އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިންނަށް ޝައްކުކޮށް ވަރިފަށަށް އެރުމުގެކުރިން މިވާހަކައަށް ރަނގަޅަށް ވިސްނާލައިފިނަމަ ދިރިއުޅުން އުފާވެރިކަމަށް ބަދަލުކޮށްލެވޭނެ! އިން ޝާ ﷲ

ޙަޤީޤީ ޙާދިސާ: އަނބިންނަށް ޝައްކުކޮށް ވަރިފަށަށް އެރުމުގެކުރިން މިވާހަކައަށް ރަނގަޅަށް ވިސްނާލައިފިނަމަ ދިރިއުޅުން އުފާވެރިކަމަށް ބަދަލުކޮށްލެވޭނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

ކައިވެންޏަށްފަހު ދުވަސްކޮޅަކުން އަނބިމީހާގެ ކިބައިން ފެންނަންފެށީ ވަރަށް ތަފާތު ކަންތައްތަކެކެވެ. ގޭތެރޭގައި އަބަދު ހުންނަނީ ވަރަށް ހަޑިކޮށެވެ. ފެންވަރައި ރީތިވެގެނެއް ނޫނެވެ. ރީތި ފޭރާމެއްވެސް ނުލައެވެ. މޭކަޕެއްވެސް ނުކުރެއެވެ. އުޅެނީވެސް ވަރަށް ދުރުދުރުންނެވެ. 

މިކަންކަން އެއްކޮށްލެވުމުން ނުކުތް ޖުމުލަނަތީޖާއަކަށްވީ އަނބިމީހާ އާއިމެދު ޝައްކުކުރެވެން ފެށުމެވެ. އެހެން ލޯބިވެރިއަކު ގެންގުޅެނީކަމާއިމެދުގައެވެ. މިފަދަ ޚިޔާލުތައް އަންނަން ފެށުމުމުން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ނަމަވެސް އަނބިމީހާގެ ކިބައިން އެފަދަ އެއްވެސް ޢަމަލެއް ނުފެންނާތީ ސުވާލުކުރަންވެސް ހުރީ ބިރުންނެވެ. 

އަނބިމީހާއަށް އެފަދަ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބަށް ވިސްނައިލީމެވެ. އަޅުގަނޑުގެ ކުށަކީ ކޮބައިކަމާއިމެދު ވިސްނަމުންގޮސް ހިތަށް އެރިއެވެ. 

އަޅުގަނޑުމެންގެ ކައިވެންޏަށްފަހުގައިވެސް ދެމަފިރިންވެސް މިއަންނަނީ ވަޒިފާއަދާކުރަމުންނެވެ. ދެމީހުންވެސް މަސައްކަތްކުރީ ވަޒީފާގައި ކުރިއެރުން ހޯދައި ލިބޭ އާމްދަނީ ގިނަކުރަން މަސައްކަތްކުރުމަށެވެ. ތެދަށް ބުނާނަމަ ބުނަންޖެހޭނީ ކައިވެނި ދިރުވުމަށްވުރެ އިސްކަން ދެވުނީ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. 

ނަތީޖާއެއްގެ ގޮތުން އަނބިމީހާގެ ކަންކަމަށް ދެވޭ ސަމާލުކަން ވަރަށް ބޮޑަށް ކުޑަކުރެވުނެވެ. އެކުގައި ވަޤުތުހޭދަކުރުން މަދުކުރެވުނެވެ. އެކުގައި ބޭރަށް ގޮސްއުޅުންވެސް މަދުކުރެވުނެވެ. ޤަޞްދަކު ނޫނެވެ. ނަމަވެސް ކަންކަން ކުރެވުނީ އެގޮތަށެވެ. 

މިކަންކަމަށް ވިސްނައިލެވުމުން ދިރިއުޅުން މުޅިން ބަދަލުކޮށްލީމެވެ. އަނބިމީހާއާއިއެކު ހޭދަކުރާ ވަޤުތު ގިނަކުރީމެވެ. އެކުގައި ބޭރަށްދިއުން ގިނަކުރީމެވެ. މާއަގުބޮޑު، މީރު އެއްޗެތި ކާން ނޫންނަމަވެސް ރެސްޓޯރަންޓްތަކަށްވެސް ދެމީހުން އެކުގައި ދާންފެށީމެވެ. 

މިބަދަލުތައް ގެނައުމާއިއެކު އަނބިމީހާއަށް ބަދަލު އަންނަން ފަށައިފިއެވެ. ރީތިވެ ނަލަހެދެން ފަށައިފިއެވެ. ގޭތެރޭގައި އަބަދުހެން ޓީޝާރޓެއް ލައިގެން އުޅުމުގެ ބަދަލުގައި ރީތިހެދުންލާން ފަށައިފިއެވެ. ގެއަށް ދެވޭއިރަށް ރީތިވެ ނަލަހެދިގެން ހުންނަން ފަށައިފިއެވެ.

އެވަރުންވެސް އިތުރަށް ޔަޤީންކުރަން ބޭނުންވާތީ ދުރުދުރުން އަނބިމީހާ އާއި ވާހަކަދައްކައިލުމުން ބުންޏެވެ. "އެއިރު އަހަރެން ރީތިނުވަނީ ރީތިވާން އެއިރުވެސް ބޭނުންނުވާތީއެއް ނޫނެވެ. ރީތިވިނަމަވެސް ބަލާނެ މީހަކު ނެތީމައެވެ. ގޮވައިގެން ބޭރަށް ގޮސްލާނެ މީހަކު ނެތީމާ ހިތްދަތިވީވަރުންނެވެ. އެކަންކަން ކުރާނެ މީހަކު ލިބުނީމާ ކަންކަން ބަދަލުކޮށްލީއެވެ." 

ލިބުނު ފިލާވަޅުން ޢިބްރަތް ޙާޞިލުކުރީމެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 20 އަހަރުފުރިއްޖެއެވެ. އަދިވެސް ދިރިއުޅެމުން މިއަންނަނީ ލިބުނު ފިލާވަޅުގެ ބޭނުންކުރަމުންނެވެ. އެހެންކަމުން ދެމީހުންގެ ލޯތްބަށް އެއްވެސް ބަދަލެއް ނައުދެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ ދެމަފިރިންގެ މެދުގައި ޝައްކުތައް އުފެދޭނަމަ އެކަމަށް ރުޅިއައިސްގެން ނުބައި ތުހުމަތުތައްކޮށް ރުޅި އައުމުގެ ބަދަލުގައި އެކަމުގައި އެމީހެއްގެ ކުށް ނުވަތަ އިހްމާލް ހިމެނޭ ވަރާއިމެދު ވިސްނާލަން ބުނުމުގެ ބޭނުމުގައެވެ. ކޮންމެ ދެމަފިރިއަކަށް ކުރިމަތިވާނީ އެއްބާވަތުގެ މައްސަލަތަކެއް ނޫނެވެ. ކުރިމަތިވާ މައްސަލަތައް ތަފާތުވެސްވާނެއެވެ. އެހެންކަމުން ވިސްނަން ޖެހޭނީވެސް ހަމައެކަނި އެއްގޮތަކަށް ނޫނެވެ. ރަނގަޅަށް ވިސްނީމާ ކޮންމެވެސް ދިމާއަކުން މައްސަލަ ފާހަގަކުރެވޭނެއެވެ. ފާހަގަކުރެވުމުން އަވަހަށް އެކަމެއް އިޞްލާޙްކޮށްލާށެވެ. ހެޔޮ ބަދަލުތައް ފެންނާނެއެވެ. އިން ޝާ ﷲ 

- ޢަބްދުލްޣަފޫރު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް