އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު
ފުރަތަމަ ދުވަހު ފިރިމީހާއަށް ގެއަށްވަދެވުނުއިރު ސިޓިންގ ރޫމްގެ ސޯފާގައި އޮތަ އޭނާގެ އަނބިމީހާގެ ބަނޑަށާއި މެއަށް އަވަށްޓެރިއަކު ފިތަނީއެވެ. ފިރިމީހާގެ ގާތުގައި ބުނީ އޭނާގެ މެއަށް ކުއްލިއަކަށް ތަދެއް އެރީކަމަށާއި އަވަށްޓެރިޔާ ވަރަށް ގިނަ ކަންކަންކޮށްނުދިންނަމަ އޭނާގެ ފުރާނަ ސަލާމަތް ނުވެ ނުރައްކަލާއި ކުރިމަތިވީސް ކަމަށެވެ. އަވަހަށް ޑޮކްޓަރަށްދާން ބުނުމުން މިހާރު ރަނގަޅު ކަމަށެވެ.
އެއިގެ ހަފްތާއެއްހައި ދުވަސްފަހުން ފިރިމީހާ ގެއަށް އައިއިރު އަނބިމީހާ ބަދިގޭގައި އުޅޭތީ ބަދިގެއަށް ދިއައިރު ހަމަ އެއްކަލަ އަވަށްޓެރިޔާ ބިންމަތީގައި ކަކޫޖަހައިގެންއިނދެ ސިންކުގެ ގުލީ އާއި ކުޅެނީއެވެ. ބުނީ ގުލީ ބެދިގެން ފެންނުދާތީ ބަދަލުކުރީ ކަމަށެވެ. ފިރިމީހާ ބުނީ ބަދަލުކުރިނަމަވެސް މިހާރުވެސް ތިއައިނީ މީގެ 10 ވަރަކަށް ދުވަސްކުރިން އޭނާ އަމިއްލައަށް ބަދަލުކުރި ގުލީ ކަމަށެވެ. އިތުރު އެއްޗެއް ނުބުނެއެވެ.
އެއިގެ އެއްހަފްތާފަހުން ހަވީރު ގެއިން ނުކުންނަމުން އަނބިމީހާ ގާތުގައި ބުނީ ކަމެއް ޖެހިގެން އޮފީހަށްދަނީ ކަމަށާއި އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށެވެ. އެދުވަހު ފިރިމީހާ އޮފީހަށް ދިއައީއެއް ނޫނެވެ. ދުރުގައި ފިލައި ބަލަންހުރީއެވެ.
އިރުކޮޅަކުން އަވަށްޓެރިޔާ ވަނުމުން ކުޑައިރުކޮޅެއްކޮށްފައި ގެއަށްވަދެ ކޮޓަރިބެލިއިރު ދެމީހުން ތިބީ އެނދުގައެވެ. ކުރާ ކަންތައް ބަލަން އިރުކޮޅަކު ހުރެފައި ދޮރުލައްޕާފައި ގޮސް ސިޓިންގރޫމްގައި އިންދާ ދެމީހުން އައުމުން ބުންޏެވެ. ފުރަތަމަ ދުވަހު ޑޮކްޓަރަކަށްވެގެން އަނބިމީހާގެ ފުރާނަ ސަލާމަތްކުރީއެވެ. ދެވަނަ ދުވަހު ގުލީ ބަދަލުކުރީއެވެ. މިއަދު އެނދުގައިކުރިކަންތައް ވަރަށް ރީތިކޮށް ފެނިއްޖެއެވެ. އެއީވެސް އަނބިމީހާގެ ފުރާނަ ސަލާމަތްކުރަން ދިން ފަރުވާއަކަށް ނޫނީ ނުވާނެއެވެ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. ދެމީހުން އެކުގައި މިގެއިން ހަމަމިހާރު ނުކުންނާށެވެ. ކަލޭގެ ގެއަށް ގެންގޮސްގެން އިތުރުފަރުވާދޭށެވެ."
އަނބިމީހާ ބުނީ އޭނާއަކީ ބަލިމީހެއްކަމަށާއި އޭނާއަށް ރަޙުމްކުރަން އެދޭކަމަށެވެ. ފިރިމީހާ ބުނީ ބަލިމީހަކަށްވާތީ މިޙަވާލުކުރީ ހުރިހާ ބަލިތަކަށް ފަރުވާކޮށްދެވޭނެ ޑޮކްޓަރަކާއި ކަމަށެވެ. އެހެންގޮތެއް ނެތުމުން ދެމީހުންނަށްވެސް ޖެހުނީ ގެއިން ނުކުންނާށެވެ. އަވަށްޓެރިޔާގެ އަންތބަކު އިނދެއެވެ. ވީމާ އެގެއަށް ވެއްދޭކަށް ނެތެވެ. އަނބިމީހާ މަގުމަތިވީއެވެ.
އަނބިމީހާއަށް ކުރިމަތިވީ އެންމެ ނިކަމެތި ޙާލަތެވެ. އަޅައިލާނެ މީހަކު ނެތި މަގުމަތިވީއެވެ. އުޅެމުންއައި އުފާވެރި ދިރިއުޅުން ގެއްލުނީއެވެ. ނުހަނު ލޯބިވާ ފިރިއެއްގެ ލޯބިން މަޙްރޫމްވީއެވެ. ގޭގޭގައި ނޯކިރީކުރަން ހިނގަން މަޖުބޫރުވީއެވެ.
ހަމައެންމެ ކަމެއްގެ ސަބަބުންނެވެ. ފިރިމީހާއަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. ޝުކުރުވެރި ނުވެވުމުގެ ސަބަބުންނެވެ. ޙަރާމެއް ޙަލާލެއް ނުބަލައި ހިތްއެދޭހައި އުފާތަކެއް ލިބިގަންނަން މަސައްކަތްކުރެވުނީތީއެވެ.
މިހިރީ ވިސްނައި ފިކުރުކުރަންވީ ކަންކަމެވެ. ކޮންމެ އަނހެނަކުވެސް އަދި ފިރިހެނަކުވެސް ވިސްނައިލާށެވެ. ވައްކަން ކުރެވިދާނެއެވެ. ނަމަވެސް އަބަދަކު ނުކުރެވޭނެއެވެ. ފަޅާއަރާނެއެވެ. އެދުވަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.
- ނަޒުލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
18 ނޮވެމްބަރ 2022