އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނެކާގެ ރީތިކަމަށް ޙަސަދަވެރިވެ އަމިއްލަ ރީތިކަމަށް ފަޚުރުވެރިވުމުން ޢުމުރަށް ކަރުނައަޅަން ޖެހުނު އަންހެނަކު ރޮމުން ކިޔައިދޭ މިވާހަކަ ވަރަށް އަސަރުގަދަ!

ޙަޤީޤީ ޙާދިސާ: އަނެކާގެ ރީތިކަމަށް ޙަސަދަވެރިވެ އަމިއްލަ ރީތިކަމަށް ފަޚުރުވެރިވުމުން ޢުމުރަށް ކަރުނައަޅަން ޖެހުނު އަންހެނަކު ރޮމުން ކިޔައިދޭ މިވާހަކަ ވަރަށް އަސަރުގަދަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 14 ސިކުންތު

ރަށުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއްގެ ވެރިއެއްގެ އަނބިމީހާ ނިޔާވުމުން ދެވަނަ ކައިވެންޏެއް ކުރަން މަސައްކަތްކުރަމުން ދިއަ ދުވަސްވަރެވެ. ރަށުގެ އެންމެ ރީތި އަންހެންކުދިންގެ ތެރޭގައި ހިމެނޭ ކުއްޖަކާއި ލޯބީގެ ގޮތުން ގުޅި ކައިވެނިކުރަން ތައްޔާރުވަމުން ދިއަ ދުވަސްވަރެވެ.   

ކައިވެނިކުރާނެ ދުވަސް ކަނޑައަޅައި ހުރިހާ ކަންކަން ނިންމުމަށްފަހު އޭނާގެ ގެއަކަށް އައިސް މަޑުކޮށްލުމަށް އަންހެންމީހާގާތު ބުނުމުން އޭނާ އެގެއަށް ދިއައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ގޮވައިގެންނެވެ.  

އެގޭގައި އުޅުމުގެ ތެރޭގައި އަންހެންމީހާގެ ކަމަކަށް އޮންނަނީ އެގޭގައި މަސައްކަތްކުރާ ނޯކަރަށް އެއްޗެތި ގޮވުމެވެ. އޭނާއަށް މަލާމާތްކޮށް ފުރައްސާރަކުރުމެވެ. ކައްކާފައި ކާން ހެދުމުން ރަހަ ނުބައިކަމަށްބުނެ އޭނާގެ ބޮލަށް ކާއެއްޗެތި އެޅުން ފަދަ ކަންކަންވެސް ކުރެއެވެ.  

އަނހެން މީހާ ދެރަވެ ނިކަމެތިވެފައި އޭނާގެ ކުށަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ބުނަނީ ކަލޭމެން ކަހަލަ އަގެއް ނެތް ނޯކަރުންނަކީ އެއްވެސް ކަމަކާއި ސުވާލުކުރަންޖެހޭނެ ބައެއް ނޫން ކަމަށެވެ. އަނގަގަދަކުރާނަމަ ވާންއުޅޭ ފިރިމީހާގެ ގާތުގައި ބުނެގެން ވަޒީފާއިން ވަކިކުރުވާނެ ކަމަށެވެ. އެއިރުން ވަޒީފާއެއްވެސް ނުލިބޭނެ ކަމަށާއި ޖެހޭނީ ސަލާންޖަހަން ކަމަށެވެ.  

މިފަދަ ކޮންމެ ވަގުތަކު އެކުވެރިޔާ ދެކޮޅު ހަދައެވެ. ނިކަމެތިންނާއިމެދު އެގޮތަށް ކަންކަން ކުރަން ހެޔޮނުވާނެ ކަމަށާއި ނިކަމެތިންނަށް ހެޔޮކޮށްހިތަން ޖެހޭނެ ކަމަށް ބުނެއެވެ. ނޯކަރުގެ ޙައްޤުގައި އެއްޗެއް ބުނާއިރަށް އޭނާ އާއި ދިމާއަށްވެސް އެއްޗެތި ގޮވައެވެ.  

މިހުރިހާ ކަމެއް އެގޮތަށް ކުރާ ސަބަބަކީ ނޯކަރަކީ ވަރަށް ރީތި އަންހެނެކަށްވެފައި ނޯކަރެއް ނަމަވެސް އަގުބޮޑު ގަހަނާތައް އަޅައިގެން ހުންނާތީ ވާން އުޅޭ ފިރިމީހާގެ ލޯބިވެރިއެއް ކަމަށް ހީކޮށް އެކަމުގެ ޙަސަދައިގައެވެ. އޭނާއަށްވުރެ ނޯކަރު މާރީތި ކަމަށް ޤަބޫލުކުރެވިގެންނެވެ. އަދި އޭނާއަކީ އަބަދުވެސް ނޯކަރުންނަކީ އަޅުންކަމުގެ ވިސްނުން ގެންގުޅޭ އަންހެނަކަށްވާތީއެވެ.  

ހަފްތާއެއްހައި ދުވަސްފަހުން ތަނަވަސްމީހާ އެގެއަށް ދިއައެވެ. އޭނާ ފެނުމާއިއެކު ނޯކަރު ކުށްވެރިކޮށްފައި އެތައް ބައިވަރު ޝަކުވާތަކެއް ކުރިއެވެ. ހުރިހާ ޝަކުވާތައް އަޑުއަހަން އިނުމަށްފަހު އޭނާ ބުންޏެވެ. "ކަލޭ ތިއަ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް ނެތީމެވެ. އޭނާއަށް އިހާނެތިކޮށް ކަންކަން ކުރުމަށްފަހު ބޮޑެތި ދޮގުތައް ތިއަ ހަދަނީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއިމެދުގައެވެ. އޭނާއަކީ މިގޭގެ ނޯކަރެއް ނޫނެވެ. އަދި އޭނާއަކީ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެއްވެސް މީހެއްގެ ނޯކަރަކަށްވާނެ އަންހެނެއްވެސް ނޫނެވެ. އަހަރެންގެ ކުންފުނީގައި އޭނާ އާއި އަހަރެންނާއި ދެބެއިން ހަމަހަމައެވެ. އަހަރެމެންގެ މިތިބީ ދެބެއިންނެވެ. މައިންބަފައިން މުދައުދީފައިވަނީ ދެބެއިންނަށެވެ. ފިރިހެން ދަރިއަށްވީތީ އިތުރަކަށް ބޭނުމެއް ނުކުރަމެވެ. ހުރިހާ ކަންކަންވެސް ނިންމާފައި ހުންނާނީ ދެބެއިންނަށް ހަމަހަމަކޮށެވެ.  

މިގެއަށް ކަލޭ ގެނުވީ ކަލޭގެ އަޚްލާޤް މިނެކިރައިލުމަށެވެ. ތިލަފަތުގައި ކިރައިލީމާ ކަލޭގެ އަޚްލާޤްގައި ރަނގަޅުކަމުގެ ކޮޅަށް އެއްވެސް ބުރަދަނެއް ނެތެވެ. ނުބައިކަމުގެ ކޮޅަށް އިންތިހާއަށް ބުރައެވެ.  

ކޮއްކޮ ވަނީ ކަލޭ ކުރި ހުރިހާ ކަންކަން ކިޔައިދީފައެވެ. އަދި މިގޭގައި ހިނގާ ހުރިހާ ކަމެއް އޮފީހުގައި އިނދެގެން އަހަރެންނަށް ބަލައިލެވޭތީ ހުރިހާ ކަންކަން ވަރަށް ރަނގަޅަށް ބެލީމެވެ. އެހެންވީމާ އަހަރެމެންގެ އޮތްގުޅުން މިހިސާބުން މިނިމުނީއެވެ. ނަމަވެސް އަހަރެންނަށް ކައިވެނިކުރާނެ އަޚްލާޤް ރަނގަޅު އަންހެނަކު ގެނެސްދިނީތީ ޝުކުރުވެރިވަމެވެ. އަހަރެން މިހާރު މިއިޢުލާނުކުރަނީ ކަލެއާއި ކައިވެނިކުރަން ކަނޑައަޅާފައިވާ ތާރީޚުގައި ހަމަ އެހޮޓަލުގައި ކަލޭގެނައި އެކުވެރިޔާ އާއި އަހަރެމެން ދެމީހުންގެ ކައިވެނިކުރެވޭނެ ކަމެވެ. އެކުވެރިޔާގެ ރަނގަޅު އަޚްލާޤާއިމެދު އަހަރެން އިންތިހާއަށް ފަޚުރުވެރިވަމެވެ.  

އުފަލުގައި ދިރިއުޅެން ބޭނުންވަނީ ހަމައެކަނި ހަށިގަނޑުގެ ސިފައިގެ ރީތިކަމެއް ނޫނެވެ. އެންމެ މުހިންމުކަމަކީ އަޚްލާޤް ރިވެތިވުމެވެ. ކަލޭގެ އެކުވެރިޔާއަކީ އެކަމުގައި ނަމޫނާ އަންހެނެކެވެ. ކޮއްކޮގެ ބަހުންނާއި ވީޑިއޯތަކުން އެކަންވަނީ ހާމަވެފައެވެ. އެހެންވެ އަހަރެންގެ ވިސްނުން ބަދަލުކުރީއެވެ. ކޮއްކޮ މެދުވެރިވެގެން އެކުވެރިޔާގެ ނަންބަރު ހޯދައިގެން ގުޅައި މިހާރު މިވަނީ ހުރިހާ ކަމެއް ޖެހިނިމިފައެވެ.  

ކަލޭ ބޭނުންނަމަ މިގޭގައި އަދިވެސް މަޑުކޮށްލެވިދާނެއެވެ. ނަމަވެސް ދެން މިގޭގައި އިންނަންވާނީ ކަލޭގެ އެކުވެރިޔާގެ މެހްމާނެއްގެ ގޮތުގައެވެ. އަހަރެންގެ މެހްމާނެއްގެ ގޮތަކު ނޫނެވެ. އަދި އިންނަންވާނީ ރަނގަޅަށް ތިމާގެ ސައިޒުވެސް އެނގިގެންނެވެ. ކޮއްކޮއަށް ޙައްޤު އިޙްތިރާމްވެސް ކޮށްގެންނެވެ. ކޮއްކޮ ދެން ގޭގެ ކަންކަމެއް ނުކުރާނެއެވެ. އިރުކޮޅަކުން ނޯކަރުން ގެއަށް އަންނާނެއެވެ."  

އޭނާގެ ނިންމުމާއި އެއްގޮތަށް އެދެމީހުންގެ ކައިވެނިކުރެވުނެވެ. ހުރިހާ ކަންކަންވެސް ހިނގައިދިއައީ ކުރިމަތީގައެވެ. ހަމައެގޭގައި އިންދައެވެ. ކައިވެނިކުރުމަށްފަހު ލޯބިން އުފަލުގައި ދެމީހުން އުޅޭތަން ފެނުމުން ހިތަށް ކުރާނެ އަސަރު ކިޔުންތެރިން ވަޒަންކޮށްލާށެވެ.  

މިވާހަކައަކީ އޭނާއަށް އުފަލުގައި ދުނިޔޭގައި އުޅެން ލިބުނު ރަނުގެ ފުރުޞަތު އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުން ގެއްލިގެންދިއަ އަންހެން މީހާ އަސަރާއިއެކު ޑޯން ނޫހަށް ކިޔައިދީފައިވާ ވާހަކައެކެވެ. މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާހުރި ފިލާވަޅެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ.  

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް