އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްދީނާއި މުސްލިމުންނަށް ޚިދުމަތްކުރުމަށް އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާއިން ކުރަމުންދާ މަސައްކަތްތައް-

އިސްލާމްދީނާއި މުސްލިމުންނަށް ޚިދުމަތްކުރުމަށް އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާއިން ކުރަމުންދާ މަސައްކަތްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 34 ސިކުންތު

އައްޝައިޚް އަހްމަދު ރިމާޒް

 

جهود المملكة العربية السعودية في خدمة القضايا الإسلامية

އިސްލާމްދީނާއި މުސްލިމުންނަށް ޚިދުމަތްކުރުމަށް އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާއިން ކުރަމުންދާ މަސައްކަތްތައް

أحمد رماز المالديفي

އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާއަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމުގެ ތައުޙީދުގެ ސައްޙަ ޢަޤީދާގެ މަތީގައި ބިނާވެފައިވާ ސުންނީ މުސްލިމު ދައުލަތެކެވެ. ﷲ ތަޢާލާގެ އެންމެ ފަހުގެ ރިސާލަތު ބާއްވައިލެއްވުނު މާތް ބިމުގެ މަތީގައި ޤާއިމުވެފައިވާ ސަޢޫދީ ދައުލަތަކީ، ޙުރުމަތްތެރިވެގެންވާ ދެޙަރަމްފުޅުގެ ޚާދިމު ދައުލަތެވެ. މައްކާއާއި މަދީނާގެ ބިމުން ފާޅުވި ﷲ ތަޢާލާގެ ނޫރުފުޅު، މުޅި ދުނިޔެއަށް ފެތުރުމުގެ މާތް މަޤްސަދާއި، ޢަޒުމުގެ މަތީގައި ޘާބިތުވެ އޮތް ދައުލަތެކެވެ. ﷲ ތަޢާލާގެ ރިސާލަތު މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަކީ ސަޢޫދީ ދައުލަތުގެ މައްޗަށްވާ ލާޒިމުކަމެއް ކަމުގައި ދެކިގެން ކުރިއަށްދާ ދައުލަތެކެވެ. މިމަޤާމުގައި ދެން އަލިއަޅުވާލާނީ ސަޢޫދީ ދައުލަތުން އިސްލާމްދީނާއި މުސްލިމުންގެ ޙައްޤުގައި ކުރަމުންދާ މަސައްކަތްތަކަށެވެ.

-       އިސްލާމްދީން ފޯރުކޮށްދޭނެ ދާޢީން ތައްޔާރުކުރުމާއި، ދާޢީންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

-       އިސްލާމްދީނާއި، އިސްލާމީ ތަރިކަތަކާއި ބިންތަކާއި، ޝިޢާރުތަކުގެ ދިފާޢުގައި ތެދުވުން.

މިގޮތުން ފަލަސްތީނާއި، މަސްޖިދުލް އަޤްސާގެ މައްސަލައަކީ ސަޢޫދީ ދައުލަތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ މައްސަލައެކެވެ.

-       ކާރިޘާ ތަކާއި މުސީބާތްތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުން.

ދުނިޔެއަށް ދިމާވާ އެކިއެކި ކާރިޘާތަކުގައި ހިލޭ އިންސާނީ އެންމެ ބޮޑު އެހީއެއްދޭ ދައުލަތަކީ ސަޢޫދީ ދައުލަތެވެ.

-       ޙައްޖުވެރިންނާއި، ޢުމްރާވެރިންނަށް ޚިދުމަތްކުރުން.

މިގޮތުން ޙައްޖުވެރިންނާއި ޢުމްރާވެރިންގެ އަޅުކަން ފަސޭހަކަމާއި އެކީ އަދާކުރެވޭނެހެން ދެޙަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫޢުތަކާއި، މިނާ، މުޒްދަލިފާ، އަދި ޢަރަފާތް ބިމުގައިވެސް އަޅުކަމުގެ ކަންކަން ފަސޭހަކުރުމަށް ހިންގާ މަޝްރޫޢުތައް ފާހަނގަކޮށްލެވެއެވެ. އަދި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ހިލޭ މުޞްޙަފާއި، ދީނީ ފޮތްތަކާއި، ޒަމްޒަމް ފެން ބެހުމުގެ މަޝްރޫޢަކީވެސް ފާހަނގަކޮށްލެވޭ މަޝްރޫއެކެވެ.

-       އިސްލާމްދީނުގެ ސަމާޙަތްތެރިކަމާއި، ފުރިހަމަކަމާއި، މެދުމިނުގެ މަންހަޖުތައް މުޅި ދުނިޔެއަށް ބަޔާންކޮށްދީ އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަސައްކަަތްކުރުން.

-       މުޞްޙަފާއި ދީނީ ފޮތްތައް އެކި ބަސްބަހަށް ތަރުޖަމާކޮށް، ހިލޭ ބެހުން.

މިގޮތުން މުޖައްމަޢު އަލްމަލިކް ފަހުދު ޤުރުއާން ކޮންޕެލެކްސް އަކީ ޤުރުއާން ޕްރިންޓްކޮށް، ޤުރުއާނުގެ ތަރުޖަމާތައް އެކި ބަސްބަހުން ތަރުޖަމާކޮށް ޕްރިންޓްކޮށް، ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ހިލޭ ބެހުމަށް ޚާއްސަ ކޮންޕެލެކްސް އެކެވެ. މިކަމަށް ސަޢޫދީ ދައުލަތުން ކުރާ ބޮޑު ހޭދައަކީ ބަރަކާތްތެރި ހޭދައެކެވެ. އަދި މުޖައްމަޢު ޚާދިމުލް ޙަރަމައިނިއްޝަރީފައިން އަލްމަލިކް ސަލްމާނުގެ ނަމުގައި، ނަބިއްޔާ ގެ ޙަދީޘަށް ޚިދުމަތްކުރުމަށް ހަދާފައިވާ މަރްކަޒަކީވެސް ތަޢުރީފު ޙައްޤު މަސައްކަތެކެވެ.

-       މިސްކިތްތައް އެޅުމާއި، އަޅައި އެތަންތަނަށް ޚަރަދުކުރުން.

މިގޮތުން ޕާކިސްތާނުގައިވާ އަލްމަލިކް ފައިސަލް މިސްކިތާއި، ދިވެހި ރާއްޖޭގައިވާ އަލްމަލިކް ސަލްމާން މިސްކިތް ފާހަނގަ ކޮށްލެވެއެވެ.

-       ބޮޑެތި ޢިލްމުވެރިން ދުނިޔޭގެ އެކި ޤައުމުތަކަށް ފޮނުވައިގެން އިސްލާމްދީނުގެ ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ، މުސްލިމުންގެ ޢަޤީދާ ހަރުދަނާކުރުން.

-       ޔުނިވާސިޓީތައް ހަދައި އިސްލާމީ ތަޢުލީމު ފުޅާކުރުން.

މިގޮތުން ބަލާއިރު މަދީނާގައިވާ އިސްލާމިކް ޔުނިވަސިޓީއަކީ ފާހަނގަކޮށްލެވޭ ތަނެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުން މުސްލިމު ދަރިވަރުންނަށް ސްކޮލާޝިޕްތައް ދީ، ދީން އުނގަންނައިދިނުމަށް ހިންގާ މަޝްރޫޢަކީ ތަޢުރީފު ޙައްޤު ބަރަކާތްތެރި މަޝްރޫއެކެވެ.

-       ޣައިރު މުސްލިމު ޤައުމުތަކުގައި އުޅޭ މުސްލިމުންގެ ޢަދަދު މަދު މުޖުތަމަޢުތަކަށް ޚިދުމަތްކުރުން.

މިގޮތުން އެފަދަ މުޖުތަމަޢުތަކުގައި އިސްލާމީ މަރުކަޒުތައް އަޅައިދީ، އިމާމުންނާއި، ދީނީ ޢިލްމުވެރިން އުފައްދާ، އިޖްތިމާޢީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

-      ދީނީ ހައްދުފަހަނައެޅުމާއި، ރާފިޟާއިންނާއި، އެންމެހައި ބާތިލު ފިކުރުތަކާއި ދެކޮޅަށް ޖިހާދުކުރުން.

-      ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ނަމުގައި މުއައްސަސާއެއް ހަދައި އިސްލާމީ ދަޢުވަތު ހަރުދަނާކުރުން.

-      އޯއިސީގެ ނަމުގައި ޖަމްޢިއްޔާއެއް ހަދައި އިސްލާމީ ދައުލަތްތައް އެއްބައިވަންތަކުރުމަށް މަސައްކަތްކުރުން.

-      އަލްމަޖްމަޢުލް ފިޤްހުލް އިސްލާމީގެ ނަމުގައި ފިޤްހު އެކެޑަމީއެއް އުފައްދައި، ޒަމާނީ ފިޤްހީ މައްސަލަތަކަށް ޙުކުމްތައް ނެރުން.

-      ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތުގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާ މުސްލިމު ޒުވާނުންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.

-      އިސްލާމީ ޤައުމުތަކުގެ މެދުގައިޔާއި، ޣައިރު މުސްލިމު ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުން.

-      އިސްލާމްދީނުގެ އެތެރޭގެ ދުޝްމަނުންނާއި، ބޭރުގެ ދުޝްމަނުންގެ ކިބައިން އިސްލާމީ ދައުލަތްތައް ސަލާމަތްކުރުމަށް ޢަސްކަރީ ގޮތުން އެހީތެރިވުން.

-      އިސްލާމީ ބޭންކިން ނިޒާމު ކުރިއަރުވައި ހަރުދަނާކުރުމަށް މާލީ، އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

-      މުސްލިމުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށް އަގުބޮޑު އިނާމުތަކާއި އެކީ ޤުރުއާން މުބާރާތްތައް ބޭއްވުން.

-      ޔުނެސްކޯ ފަދަ އދ ގެ ގުނަވަންތަކުގެ މަޝްރޫޢުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މިގޮތުން ސްކޫލުތަކާއި، މަދަރުސާތަކާއި، މަޢުހަދުތަކާއި، ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތައް އެޅުމަށާއި، ބަނޑުހައިހޫނުކަމާއި ހަނަފަސްކަން ކުރިމަތިވެފައިވާ ޤައުމުތަކަށާއި، ހަނގުރާމައިގެ ރެފިއުޖީންނަށް ވެފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި އަންނައުނާއި ބޭސް ފޯރުކޮށްދިނުން.

-      އިސްލާމީ ޤައުމުތަކުގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވުމަށް މާލީ އިދާރާތަކާއި، ފަންޑުތައް އުފައްދައި އެހީތެރިވުން.

Advertisement

ކޮމެންޓް ކުރެއްވުމަށް