމުން އަނބިމީހާ ދޫކޮށްލާނެ ނަމަ ކައިވެނިނުކުރާށެވެ! އަނބިމީހާ ހިތުގަ ޖައްސުވާފަ ބާކީކޮށްލީމާ ގިނަ ފަހަރަށް ދިމާވާނީ މިފަދަ ނިކަމެތި ގޮތެކެވެ!

ޙަޤީޤީ ޙާދިސާ: ޢާއިލާ ނުރުހުމުން އަނބިމީހާ ދޫކޮށްލާނެ ނަމަ ކައިވެނިނުކުރާށެވެ! އަނބިމީހާ ހިތުގަ ޖައްސުވާފަ ބާކީކޮށްލީމާ ގިނަ ފަހަރަށް ދިމާވާނީ މިފަދަ ނިކަމެތި ގޮތެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު

"އަހަރެން ކަލެއާއި ކައިވެނިކުރުމަށްފަހު ކަލެއަށްޓަކައި އަހަރެން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ކަލޭގެ ހިތަށް ތަދުވާނެ ހަމަ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. ކުރި ހުރިހާ ކަމެއް ކޮށްފައިވާނީ ކަލެއަށް އުފާވެރިކަން ހޯދައިދޭށެވެ. 

އަހަރެންވެސް ވަޒީފާ އަދާކުރަމެވެ. ފައިސާވެސް ހޯދަމެވެ. އަހަރެން ކަލޭގެ ކިބައިން އެއްވެސް ކަމަކަށް އެދިފައެއް ނުވާނެއެވެ. އެއްވެސް އެއްޗެއް ގަނެދޭން ބުނެފައެއް ނުވާނެއެވެ. ދެމީހުން އެކުގައި ކެއުމަކަށް ދިނަމަވެސް ޗުއްޓީއެއް ހޭދަކުރިނަމަވެސް ޚަރަދުކޮށްފައިވާނީ އަހަރެންނެވެ. އެއިގެ އިތުރުން ގެއަށް ބޭނުންވާ ޚަރަދުވެސް ކުރަމެވެ. 

މިހުރިހާ ކަމެއް މިހެން ކުރަމުން މަސައްކަތުން އެނބުރި ގެއަށް އައުމަށްފަހު އަރާމުކުރާކަށް މަޑެއް ނުކުރަމެވެ. ގޭގެ ކަންކަމުގައި ބައިވެރިވެ މަސައްކަތްކުރަމެވެ. ކައްކައިދެމެވެ. ގޭތެރެ ސާފުކޮށް ތަރުތީބުކޮށްދެމެވެ. 

މިހުރިހާ މަސައްކަތާއި ކަންކަން ކުރީ ކަލޭ އަހަރެން ބަލައިގަނޭތޯއެވެ؟ ކަލޭގެ ޢާއިލާއިން އަހަރެންނަށް ޙައްޤު މަޤާމް ޢާއިލާއިން ދޭތޯއެވެ؟ ނަމަވެސް ފާއިތުވި 5 އަހަރުގެ ތެރޭގައި އަހަރެންނަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން ހިތް ހަމަޖެހުމެއް ހެއްޔެވެ؟ 

އެންމެފަހުން މީގެ ދެ ހަފްތާކުރިން ކަލޭގެ ޢާއިލާގެ މީހުންގެ ޕްރެޝަރުތަކަށް ނަމަވެސް ވަރަށް އަވަހަށް އަހަރެން ދޫކޮށްލާނެ ކަމަށް ބުނިއަޑު އެހީ މިކަންފަތުންނެވެ. އަހަރެން އެއިރު ފަރުދާވެގެންހުރެ ކަލޭމެން ދެއްކި ހުރިހާ ވާހަކަތަކެއްގެ އަޑު އެހީމެވެ. 

އަހަރެންގެ ޙަޔާތާއިމެދު އަހަރެން ގޮތެއް ނިންމައިފީމެވެ. އެއީ ކަލޭ ވަރިކޮށް ފޮނުވާލުމުގެ ކުރިން މިގެއިން ދިއުމެވެ. އަހަރެން މިދަނީއެވެ. 3 ދުވަސްތެރޭ ވަރިކޮށް ނުދިންނަމަ ކޯޓަށްދާނަމެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ. ފުދި އިތުރުވެއްޖެއެވެ." 

5 އަހަރުވަންދެން ކައިވެނިކޮށްގެން އުޅުނު އަނބިމީހާ ދެއްކި ވާހަކަތަކަކީ ޙަޤީޤަތް ކަމަށްވުމުން ބުނެވޭނެ އެއްޗެއް ނެތެވެ. އިރުކޮޅަކު ހުރެފައި ބުނީ އަދި އިހަށް މަޑުކޮށްލައި ދިނުމަށެވެ. އަނބިމީހާ ބުނީ ތިއަ ބަސް މިދިއަ 5 އަހަރުތެރޭ ހަމަ ތިއަދުލުން ބުނެވުނު އަދަދު ދެނެވޮޑިގެންވަނީ ލިޔުއްވަވާ މަލާއިކަތުން އެކަނި ކަމަށާއި ތިއައީ އެއްވެސް ބުރަދަނެއް ހުރި ބަހެއް ނޫން ކަމަށެވެ. 

އަނބިމީހާ ބުނީ ދެމީހުންނަށް ލިބޭ މުސާރައިން ތަނެއް ކުއްޔަށް ހިފައިގެން ވަކިންވެސް ދިރިއުޅެވޭނެ ކަމަށެވެ. ނަމަވެސް ޢާއިލާގެ ބަސް ޤަބޫލުކުރަން ހަދައިގެން އެކަމަށް އެދި ކުރި އާދޭސްތައްވެސް ޤަބޫލުނުކުރުމުން ދެން އިތުރަށް އަނިޔާލިބެން ބޭނުން ނުވާކަމަށެވެ. 

އަނބިމީހާ ގެއިން ނުކުމެގެން ދިއައީއެވެ. ކޯޓަށް ގޮސް ވަރިވެސްވީއެވެ. ފިރިމީހާއަށް އަނބިމީހާގެ އަގު ވަޒަންކުރެވުނީ އެހިސާބުންނެވެ. ގުޅަން ބެލިއިރު ނަންބަރުވެސް އޮތީ ބްލޮކްކޮށްފައެވެ. ގުޅޭނެ ގޮތެއްވެސް ނެތެވެ. 

ޢާއިލާއިން ބޭނުންވި ކަންތައް ޙާޞިލްކުރެވުނެވެ. ދެމަފިރިން ވަކިކުރެވުނެވެ. ނަމަވެސް ދަރިފުޅު ބަދަލުވީ މަސްތުވާ ތަކެތި ބޭނުންކުރާ މީހަކަށެވެ. އެކަންކުރަންހަދައިގެން ވަޒީފާވެސް ގެއްލުނީއެވެ. ގެއިން ވައްކަންކުރަންވެސް ފެށީއެވެ. އެހިސާބުން އެންމެން ފެށީ އޭނާއަށް އެއްޗެތިގޮވާށެވެ. 

އަނބިމީހާ ދެވަނަ ކައިވެނިކުރިއެވެ. ދިރިއުޅެނީ ފައިސާ އެއްކޮށްގެން އޭނާ ހަމަ މިމާލެއިން ގަތް 2 ކޮޓަރީގެ ފްލެޓެއްގައެވެ. ދިރިއުޅެމުން އަންނަނީ ނުހަނު އުފާވެރިކަމުގައެވެ. ފިރިމީހާގެ އަޅައިލުން ބޮޑުވެފައި ލޯބިދޭތީ ކުރީގެ ފިރިމީހާގެ މަތިން މިހާރަކު ހަނދާނެއްވެސް ނުކުރެއެވެ. އެހެނަސް އެހަނދާންތަކާއި ދުރުވެވޭކަށްވެސް ނެތެވެ. ވަރިވިއިރު ނުއެނގުނު ނަމަވެސް ވަރިވެވުނީ ބަލިވެ އިންދައެވެ. ވީމާ ދަރިއަކު ވަނީ ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ އެންމެ ގާތް 3 އެކުވެރިންގެ ތެރެއިންވެސް އެންމެ ގާތް އެކުވެރިޔާގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ޢާއިލާ ނުރުހުމުން އަނބިން ދޫކޮށްލާނެ ނަމަ ކައިވެނިނުކުރާށެވެ! ޢާއިލާގެ ނުރުހުމުގައި ކައިވެނިކުރަންވާނީ ޢާއިލާއިން ކިތަންމެ ވަރަކަށް ނުރުހުނު ނަމަވެސް ވަކިނުވެ ދިރިއުޅޭނެ ގަޓް އެމީހާގެ ގައިގައި ހުރި ނަމައެވެ. 

ދެން ބުނެލަން ބޭނުންވަނީ ކިތަންމެ ނުރުހުނު ނަމަވެސް ދަރިއަކު ކައިވެނިކޮށްފިނަމަ އެހިސާބުން އޮތީ އެކަން ބަލައިގަތުމެވެ. ނޫންނަމަ ފަހުން ކުރަން ޖެހޭ ހިތާމަ މާބޮޑުވެދާނެއެވެ. މިހާދިސާއިންވެސް އެނގިގެންދަނީ އެކަމެވެ. 

- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް