އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުން ފެށިގެން އަލުން ގްރީން ޓެކްސް ނަގަންފަށައިފި

މިއަދުން ފެށިގެން އަލުން ގްރީން ޓެކްސް ނަގަންފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާޙުގެނައުމުގެ ޤާނޫނަށް 21 ސެޕްޓެންބަރު 2022 ގައި ޢަމަލުކުރަން ފަށާފައިވާތީ، 21 ސެޕްޓެންބަރު 2022 ވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސް ނަގަންޖެހޭނެއެވެ.

ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން މީރާއިން ވަނީ ގްރީން ޓެކްސް ގަވާއިދަށް ވެސް އިޞްލާހުތަކެއް ގެނެސްފައެވެ.

މި ގޮތުން، ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުގައިވާ ގޮތުގެ މަތިން، ގްރީން ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް، 21 ސެޕްޓެންބަރު 2022 ގެ 00:00 ގައި ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓު ހޮޓަލެއްގައި ނުވަތަ ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއްގައި ނުވަތަ ޓޫރިސްޓު އުޅަނދެއްގައި ހުރި މީހަކު އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ، 21 ސެޕްޓެންބަރު 2022 ގެ 00:00 ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އަދި، 21 ސެޕްޓެންބަރު 2022 އިން ފެށިގެން ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުގެ ގޮތުގައި ބޭނުންކުރަންވާނީ 21 ސެޕްޓެންބަރު 2022 ފެށުމާ ހަމައަށް ބޭނުންކުރަމުން އައި ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް އެ ތަރުތީބުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، 3 ޖުލައި 2022 އިން ފެށިގެން 20 ސެޕްޓެންބަރު 2022 ގެ ނިޔަލަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ދައްކާފައި ނުވާނަމަ، އެ ޓޫރިސްޓަކު ހުރި ތަނެއް ނުވަތަ އުޅަނދެއް ހިންގާ ފަރާތުން އެ ފައިސާ ގްރީން ޓެކްސް ބަޔާނުގައި ހިމަނައިގެން މީރާއަށް ދައްކަންވާނެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށާއި ގްރީން ޓެކްސް ގަވާއިދަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލްކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު