އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ މަރުވިނަމަވެސް ކައިވެނި ރޫޅުނަސް ވަކީލްކޮށް ދުޢާކުރުމުގަ ސާބިތުވީމާ މާރަނގަޅު ބައިވެރިއަކު ދެއްވަވާނެކަން ޤަބޫލުކުރަން ދަތިވާ މީހުން މިވާހަކަ ކިޔައިލާށެވެ!

ބައިވެރިޔާ މަރުވިނަމަވެސް ކައިވެނި ރޫޅުނަސް ވަކީލްކޮށް ދުޢާކުރުމުގަ ސާބިތުވީމާ މާރަނގަޅު ބައިވެރިއަކު ދެއްވަވާނެކަން ޤަބޫލުކުރަން ދަތިވާ މީހުން މިވާހަކަ ކިޔައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު

"އަޅުގަނޑަކީ ވަރަށް ބޮޑު ނިކަމެއްޗަކީމެވެ. ފަޤީރަކީމެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތް އަންހެނަކީމެވެ. ކައިވެނިކުރި މީހާގެ އަޅަކަށްވެގެން ނޯކިރީކުރަމުން ދަނިކޮށް ވަރިކޮށް މިހުރީ އެއްލާލައިފައެވެ. ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ވަރަށް ގިނައިން އެބަ ދުޢާކުރަމެވެ. ނަމަވެސް އަދިވެސް އެކަމެއް ނުވެއެވެ. މިޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކަށް މިހުށަހަޅައިލަދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ނަޞޭޙަތުގެ ގޮތުން ޢިލްމުވެރިން ވަރަށް ގިނައިން ވިދާޅުވެދެއްވާ ވާހަކައެކެވެ! ޢިބްރަތް ޙާޞިލުކުރަން މަސައްކަތްކުރާށެވެ!  

ބައިގިނަ އެފްރިކާގެ ޤައުމަކުން ކައިވެނިކުރާނެ އަންހެނަކު ނުލިބުނު މީހަކަށް މަދީނާގެ އަންހެނަކު ލިބުނު ވާހަކަ-  

ކައިވެނި ކުރަން އުޅޭއިރު ފަޤީރުންނަށާއި ސިފަ ހުތުރު މީހުންނަށް މައްސަލަތައް ކުރިމަތިވުމަކީ ކިތަންމެ ބޮޑު ނުބައިކަމެއް ނަމަވެސް އަދި ކިތަންމެ ހިތާމަހުރި ކަމެއް ނަމަވެސް އެއީ ކުރިމަތިވަމުން އަންނަ ކަމެކެވެ. އަންހެނުންނަށް ވެސް ފިރިހެނުންނަށްވެސް ހަމަ ހުރަސްތައް ކުރިމަތިވެއެވެ. މިއީ މިފަދަ ޙާލަތެއް ކުރިމަތިވި ފިރިހެނަކު އެކަމުގައި ކެތްތެރިވުމުން ﷲ ތަލާލާ ލެއްވެވި ރަޙްމަތުގެ ވާހަކައެވެ.  

އޭނާއަކީ ޒުވާނެކެވެ. ކިޔަވައިގެންހުރި ޒުވާނެކެވެ. ވަޒީފާވެސް އަދާކުރާ މީހެކެވެ. ނަމަވެސް ފައިސާވެރިއެއް ނޫނެވެ. ޢާއިލީ މުއްސަނދި ކަމެއްވެސް ނެތެވެ. އަދި އޭނާއަކީ ބަބުރެކެވެ. އެހެންވީމާ ގައިގެ ކުލަ ދޮނެއްވެސް ނޫނެވެ. ނަތީޖާއަކީ ކައިވެނިކުރާނެ އަންހެނަކު ނުލިބުމެވެ. އޭނާފަދަ ގައިގެ ކުލަ ކަޅު އަނހެނަކުވެސް ނުލިބުނީއެވެ. ކޮންމެ ޢާއިލާއަކުންވެސް ބުނަމުން ދިއައީ އެމީހުންގެ ދަރިފުޅާއި ކައިވެނި ކުރުމަށް ކުފޫ ހަމަ ނުވާކަމަށެވެ.

އެގޮތުގައި ގިނަ ދުވަސްތަކެއް ފާއިތުވެ ކައިވެންޏެއް ކުރެވުމުގެ އުންމީދު މުޅިންހެން ގެއްލިފައި ވަނިކޮށް ކައިވެންޏެއް ކުރެވޭނެ މަގު ފަހިވެ ކައިވެނިކުރެވުނެވެ. ދެމަފިރިން އުފަލުގައި އުޅެމުން ދަނިކޮށް ބަލިވެ އިނދެއްޖެއެވެ. ދަރިފުޅަކު ލިބުމުގެ އުފާވެރި އުންމީދުގައި ހުއްޓައި ވިހެއުމުގެ ތެރޭގައި ދެމައިން އެކުގައި މަރުވީއެވެ.  

މިހާލަތުގައި އޭނާއަށް ކުރިމަތިވާނެ ހިތްދަތިކަމާއި ހިތާމަވެރިކަން ނިކަން އިޙްޞާޞްކޮށްބަލާށެވެ! އެހައި ދަތިހާލުން ލިބުނު އަނބިމީހާ ގެއްލިގެން އެދިއައީ ލިބެން އުޅުނު ދަރިފުޅާއިވެސް އެކުގައެވެ. ނިކަން ބުނެބަލާށެވެ. އެހާލުގައި ހަތަރު އުދަރެސް ފެނު ނުޖެހޭނީ ކާކުގެ ހެއްޔެވެ؟ މިހާރުގެ ބަހުރުވައިން ނަމަ ދުނިޔެއިން މޮޔަ ނުވާނީ ކާކު ހެއްޔެވެ؟  

އެހާލަތުގައިވެސް إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކިޔުން ފިޔަވައި އިތުރު އެއްވެސް ބަހެއް ނުބުނެއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އަނބުރައި ގެންދެވީ ކަމަށް ޤަބޫލުކޮށް ޙަމްދުކޮށް ޝުކުރުކޮށްގެން ހުރީއެވެ. މާޔޫސްވެ ގެއަކު ނުއޮވެއެވެ. އުޅެމުން ގެންދިއައީ ހަމަ ޢާންމު ދިރިއުޅުމެވެ. އެދި ދުޢާކުރަމުން ގެންދިއައީ ބާއްޖަވެރިކަމާއި ކުރިއެރުން ދެއްވެވުމަށެވެ. ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދިއެވެ. ކުރީގެ އަނބިމީހާއަށްވުރެ ރަނގަޅު އަންބަކާއި ގިނަ ދަރިންތަކެއް ދެއްވެވުމަށެވެ.  

ނަތީޖާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިއަދު އޭނާއަށް ވަނީ މާތްވެގެންވާ މަދީނާއަށް އައުދެވިފައެވެ. ބައްދަލުވި މަދީނާގެ އަހުލުވެރިއަކު އޭނާގެ ނޯކަރެއްގެ ގޮތުގައި މަދީނާއަށް ގެނައީއެވެ. މަދީނާގައި އުޅުމުގެ ތެރޭގައި ވަނީ މަދީނާގެ އަހުލުވެރިއަކާއި ކައިވެނި ކުރެވިފައެވެ. ދަރިން ލިބިފައެވެ. އުޅެމުން ގެންދަނީ އުފާވެރި ދިރިއުޅުމެކެވެ.  

މިއީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީ ވަރަށް ގިނަ ދީނީ ޢިލްމުވެރިން މިވާހަކަ ވިދާޅުވެދެއްވައެވެ. މިވާހަކައިން ޙާޞިލްކުރަން ޖެހޭ ޢިބްރަތަކީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވި ނަމަވެސް އެކަން މެދުވެރިވީ ﷲ ތަޢާލާ މެދުވެރި ކުރެއްވެވުމުންކަން ޤަބޫލުކުރުމެވެ. ނިޢްމަތެއް ދެއްވެވުމަށްފަހު ތިމާގެ އަމިއްލަ އިހްމާލެއް ނެތި އަނބުރައި ގެންދަވާނީ މަތިވެރި ޙިކުމަތަކަށްޓަކައިކަން ޤަބޫލުކުރުމެވެ. އަދި އެއަށްވުރެ ފުރިހަމަ ނިޢްމަތެއް ދެއްވެވުން އެދި ދުޢާކުރުމުގައި ސާބިތުވެ ހުރުމުގެ މުހިންމުކަން ފާހަގަކުރުމެވެ. އެކަން އަބޫ ޤަތަދާ ރަޙިމަހުﷲ ގެ އަރިއަހުން ރިވާވެގެންވާ މިޙަދީޘްފުޅުން އެނގިގެންދާނެއެވެ.  

Abu Qatadah reported: The Prophet, peace and blessings be upon him, said,

 “Verily, you will never leave anything for the sake of Allah Almighty but that Allah will replace it with something better for you.”

Source: Musnad Aḥmad 23074

Grade: Sahih (authentic) according to Al-Arna’ut  

މިފަދަ ޢިބްރަތްތެރި ހާދިސާތަކުވެ ވާހަކަތައް ގިނަގިނައިން އަޑުއަހާށެވެ! ކިޔާށެވެ! އެއިރުން ކަމެއް ކުރިމަތިވާހިނދު ސާބިތުކަން އިތުރުވާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސްކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް