އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
އަނިޔާލިބެމުންދާ މީހަކަށް ލިބެމުންދާ ހިތާމައިން އެމީހާ ސަލާމަތްކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމެވެ. އެއީ އެންމެ މަތިވެރި އަޅުކަމެވެ. އަދިވެސް ވަރަށް މުހިންމު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ޙައްލަކީ ދެމަފިރިން ދުރުވުން ކަމަށް ބުނެ ވެސް އެކަން އެހިސާބުން ނިންމާލައިގެން ނުވާނެއެވެ. އެފަދަގޮތެއް މެދުވެރިވެއްޖެ ނަމަ ނކަމެތިކަން ލިބި ޙާލުގައި ޖެހޭ މީހާއަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ! އެހީތެރިކަން ފޯރުކޮށްނުދެވޭނެނަމަ ވަކިގޮތަކަށް ކަންކަން ނިންމަން ބާރުއަޅައިގެން ނުވާނެއެވެ.
ކަންމިހެން އޮތް ނަމަވެސް މިއަދު ގިނައިން މިފެންނަނީ ނަޞޭޙަތްދޭ މީހުންނެވެ. އެހީތެރިވަނީ އެއިގެތެރެއިން މަދުމީހެކެވެ. ނަތީޖާއަކަށްވަނީ ދޭ ނަޞޭޙަތުގައި ހިފުމުން އިތުރަށް އަނިޔާލިބެންފެށުމެވެ. އަޅާވޭން އިތުރުވުމެވެ. ވީމާ ނަޞޭޙަތް ލިބިގަންނައިރު މިކަންކަމަށްވެސް އެބަ ވިސްނަން ޖެހެއެވެ. ޙަޤީޤީ ޙައްލެއް ލިބޭނީ އެއިރުންނެވެ.
އެއްވެސް މީހަކަށް މީހެގެ ކިބައިން ނުވަތަ ބައެއްގެ ކިބައިން އަނިޔާލިބެމުންދާނަމަ އެ އަނިޔާގައި ކެތްތެރިވުމަށް ބުނެ އަނިޔާލިބެން ދޫކޮށްލުމަކަށް އިސްލާމް ދީނަކު ނެތެވެ. އިސްލާމް ދީނުގައި އޮތީ އެމީހާއަށް ލިބެމުންދާ އަނިޔާއިން ސަލާމަތްކޮށްދިނުމެވެ. އަނިޔާލިބުމުން ސަލާމަތްވުމަށް އެހީތެރިވުމެވެ.
މިސާލަކަށް ދެމަފިރިއެއްގެ ޢާއިލީ ދިރިއުޅުމުގައި އެކަކަށް އަނިޔާލިބެމުންދާނަމަ އެ އަނިޔާއަށް ކެތްތެރިވުމަށް ބުނެ އެކަން އެހިސާބުން ނިންމާލައިގެން ނުވާނެއެވެ! އަނިޔާއިން ސަލާމަތްކޮށްދޭން އެމީހަކަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭންވާނެއެވެ!
މިސާލަކަށް އަނބިމީހާއަށް ފިރިމީހާގެ ކިބައިން އަނިޔާލިބެމުންދާނަމަވެސް އަދި ފިރިމީހާއަށް އަނބިމީހާގެ ކިބައިން އަނިޔާލިބެމުންދާނަމަވެސް ކެތްތެރިވާށޭ ބުނުމަކުން ނުފުދޭނެއެވެ. އެއަނިޔާއިން އަނިޔާލިބެމުންދާ މީހާ ސަލާމަތްކޮށްދޭން އެހީތެރިވާންވާނެއެވެ. ނަޞޭޙަތްދޭން ޖެހޭ މީހާއަށް ނަޞޭޙަތްދޭންވާނެއެވެ. އެހީތެރިކަމަށް ބޭނުންވާނަމަ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ!
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
24 ނޮވެމްބަރ 2022