އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އެކަނި 5 ދަރިން ބަލައި ބޮޑުކުރުމުން އެންމެ ދަރިއަކުވެސް ލޮލަށް ނުފެންނަތާ 2 އަހަރުވީ މަންމަ ރޮމުން ބުނަނީ "މަރުވީމާ ރުއިމުގެ ބޭނުމެއް ނެތް" ކަމަށް!

ޙަޤީޤީ ޙާދިސާ: އެކަނި 5 ދަރިން ބަލައި ބޮޑުކުރުމުން އެންމެ ދަރިއަކުވެސް ލޮލަށް ނުފެންނަތާ 2 އަހަރުވީ މަންމަ ރޮމުން ބުނަނީ "މަރުވީމާ ރުއިމުގެ ބޭނުމެއް ނެތް" ކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 21 ސިކުންތު

އެއީ ހިތްވަރުގަދަކަމުގެ ގޮތުން ނަމޫނާ މަންމައެކެވެ. 7 އަހަރުން ދަށުގެ 3 ދަރިން ބޮލަށްޖަހާފައި ފިރިމީހާ ލޯބިވެރިއަކު ހޯދައި ގެއިން ނުކުމެގެން ދިއުމުން އެކަނިމާއެކަނި 3 ދަރިން ބަލައި ބޮޑުކުރި ހިތްވަރުގަދަ މަންމައެކެވެ. ގޭގޭގައި ނޯކިރީކޮށްދީގެން ލިބޭ ކާއެތިކޮޅު ދަރިންނަށް ކާންދީ އަމިއްލައަށް ފެންތަށްޓެއް ބޯލައިގެން ނިދި ހިތްވަރުގަދަ މަންމައެކެވެ. ގޭގެއިން ލިބޭ ފައިސާކޮޅުން އަމިއްލަ އެވެސް ބޭނުމެއް ނުފުއްދައި އެފައިސާކޮޅު އެއްކޮށްގެން ދަރިންނަށް ކިޔަވައިދިން މަންމައެކެވެ. 

ކައިވެނިކޮށްގެން ފހަރަކު ދަރިއަކު ގެއިން ނުކުންނަމުން ގޮސް 3 ދަރިން ގެއިން ނުކުމެގެންދިއުމަށްފަހު މަންމަގެ ޙާލުވެސް ބަލައިނުލުމުން އެމީހުންނަށް އުނދަގޫ ނުކޮށް އަމިއްލައަށް ދިރިއުޅުނު ހިތްވަރުގަދަ މަންމައެކެވެ.  

ދަރިއެއްގެ ޙާލު ބަލާލަން ފޯނުކޮށްލިޔަސް ބިޒީކަމުން ފޮނުކަނޑާލަމުން ގެންދިއައިރުވެސް ވީވަރަކުން ގުޅަމުން ގެންދިއަ ހިތްވަރުގަދަ މަންމައެކެވެ. 3 ދަރިން ގެއަށް ގެނެސް 4 މައިން އެންމެ ފަހަރަކަށް އެއްތަންވެލަން ކުރި މަސައްކަތްތަކަށް އެއްވެސް ދަރިއަކު ޢިޖާބަ ނުދިނުމުން އެކަމަށް ކެތްތެރިވި ހިތްވަރުގަދަ މަންމައެކެވެ.  

އެއް ދުވަހަކު ޤާނޫނީ ވަކީލަކު 3 ދަރިންނަށް ގުޅިއެވެ. ބުނީ އެމީހުންގެ މަންމަ އިއްޔެ ނިޔާވެއްޖެ ކަމަށާއި މަންމަގެ ގެއާއި މަންމަގެ ބިމުގެ މައްސަލައިގައި ނިންމާފައި އޮތް ގޮތް 3 ދަރިންނަށް ކިޔައިދޭން ވަޞިއްޔަތްކޮށްފައި އޮތުމުން މާދަމާ 10 ޖަހާއިރު މަންމަގެ ގެއަށް ދާނެ ކަމަށާއި 3 ދަރިންވެސް ގެއަށް ގޮސް ދިނުމަށެވެ. 3 ދަރިންވެސް ގެއަށް ދިއައެވެ. 3 ދަރިން ހަމަވުމުން ޤާނޫނީ ވަކީލް ބޭރަށް ނުކުތެވެ. ދެން ފެނުނީ މަންމަ ހިނގާފައި އައިސް ސިޓިންގރޫމަށް ވަންތަނެވެ. ދަރިންނަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. އެމީހުންނަށް މަންމަ އާއި ދޭތެރޭގައި ފަރުވާކުޑަކުރެވުނު ނަމަވެސް މަންމަ ދެކެ ލޯބިވެއެވެ. އެހެންވެ މަންމަ މަރުވި ޚަބަރު ލިބުމުން ތިބީ ވަރަށް ދެރަވެފައެވެ. މަންމަ މަރުނުވާކަން އެނގުމުން ތިބީ ވަރަށް އުފަލުންނެވެ.  

3 ދަރިން ބޮޑުކުރަން މަންމަ ކުރި މަސައްކަތް ކުރު ގޮތަކަށް ކިޔައިދީފައި މަންމަ ބުނީ މިއީ 3 ދަރިންނާއި އެއްގޮތަކަށްވެސް ބައްދަލުނުވެ އަހަރުތަކެއް ފާއިތުވެގެން ދިއުމުންނާއި ދެން ދާދިއަވަހަށް މަރުވެދާނެ ކަމަށް ވިސްނެން ފެށުމުން އެންމެ ފަހަރަކަށް ނަމަވެސް 3 ދަރިން ދެކެލުމުގެ ބޭނުމުގައި ކުރަން މަޖުބޫރުވެގެން ކުރި ކަމެއް ކަމަށެވެ. މަންމަގެ ބޭނުން ފުދިއްޖެ ކަމަށާއި 3 ދަރިންނަށްވެސް އުފާވެރި ދިރިއުޅުމެއް ދެއްވެވުން އެދި ދުޢާކުރާ ކަމަށެވެ.  

މަންމަގެ ވާހަކަ ނިމުމުން 3 ދަރިން ރޮމުން މަންމަގެ ކިބައިން މާފަށް އެދުމުން 3 ދަރިންނަށް މާފުކުރިއެވެ. ހިނިތުންވެ ހުރެ ބުންޏެވެ. "އެންމެންނަށްވެސް ކުށްކުރެވޭނެއެވެ. އިޞްލާޙްކޮށްލާށެވެ. މަންމަވެސް ދުނިޔޭގައި އެބައިންކަން ހަނދާންކޮށްލައިގެން ދުނިޔޭގައި އުޅުނީމާ މަންމަ އިންނާނީ ވަރަށް އުފަލުންނެވެ."  

3 ދަރިން މަޝްވަރާކޮށްފައި ނިންމީ ދޮށީ ދަރިފުޅު (ދައްތަ) މަންމަ ބަލަން ގޭގައި އިންނަ ގޮތަށް ހަމަޖެއްސުމަށެވެ. ދެން ތިބި ދެ ދަރިންވެސް ގެއަށް އައިސް މަންމަގެ ޙާލުބަލައި 4 މައިން ގުޅިގެން ލޯބިން ދިރިއުޅުމަށެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ޙަޤީޤީ ޙާދިސާއެކެވެ. މިވާހަކައަކީ ވަރަށް މަޝްހޫރުވެސް ވާހަކައެކެވެ. މިވާހައިގެ މައްޗަށް ފިލްމުތައްވެސް ވަނީ އުފައްދައިފައެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ވާހަކަ މިގެނައީ އަޅުގަނޑަށް މިވާހަކައިން ކުރި އަސަރު ބޮޑުކަމުންނެވެ.  

އަޅުގަނޑަކީ 5 ދަރިން އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރި އަންހެނަކީމެވެ. މިހާރުގެ ޢުމުރަކީ 63 އަހަރެވެ. 5 ދަރިންވެސް މިމާލެ ސިޓީގައި އެބަ އުޅެއެވެ. އެންމެ ދަރިއަކުވެސް ލޮލަށް ނުފެންނަތާ މިހާރުވެސް 2 އަހަރުވެއްޖެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ރޮވެއެވެ. ދަރިއަކަށް ގުޅިނަމަވެސް ކަންތައް ކުރަނީ ހަމަ މިވާހަކައިގައި އޭނާގެ ދަރިންވެސް ކަންތައްކުރި ގޮތަށެވެ. މިވާހަކައިގައި 3 ދަރިން އެއްތަނަކަށް އެއްކުރި ގޮތަށް އަޅުގަނޑުގެ 5 ދަރިން އެއްކުރުމުގެ ފުރުޞަތު ރާއްޖެއަކު ނެތެވެ. އެއީ މަރުނުވަނީސް ކަށުނަމާދު ގްރޫޕުތަކުގައި ޕޯސްޓްކޮށް ނުދޭނެތީއެވެ. 

އަޅުގަނޑު ހަމައެކަނި ބުނެލަން ބޭނުންވަނީ މަންމަ މަރުވީމާ ރުއިމުގެ ބޭނުމެއް ނެތެވެ. މިހެން މިބުނަނީ ހަމައެކަނި އަޅުގަނޑުގެ ދަރިންނަކަށް ނޫނެވެ. މައިންނަށް މިގޮތަށް ކަންތައްކުރާ ހުރިހާ އެންމެންގެ ހުރިހާ ދަރިންނަށެވެ. މިހިސާބުން ފުއްދައިލީއެވެ. އިތުރަށް އެންމެ ބަހެއްވެސް ބުނާކަށް ނެތީމެވެ.

 

- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް