އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު
އެއިރު އަޅުގަނޑުގެ އުމުރުން ކިރިޔާ 18 އަހަރު ފުރުނީއެވެ. އަޅުގަނޑުގެ މަންމަ އާއި ބައްޕަވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. އަޅުގަނޑަށް ކިޔަވައިދީ އަޅުގަނޑަށް ބޭނުންވާ ހުރިހާ ކަންކަންވެސް ބަލަހައްޓައިދިނީ ކާފައެވެ. ކާފަ ޒުވާން އުމުރުގައި ބުރަ މަސައްކަތްކޮށްގެން އެއްކޮށްފައި ހުރި ފައިސާކޮޅުންނެވެ.
ކާފަގެ އަތަކު މިހާރަކު އެއްވެސް ފައިސާއެއް ނެތެވެ. ކާފަ އުޅެނީ ވަރަށް ބަލިވެއެވެ. ބޭސްފަރުވާ ކުރަނީވެސް އަޅުގަނޑު ވަޒީފާއަދާކޮށްގެން ލިބޭ މަދުލާރިކޮޅުންނެވެ. ނަމަވެސް އެއީ ބުރައެއް ކަމަކަށް ނުދެކެވެ. ކާފައަޅުގަނޑަށް ކަންކަންކޮށްދިންއިރު އެއީ ބުރައަކަށް ނުދެކުނު ފަދައިންނެވެ.
އަޅުގަނޑުގެ ވަޒީފާއަކީ ފެންވަރު ރަނގަޅު ރެސްޓޯރަންޓެއްގެ ވެއިޓަރުކަމެވެ. އެތަނަށް ކާންއަންނަ ހުރިހާ ކަސްޓަމަރުންނަށްވެސް ކަމޭހިތަމެވެ. މުސްކުޅިންނަށް އިތުރަށް ސަމާލުކަން ދެމެވެ. ކާފައާއިއެކުއެކުގައި އުޅެ ކާފައަށް ޚިދުމަތްކުރަން ހަދައިގެން މުސްކުޅިން ދެކެ ވަރަށް ލޯބިވާތީއެވެ.
މުސްކުޅިންނާއިއެކު ގިނަވަޤުތު ހޭދަކުރާނީ ބޮޑެތި މީހުންނަށް އެކަން ކަމަކުނުދެއެވެ. އެމީހުން ބޭނުންވަނީ ގިނަވަޤުތު ޒުވާން ކަސްޓަމަރުންގެ ގާތުގައި އެމީހުންގެ ގައިގައި އުގުޅެން ހުންނާށެވެ. އެއީ ޒުވާނުންގެ ބިލްތައް ބޮޑެތިވެފައި ތަނަށް ގިނަ ފައިސާ ލިބޭތީކަމަށްވެދާނެއެވެ.
އެތަނަށް ޢާންމުކޮށް ރޭގަނޑު ކާން އަންނަ މުސްކުޅި އުމުރުގެ މީހަކު އުޅެއެވެ. އެހައިގިނައިން އަންނާތީ އޭނާއަށް އިތުރަށްވެސް ސަމާލުކަން ދެވެއެވެ. އެކަމާއިހުރެ ވެރިން ރުޅިވެސް އައުދެއެވެ. ރުޅި އައިސްގެން ބަސްބުނާ އަޑުވެސް ބައެއްފަހަރު އެމީހާއަށްވެސް އިވެއެވެ. ނަމަވެސް އެއީ މައްސަލައަކަށް އޭނާ ނުހަދައެވެ.
އެއްދުވަހަކެވެ. އެއީ އޭނާގެ އަތް ތަންކޮޅެއް ބޮޑަށް ތުރުތުރުއެޅި ދުވަހެކެވެ. އެހެންވެ އުލާއި ސަމުސަލުން އޭނާގެ ކާއެތިކޮޅު އެއްކޮށްލައިދީ ކާން ތަންކޮޅެއް ފަސޭހަކޮށްލައިދިނީމެވެ. އެތަން ފެނިގެން މެނޭޖަރު އައިސް ހުތުރު ބައެއް ބަސްތައްވެސް ބުންޏެވެ. އެވަޤުތު އެމީހާގެ ލޮލުން ކަރުނަވެސް އައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
ކައިނިމިގެން ނުކުންނަމުން އަޅުގަނޑަށް އޭނާގެ ފޯނު ނަންބަރުދީފައި ބުނީ މާދަމާ ގުޅާލުމަށެވެ. އަޅުގަނޑު ގުޅާލުމުން އެޑްރެސް ކިޔައިދީފައި ބުނީ އެގެއަށް ގޮސްދިނުމަށެވެ. އަޅުގަނޑުދިއައިމެވެ.
"ދަރިފުޅާއެވެ. ދެން މިއީވެސް ކާފައެއް ކަމަށް ބަލާށެވެ. ކާފަގެ އަތުގައި ފައިސާ އެބަހުއްޓެވެ. މިގެއަކީ ކާފަގެ ގެއެވެ. މަތީ ބުރިތައް އެހެރީ ކުއްޔަށް ދީފައެވެ. ތިއަތަނަށް ވަޒީފާއަށް ދާނެކަމެއް ނެތެވެ. ދަރިފުޅަށް އުޅެވޭވަރަށް ފައިސާދޭނަމެވެ. މިއީވެސް ކާފައެއްކަމަށް ބަލައިގެން އުޅެދީފިނަމަ ރަނގަޅު ހަދިޔާއެއްވެސް ދޭނަމެވެ. ކޮންމެވެސް ކޮލެޖަކަށްވަދެގެން ކިޔަވާށެވެ. މޮޅު ކުއްޖަކަށްވާށެވެ. އެކަމަށްވެސް ޚަރަދުކުރާނީ ކާފައެވެ."
ކާފަ ދެއްކި ވާހަކަ ޤަބޫލުކުރީމެވެ. ރެސްޓޯރަންޓަށް ދިއުމުގެ ބަދަލުގައި ކޮންމެ ދުވަހަކު އެކާފަ ގާތަށްގޮސް ކާފައަށް ޚިދުމަތްކުރަންފެށީމެވެ. ކިޔަވަންވެސް ފެށީމެވެ. ބައްދަލުވި ޒުވާނަކާއި ލޯބީގެ ގޮތުން ގުޅި ކައިވެނިވެސް ކުރީމެވެ. ކައިވެނީގެ ޚަރަދުތައް ކޮށްދިނީވެސް އެކާފައެވެ.
ކައިވެނިކުރީމާ އެކާފަ ބޭނުންވީ އަޅުގަނޑުގެ ކާފައާއިއެކު ދިރިއުޅުން އެކާފަގެ ގެއަށް ބަދަލުކޮށް އެއް ޢާއިލާއެއްގެ ގޮތުގައި ދިރިއުޅޭށެވެ. ކާފަގެ ގެ ކުއްޔަށްދޭށެވެ. ކާފަވެސް އެކަމަށް ރުހުމުން އެކާފަގެ ގެއަސް ބަދަލުވެ ދިރިއުޅެން ފެށީއެވެ.
އަޅުގަނޑަށް ދަރިއަކު ލިބުނީ ކައިވެންޏަށް 3 ވަނަ އަހަރުގައެވެ. ވިހައިގަދަވެގެން ހޮސްޕިޓަލުން ގެއަށް އައިތަނާހެން އެކާފަ ބުނީ އޭނާގެ ދަރިއަކު ނެތުމާއިއެކު ގެއާއި ތަރިކަ ކާފަ ނެތް ދުވަހަކުން އަޅުގަނޑަށް ދިނީކަމަށެވެ. އެހެން ބުނެފައި ކޯޓުންވެސް އެކަން ނިންމައިދިނެވެ.
ދެކާފަވެސް ނިޔާވީ އަޅުގަނޑުގެ އަތްމަތީގައެވެ. އަޅުގަނޑު ދެކާފައަށްވެސް ޚިދުމަތްކުރަމުން ދަނިކޮށެވެ. އެކާފަ ނިޔާވީ އަޅުގަނޑު އެކާފަ ބަލާތާ 12 އަހަރުފަހުންނެވެ. މިހާރު އަޅުގަނޑުގެ 2 ގެ އެބަހުއްޓެވެ. 2 ކާފަދިން 2 ގެއެވެ.
އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ޢިޝްޤީ ލޯބީގެ ވާހަކައެއް ނޫނެވެ. މުސްކުޅިންދެކެ ލޯބިވުމުގެ ހުރި ފައިދާގެ ވާހަކައެކެވެ. މުސްކުޅިންނަށް ކަމޭހިތައި ލޯބިދިނުމުން އަޅުގަނޑަށް ކުރި ފައިދާގެ ވާހަކައެކެވެ.
ބުނެލަން ބޭނުންވަނީ ކޮންމެ މުސްކުޅިއެއްގެ އަތުން ގެއެއް ނުލިބިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ﷲ ސުވަރުގެއިން ދެއްވަވާނެ ނިޢްމަތްތައް މާފުރިހަމަވާނެއެވެ. މުސްކުޅިއަކަށް ކިދުމަތްކުރަން ލިބޭ ފުރުޞަތެއް ދޫކޮށްނުލާށެވެ. ބަލަންވީ އޭނާގެ އަތުން ލިބޭނެ އެއްޗަކަށް ނޫނެވެ. ﷲ ދެއްވަވާނެ ޘަވާބަށެވެ.
އަޅުގަނޑުގެ މިހާރުގެ އުމުރަކީ 45 އަހަރެވެ. ވީމާ މިކިޔައިދިނީ މީގެ 25 އަހަރު ކުރީގައި ހިނގާފައިވާ ކަމެއްގެ ވާހަކައެކެވެ. ޢިބްރަތް ޙާޞިލްކުރާށެވެ.
- ރަޒީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
24 ސެޕްޓެމްބަރ 2022