އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ފުރާނައަށްވުރެ އަނބިމީހާ ދެކެލޯބިވާކަން ޔަޤީންކުރެވުމުން "ޢުމުރަށް ބޭސްކަން ޖެހޭނެކަމަށް ޑޮކްޓަރުން ބުނި ބަލި" ފިލައިގެންދިއަ އަންހެނެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ފުރާނައަށްވުރެ އަނބިމީހާ ދެކެލޯބިވާކަން ޔަޤީންކުރެވުމުން "ޢުމުރަށް ބޭސްކަން ޖެހޭނެކަމަށް ޑޮކްޓަރުން ބުނި ބަލި" ފިލައިގެންދިއަ އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ ކައިވެނިކުރުމަށްފަހު އެއްވެސް މީހަކަށް އުނދަގޫނުކޮށް އަމިއްލައަށް ދިރިއުޅެން މަސައްކަތްކުރަން ނިޔަތްގަނެގެން އެކަމަށް މަސައްކަތްކުރަމުން އައި އަންހެނަކީމެވެ. އެންމެ ކުޑަިއރުވެސް މައިން ބަފައިން ގާތުގައި ވެސް ކަންކަމު ވަރަށް ނުކިޔަމެވެ. އަމިއްލަ ކަންކަން ކުރަން މަސައްކަތްކުރީ އިންޓޯލަށް ދޭ ފައިސާ ބާކީކޮށްގެންނެވެ. އެއިރުންސުރެ ކުރިން މިބުނި ގޮތަށް ހުންނަނީ ނިޔަތްގަނެގެންނެވެ. 

ކިޔަވައި ނިމުމާއިއެކު ކުރާނެ މަސައްކަތެއް ހޯދައި ވަޒީފާއަދާކުރަންފެށީމެވެ. ކައިވެނިކުރީވެސް ދިރިއުޅޭނެ 1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށްފަހުގައެވެ. ކުރަންޖެހޭ ހުރިހާ ޚަރަދެއް ދެމީހުން ޙިއްޞާކުރަން ކުރިއާލައި ފިރިމީހާ އެއްބަސްވެސް ކުރުވީމެވެ. ކައިވެނިކުރީ އޭނާ އެކަން ޤަބޫލުކުރުމުންނެވެ.  

ކައިވެނީގެ 3 ވަނަ އަހަރު ފިރިމީހާގެ ވަޒީފާ ގެއްލި ދުވަސްތަކަކު ވަޒީފާނެތި ހުންނަން ޖެހުނެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ކުރަން އުނދަގޫވިއެވެ. ޤަވާއިދުން ކުލި ނުދެއްކުމާއި ބިލްތައް ނުދެއްކި ފުނިޖެހުން ފަދަ ކަންކަން ކުރިމަތިވިއެވެ.  

އެދުވަސްވަރުވެސް ފިރިމީހާ އޭނާގެ މަންމަގެ އަތުން ފައިސާ ހޯދައެވެ. ނަމަވެސް ލާރިހޯދައިގެން ކުރާ ކަމަކީ އޭނާއަށް ކޮންމެހެން ބޭނުންނުވާތަކެތި ގަތުމެވެ. ބިލްތަކާއި ކުލިވެސް ނުދެއްކިގެން އުޅޭއިރު ކޮންމެހެން ބޭނުންނުވާތަކެތި ހޯދާތީ އަޅުގަނޑު އައީ ޝަކުވާކުރަމުންނެވެ. އޭނާ ބުނަނީ އޭނާއަށް ވަޒީފާއެއް ލިބުމުން ހުރިހާ ކަމެއްވެސް ހަމަޖެހޭނެ ކަމަށެވެ. ޒުވާބެއް ނުކުރަމެވެ. ނަމަވެސް ނަޞޭޙަތްދެމެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުލިދެއްކުމާއި ބިލްތައް ދެއްކުންކަން ވިސްނައިދޭން މަސައްކަތްކުރީމެވެ.  

އެހާލަތުގައި ނުވިސްނަން ހުރިނަމަވެސް ވިސްނުނެވެ. ފިކުރުބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެ ލޭމައްޗަށްދާންފެށިއެވެ. ޑޮކްޓަރުން ބުނީ ދެންޖެހޭނީ މެދުނުކަނޑައި މުޅި ޢުމުރުގައިވެސް ބޭސްކާން ކަމަށެވެ. އެކަމާއި ހުރީ ވަރަށް ދެރަވެފައެވެ. 

އެމައްސަލަ ކުރިމަތިވިތަނާހެން ފިރިމީހާއަށް ވަޒީފާއެއް ލިބުނެވެ. ފައިސާލިބެންފެށިއެވެ. އަޅުގަނޑުގެ ޞިއްޙަތާއިމެދު އޭނާ ވިސްނަން ފެށިއެވެ. ފުރަތަމަ ކަމަކަށް އަޅުގަނޑަށް އަންގައިވެސް ނުލާ އޭނާ ހޯދާފައި ހުރި ކޮންމެހެން ބޭނުންނުވާ ހުރިހާއެއްޗެއް އޭނާގެ ރައްޓެހިންނަށް ވިއްކައިލިއެވެ. ލިބުނު ފައިސާގެނެސްދިނީ އަޅުގަނޑުގެ އަތަށެވެ. ބުނީ އެފައިސާއިން ބިލްތައް ދައްކައި ސިކުނޑިއަށް ލުއިކުރުމަށެވެ. ދުވަސްކޮޅެއްފަހުން ދެވަނަ ވަޒީފާއެއްވެސް ހޯދިއެވެ. ވަޒީފާ ހޯދާފައި އަޅުގަނޑު ގާތުގައި ބުނީ ވަޒީފާއިން ވަކިވެ ގޭގައި ހުރުމަށެވެ.  

