އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޢުދީ ޢަރަބިއްޔާ ދިފާޢުކުރަންވީ ކީއްވެ!

ސަޢުދީ ޢަރަބިއްޔާ ދިފާޢުކުރަންވީ ކީއްވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

- ޝައިޚް މުޙައްމަދު ލަޠީފް 

 

ޝައްކެއްނެތެވެ! ސަލަފީ ދަޢުވަތަކީ، ދަޢުވަތުދިނުމުގައި ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކުރައްސަވައިދެއްވި ގޮތެވެ. އެދަޢުވަތުގެ އަސާސަކީ، ކީރިތި ޤުރްއާނާއި، ނަބަވީ ސުންނަތެވެ. އެދައުވަތުގެ މަންހަޖާއި ދުސްތޫރުކީ އެއީ އެވެ. ސަޢޫދީ ޢަރަބިއްޔާގެ ވެރިން ޒަމާނުއްސުރެ އެބައިމީހުންގެ ދުސްތޫރުގައި ކަނޑައަޅައި އެތަން ހިންގުމަށް އިޚްތިޔާރުކުރެއްވި މަންހަޖަކީ އެއީއެވެ. 

ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ސުންނަތް މީސްތަކުންނަށް ދަސްކޮށްދީ އެ ދިރުވައި، ޞައްހަ ޢަޤީދާ މީސްތަކުންގެ މެދުގައި ފެތުރުމަށް ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތާއި، ޢަދުލު އިންޞާފު ޤާއިމްކޮށް، ދެޙަރަމަށް ޚިދުމަތްކުރުމާއި، އެ ދެޙަރަމްފުޅަށް ޒިޔާރަތްކުރާ މީހުންނާއި، ޙައްޖާއި، ޢުމްރާކުރަން އަންނަ މީހުންނަށްދޭ މަތިވެރި ޚިދްމަތްތަކާއި، اَللَّهُ سُبْحَانَهُ وَتَعَالَى  ސަޢޫދީ ޢަރަބިއްޔާއަށް ދެއްވާފައިވާ ތަނަވަސް ރިޒްޤުން މީސްތަކުން އެހީތެރިކަން ފޯރުކޮށްދީ އުޅުމުންނާއި، އަދި އެނޫންވެސް ގިނަގުނަ ޚިދްމަތްތަކުގެ ސަބަބުން، اَللَّهُ سُبْحَانَهُ وَتَعَالَىވަނީ، ސަޢުދީ ޢަރަބިއްޔާއަށް މުޅި ދުނިޔޭގައިވެސް، ވަކިން ޚާއްޞަކޮށް އިސްލާމީ ދުނިޔޭގައި މަތިވެރި މަޤާމެއް ދެއްވާ، އެތަނަކީ އަމަން އަމާން ތަނެއްކަމުގައި ލައްވާފައެވެ. 

އެކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ހަސަދަވެރިވާ ބަޔަކުވެސް އުޅެއެވެ. އެހެންކަމުން ސަޢޫދީ ޢަރަބިއްޔާގެ ނަން ހުތުރުކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްތައް ކުރެއެވެ. ބައެއްފަހަރު ހަރުކަށި ފިކުރު ފަތުރާ ބައެއްގެ ގޮތުގައި ސިފަކުރެއެވެ. އަނެއްބައި ފަހަރު، އާދީނެއް ގެނެސްގެން އުޅޭ ވައްހާބީންނޭ ކިޔައި، ތަފާތު ލަގަބުތައް ދީއުޅެއެވެ. ބޭނުމަކީ މީސްތަކުން އެބައިމީހުންނާމެދު ނަފުރަތު ކުރުވުމެވެ. 

ލޮބުވެތި އަޚުންނާއި، އުޚްތުންނޭވެ! މީސްތަކުންގެ މެދުގައި ޞައްޙަ ޢަޤީދާ ފެތުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މިންނަތް މަސައްކަތުގެ ސަބަބުން އެ ޢަޤީދާ ފޯރާފައިނުވަނީ ދުނިޔޭގެ ކޮން ހިސާބަކަށްތޯއެވެ؟ 

ސަޢޫދީ ޢަރަބިއްޔާވަނީ ރަނގަޅު ތަޢުލީމު ދިނުމަށްޓަކައި ދުނިޔޭގެ ހުރިހާ ހިސާބަކުން އެތާނގެ ޔުނިވަރސިޓީތަކަށް ވަނުމަށް ހިލޭ ސްކޯލާޝިޕް ދީފައެވެ. މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް މިހާތަނަށް އެތައް ސަތޭކަ ދަރިވަރުންނެއްވަނީ އެ ޔުނިވަރުސިޓީތަކަށް ޤަބޫލުކޮށްފައެވެ. އަދި ހަމަ އެހެންމެ ސަޢޫދީ ޢަރަބިއްޔާގެ މާއްދީ އެހީތެރިކަމާއި، މަޢުނަވީ އެހީތެރިކަން ފޯރާފައިނުވަނީ ކޮން ޤައުމަކަށްތޯއެވެ؟ މިކަންކަމަކީ، ހަމަ ގައިމުވެސް ފާސިދު ޢަޤީދާގެ އަހުލުވެރިންނާއި، ބިދުޢަވެރިންނާއި، ޟަލާލަތުގެ އަހުލުވެރިންނާއި، އަދި ކާފިރުންގެ މޭކަރާނެ ކަންތައްތަކެވެ. އެކަމާ ދެކޮޅުވެރިވާނެ ކަންތައްތކެވެ. އައްޝައިޚް އިބްނު ބާޒުއާއި، އަދި އައްޝައިޚް އިބްނު ޢުޘައިމީން رَحِمَهُمَا اللهُ ވިދާޅުވެފައިވެއެވެ. "ޞައްޙަ ޢަޤީދާއަށް ނަޞްރުދީ އިސްލާމްދީނަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް اَللَّهُ سُبْحَانَهُ وَتَعَالَى ދެއްވައިފައިވާ ތަޢުފީޤަކީ އެކަމަށް ދެވަނައެއް ނެތް ތަޢުފީޤެކެވެ."

އިންސާފުވެރި ނަޒަރަކުން ބަލާ ކޮންމެ މީހަކުވެސް މިކަމަށް ހެކިދޭނެއެވެ. ސަޢޫދީ ޢަރަބިއްޔާގެ މިހާރުގެ ވެރިންނާއި، ކުރީގެ ވެރިންވެސްވަނީ، ބަހާއި ޢަމަލުން އިސްލާމްދީނަށް ނަޞްރުދީފައެވެ. މައްކާގެ ޤަވަރުނަރު ޚާލިދު އަލްފައިޞަލް ވިދާޅުވިއެވެ. "އިސްލާމްދީނަށް ނަޞްރުދިނުން މުޅި ދުނިޔެ ދޫކޮށްލިޔަސް ސަޢޫދީ ޢަރަބިއްޔާ އެކަން ނުކުރާނެ ކަމެވެ." މިއީ، ހިތަށް ފިނިކަންދެނިވި ކޮންފަދަ މަތިވެރި ވާހަކަފުޅެއްތޯއެވެ؟ އެބަސްފުޅަށްޓަކައި اَللَّهُ سُبْحَانَهُ وَتَعَالَى އެބޭފުޅާއަށް މަތިވެރި ދަރުމަ ދެއްވާށި!

ލޮބުވެތި އަޚުންނާއި، އުޚްތުންނޭވެ! މި ދަންނަވަނީ ސަޢުދީ ޢަރަބިއްޔާގައި އެއްވެސް ގޯހެއް ނުހިނގާނެ ވާހަކައެއް ނޫނެވެ. އަދި އެއީ، މަޢުޞޫމު ބައެކޭވެސް ނޫނނެވެ. އެހެން ނަމަވެސް މިއަދުވެސް މުޅި ދުނިޔެއަށް ނަޒަރު ހިންގާލިޔަސް، ދައުލަތެއްގެ ގޮތުގައި ތައުޙީދުގެ މަތިވެރި ކަލިމަފުޅު އުފުލާލައި، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުންނަތް މީސްތަކުންނަށް ދަސްކޮށްދީ، އެ ދިރުވައި ޞައްހަ ޢަޤީދާ ފެތުރުމަކީ، ތިމާގެ މަސްއޫލިއްޔަތެއްކަމުގައި ދެކިގެން އެފަދައިން މަސައްކަތް ކުރާ އެހެން ބަޔަކު ނެތޭ ބުނުން ކުށަކަށް ނުވާނެއެވެ. މިލިޔުން ނިންމާލަމުން މުސްލިމްތަކުންގެ އަރިހުން އަޅުގަނޑު އެދެނީ، ތައުޙީދުގެ މަތިވެރި ކަލިމަފުޅު އުފުލާލައި، ޤުރްއާނާއި، ސުންނަތް ދިފާޢުކޮށް، އެ ދެމަޞްދަރުގެ ދިފާޢުގައި މަސައްކަތްކުރާ ތައުޙީދުގެ ދައުލަތްކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާމެދު ދުޝްމަނުންނާއި، ބާޠިލް ޢަޤީދާތަކުގެ އަހުލުވެރިން ދައްކާ ދޮގުވާހަކަތަކާމެދު ހެއްލުންތެރިނުވެ، އެ ތަން ދިފާޢުކުރުމެވެ. އަދި اَللَّهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުން މިއަޅާ އެދި ދަންނަވަނީ بِلَادُ الْحَرَمِيْنِ الشَّرِيْفَيْنِގެ ވެރިންނަށް ޤުރްއާނާއި، ސުންނަތަށް ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވައި، ދުޝްމަނުންގެ ނުބައި ރޭވުންތަކުން އެތަން ރައްކާތެރިކޮށް ދެއްވުމަށެވެ. 

وآخر دعوانا أن الحمد لله رب العالمين

- ޝައިޚް މުޙައްމަދު ލަޠީފް / އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް .

Advertisement

ކޮމެންޓް ކުރެއްވުމަށް