"އަހަރެން ހޯދި ހުރިހާއެއްޗެއް ވިއްކައިލީ ހުރިހާ އެއްޗަކާ އަހަރެންގެ އަމިއްލަ ނަފްސަށްވުރެ އަނބިމީހާ މުހިންމުވީމައެވެ. އެއެއްޗެއްސާއި ނުލައި އުޅެވިދާނެއެވެ. ނަމަވެސް ކަލާއާއި ނުލައި ނުއުޅެވޭނެއެވެ. ދެވަނަ ވަޒީފާއެއް މިހޯދީ ބުރަމަސައްކަތްކުރުމުން އަހަރެންނަށް ލިބިދާނެ ގެއްލުމަކަށްވުރެ ކަލާއަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވީމައެވެ. ވީމާ ދެން ވަޒީފާ ދޫކޮށްލައި އަރާމުކުރަން ގޭގައި ދުވަސްކޮޅަކު މަޑުކޮށްލާށެވެ."  

ފިރިމީހާ އެހެން ބުނެފައި ބައްދައިލުމުން ލިބުނު އުފާވެރިކަން ދުލުން ކިޔައެއް ނުދެވޭނެއެވެ. ނުވެސް ލިޔެވޭނެއެވެ. ބުނީމެވެ. "ކަލާގެ ކިބައިން މިލިބުނު ބޮޑު ހިތްހަމަޖެހުމާއިއެކު ބަލި ރަނގަޅު ނުވެއްޖެނަމަ އިސްތިޢުފާ ދޭނަމެވެ. ހީވަނީ ސިކުނޑިއަށް ލިބުނު ލުޔާއި ތިއަ ބުނި ބަސްތަކުން ލިބުނު އުފާވެރިކަން ބޮޑުކަމުން ބަލިވެސް ފަސޭހަވެދާނެ ކަމަށެވެ. ނިކަން ބަލައިލަމާ ހިނގާށެވެ."  

އަޅުގަނޑު އިސްތިޢުފާއެއް ނުދެމެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިން ޝިފާލިބި ބޭސްކާން ނުޖެހޭވަރުވިއެވެ. ސަބަބަކީ ކުރިން ބުނިފަދައިން ސިކުނޑިއަށް ލިބުނު ހަމަޖެހުމާއި ފިރިމީހާ އަޅުގަނޑުދެކެ އެހައި ބޮޑަށް ލޯބިވާކަން އެނގުމުން ލިބުނު އުފާވެރިކަމެވެ.  

ދުވަސްކޮޅެއް ފަހުން ފިރިމީހާ ދެވަޒީފާއަދާކޮށްގެން ހޯދި ފައިސާ އާއި އަޅުގަނޑަށް ލިބުނު މުސާރައިން ބާކީކުރެވުނު ވަރު އެއްކޮށްގެން ފިރިމީހާ ކުޑަ ވިޔަފާރިއެއް ފެށިއެވެ. އެވިޔަފާރި ކުރިއަރައި މިއަދުވަނީ މެދުމިނުގެ ސްޕަމާކެޓަށްވެފައެވެ. މިހާރު އަޅުގަނޑުވެސް ވަޒީފާދޫކޮށްލައި ގޭގައި ހުރެގެން ފިރިމީހާގެ މަސައްކަތަށް ވެވުނު ވަރަކުން އެހީތެރިވެދެނީއެވެ. ދިރިއުޅެނީވެސް އަމިއްލަ އެޕާޓްމަންޓެއްގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައި މިލީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތުގެ ވާހަކައެވެ. ހުށަހަޅައިލީ ވަރަށް ބޮޑު ބޭނުމަކުއެވެ. އެއީ ފިރިމީހާ ވަޒީފާނެތި ހުރިއިރު މައިންބަފައިން އަތުން ފައިސާ ހޯދައިގެން އެގޮތަށް ޚަރަދުތައް ކުރަން ފެށުމުން ގިނަ އެކުވެރިން ނަޞޭޙަތްދިނީ އޭނާ އާއި ވަކިވުމަށެވެ. އެމީހުން ކިޔާވަރުން ވަރިނުވެވުނީވެސް ހަމަކިރިޔާއެވެ.  

އަޅުގަނޑުގެ ވިސްނުމަކީ ބައިވެރިޔާގެ ކިބައިގައި އުނިސިފައެއް ހުރިނަމަވެސް ތެދުވެރިކަމާއިއެކު ލޯބިދީގެން އެކުގައި ދިރިއުޅެން މަސައްކަތްކުރާނަމަ އުނިސިފަ އިޞްލާޙްކުރެވޭނެއެވެ. އިޞްލާޙްނުވާނެ މީހުންގެ ކިބައިން ނުބައި އެހެން ބައިވަރު ސިފަތައް ފެންނާނެއެވެ. ވީމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވާއިރަށް އެހައި އަވަހަށް ވަރިއާއި ދިމާއަށް މިސްރާބް ނުޖަހާށެވެ. އެމީހެއްގެ ބައިވެރިޔާގެ ކަންކަން އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެމީހަކަށެވެ. ވީމާ ބުއްދީގެ ބޭނުންކުރާށެވެ.  

މިއީ އަޅުގަނޑުގެ ވިސްނުމެވެ. ޚިޔާލަކީ ތަފާތުވެސް އެއްޗެކެވެ.  

- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް