އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލިކު އިބްނި އަނަސް އިބްނި އަބީ ޢާމިރު އަލް ޙުމައިރީ އަލްމަދަނީގެ ޙަދީޘްފޮތް-

މާލިކު އިބްނި އަނަސް އިބްނި އަބީ ޢާމިރު އަލް ޙުމައިރީ އަލްމަދަނީގެ ޙަދީޘްފޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 32 ސިކުންތު

އިމާމު އިބްނި ކަޘީރު ވިދާޅުވެފައި ވެއެވެ. ޙަދީޘު ފޮތްތަކުގެ ތެރެއިން އިމާމު މާލިކުގެ މުއައްޠާއަކީ އެންމެ ފައިދާހުރި އެންމެ މަތިވެރި ޙަދީޘު ފޮތެވެ. އަދި އެޒަމާނުގައި ލިޔެވުނު ފޮތްތަކުގެ ތެރެއިން މީސްތަކުންނަށް އެފޮތަކުން އެންމެ އަސަރުކުރަނިވި ފޮތްވެސް މެއެވެ. ފޮތް ލިޔެވުނީ ހިޖުރީ ސަނަތުން 158 ގައެވެ.

ފޮތް ލިއުއްވަން ދިމާވި ޙާދިޘާއަކީ އެދުވަސްވަރު އިސްލާމީ އުއްމަތުގައި ހުންނެވި ރަސްގެފާނު ކަމުގައިވާ ޚަލީފާ އަބޫ ޖަޢުފަރުލް އަލްމަންޞޫރުއާ އިމާމު މާލިކުއާ ދެބޭފުޅުން ޙައްޖު މޫސުމުގައި މައްކާގައި ބައްދަލުވެ ވަޑައިގެން އަބޫ މަންޞޫރު މާލިކުގެފާނުންގެ އަރިހުން ދީނުގެ އެންމެހައި ބައިތަކެއް އެކުލެވޭ، ޢިލްމީ އުޞޫލުތަކަށް ބަހާލެވިފައިވާ ފިޤުހު ފޮތެއް އެކުލަވާލެއްވުމަށް އެދިވަޑައިގަތީއެވެ. އަދި މިފަދައިން ވިދާޅުވިއެވެ. އޭ އަބޫ ޢަބްދު ﷲ އެވެ. ބައިބަޔަށް އަތުރާލައްވައިގެން ފަސޭހަގޮތަކަށް މީސްތަކުން އުނގެނި ގަތުމަށްލުއި ފިޤުހުފޮތެއް އެކުލަވާލެއްވުމަށް ތިމަން މަނިކުފާނަށް ފެނިވަޑައިގަންނަވައެެވެ.

އަދިވެސް އަބޫ މަންޞޫރު ވިދާޅުވެފައި ވެއެވެ. ފޮތް އެކުލަވާލައްވާއިރު ޢަބްދު ﷲ އިބްނި ޢުމަރުގެ ހަރުކަށި ފިކުރުފުޅާއި ޢަބްދު ﷲ އިބްނި ޢައްބާސްގެ ކިބައިގައި ހުންނަ ދޫދެއްވުމާއި ޢަބްދު ﷲ އިބްނި މަސްޢޫދު ގެންގުޅުއްވާ ބީރައްޓެހި ނާދިރު ބަސްފުޅުތަކުން އެއްކިބާވެ ވަޑައިގެންނެވުމާއެކު މެދުމިނު އުޞޫލެއް އިޚްތިޔާރު ކުރެއްވުން ވަރަށް މުހިއްމު ކަމަށް ދެކެވަޑައި ގަންނަވަމެވެ. ހަމައެހެންމެ ތިމަންމެންގެ އިމާމުވެރި ބޭކަލުންނާއި އަޞްޙާބު ބޭކަލުން އެއްބަސްވެ ވަޑައިގެންފައިހުރި ބަސްފުޅުތަކަށް އިސްކަން ދެއްވާށެވެ. ތިމަންމެންގެ އެދުމަކީ މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ކަލޭގެފާނުންގެ ޢަމަލުފުޅާއި ކަލޭގެފާނުންގެ ފޮތްތަކުގައި މާތް ﷲ ބަރަކާތް ލެއްވުމެވެ. އަދި މީސްތަކުންގެ ގާތުގައި މަޤްބޫލު ޢަމަލަކަށް އެކަން ވެގެންދާނެއެވެ. އަދި ކުރިއަށްއޮތް ޖީލުތަކަށް ދެމިގެންދާނެ ހެޔޮ ޢަމަލެއްގެ ގޮތުގައި ހެދުމަށް ތިމަންމެން މަސައްކަތް ކުރުމާއެކު މީސްތަކުން އެފޮތާ ޚިލާފަށް ނޫޅުމަށް އެއުރެންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕުވާނަމެވެ.

 

އިމާމު އިބްނި ކަޘީރު ވިދާޅުވެފައި ވެއެވެ. އިމާމު މާލިކުގެ އަރިހުން ޚަލީފާ މަންޞޫލު އެދިވަޑައިގެންފައި ވަނީ މުސްލިމުން އެންމެން އެފޮތުގެ ޒަރީޢާއިން އެއްގޮތަކަށް އުޅުމަށް ބާރުއެޅުއްވުމަށެވެ. އެހެނަސް މާލިކުގެފާނު ޚަލީފާގެ އެބަސްފުޅަކަށް ތާއީދު ނުކުރެއްވިއެވެ. މިއިން ދޭހަކޮށްދެނީ އެކަލޭގެފާނުންގެ ޢިލްމުގެ ތަނަވަސްކަމާއި އެކަލޭގެފާނުން އިންސާފަށް ލޮބުވެތިވެ ވަޑައިގަންނަވާލެއް ބޮޑުކަމެވެ.

ޚަލީފާގެ މިދެވަނަ އެދުންފުޅަށް ޖަވާބު ދެއްވަމުން އިމާމު މާލިކު ވިދާޅުވިއެވެ. މީސްތަކުން ވަނީ ތަފާތު ގޮތްގޮތް އިޚްތިޔާރުކޮށްފައެވެ. އަދި އެހެނިހެން ޢިލްމުވެރިންގެ އަރިހުން ތިމަން ކަލޭގެފާނަށް ލިބިވަޑައިގެންފައި ނުވާ ޙަދީޘު ޢިލްމުގެ ކިތަންމެ އެއްޗެއްސެއް އެބައިމީހުންނަށް ވަނީ އެނގިފައެވެ. އެހެންކަމުން ވަކި އެއްގޮތް މީސްތަކުންނަށް ހުށަހެޅުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި ދެކެވަޑައި ނުގަންނަވަމެވެ.  

މުއައްޠާއަކީ ވަރަށް ގިނަ މުޙައްދިޘުން ޙަދީޘު ކިޔަވާ ވިދާޅުވާން ފެއްޓެވުމުގައި ބިންގަލެއްގެ ގޮތުގައި ހިިތުދަސް ކުރެއްވި ފޮތެކެވެ. އިމާމު ޝާފިޢީވެސް އެކަލޭގެފާނުންގެ ޢުމުރުފުޅުން 14 އަހަރުފުޅުގައި އެފޮތް ހިތުދަސް ކުރެއްވެވިއެވެ. އެފޮތާމެދު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ﷲގެ ފޮތަށް ފަހަކުން އިމާމު މާލިކުގެ ފޮތަށްވުރެން މަންފާ ކުރަނިވި ފޮތެއް އުފެދިފައި ނެތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އިމާމު ޝާފިޢީގެ މިބަސްފުޅަކީ އިމާމު ބުޚާރީގެ ފޮތް ޞަޙީޙު ބުޚާރީ އުފަންވުމުގެ ކުރީގެ ބަސްފުޅެއް ކަމަށެވެ. އަޅުގަނޑަށް ބުރަވެވެނީ އަދިވެސް އިމާމު ޝާފިޢީގެ ބަސްފުޅު އެއޮތީ ހަމަ އެމާނައިގައި ކަމަށެވެ. ސަބަބަކީ ޞަޙީޙު ބުޚާރީއާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅަކާ އިމާމު ޝާފިޢީގެ މިބަސްފުޅާ ފުށުނާރާތީއެވެ. އެއީ އެބޭކަލުން ވިދާޅުވަނީ ﷲގެ ފޮތަށް ފަހުގައި އެންމެ ޞައްޙަ ފޮތަކީ ޞަޙީޙު ބުޚާރީ ކަމަށެވެ. ބުޚާރީއަކީ ޙަދީޘުގެ މައިދާނުގައި ސަނަދުގެ ގޮތަށް ބަލާއިރު އެންމެ ޞައްޙަ ފޮތެވެ. ނަމަވެސް މުއައްޠާއަކީ ކީރިތި ރަސޫލާގެ ޙަދީޘުތަކާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކާއި މަދީނާގެ ޢިލްމުވެރިންގެ ޢަމަލުފުޅުތަކުގެ މައްޗަށް އެކުލަވާލެވުނު އެންމެ މަންފާ ލިބެނި ފޮތެވެ. އިސްލާމީ ދުނިޔެއަށް އުފަންވި ފުރަތަމަ ފިޤުހު ފޮތެވެ. ޙަދީޘު ފޮތެވެ. ސަނަދުގެ ގޮތުން ރަސޫލާއާ އެންމެ ކައިރިން ރިވާކުރެވިފައިވާ ޙަދީޘުތައް އެކުލެވިގެންވާ އެހެން ފޮތެއް އިމާމު މާލިކުގެ މުއްޠާ ފިޔަވައި ނެތެވެ. އިމާމު ބުޚާރީ ވިދާޅުވެފައި ވެއެވެ. އެންމެހައި ސަނަދުތަކުގެ ތެރެއިން އެންމެ ޞައްޙަ ސަނަދަކީ ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން ނާފިޢުގެ ކިބައިން މާލިކު ރިވާކުރަށްވާފައިވާ ރިވާޔަތްތަކެވެ. މިބުނެވުނު ރިވާޔަތްތައް ރިވާވެފައި ވަނީ ހަމައެކަނި އިމާމު މާލިކުގެ މުއައްޠާގައެވެ. 

އިމާމު މާލިކަކީ މަތިވެރި ވަރަޢަވެރި ތަޤްވާވެރި ތަބުޢުއްތާބިޢީ ބޭކަލެކެވެ. ދުނިޔެ ދެކެމުން މިދާ ފިޤުހީ ހަތަރު މަޛްހަބުގެ ތެރެއިން މާލިކީ މަޛްހަބު ނިސްބަތްވަނީ އެކަލޭގެފާނަށެވެ. އެކަލޭގެފާނަކީ މަދީނާގެ އެންމެ އިސް އިމާމެވެ. ފިޤުހުވެރި މުޙައްދެޘެކެވެ. ނަންފުޅަކީ މާލިކު އިބްނި އަނަސް އިބްނި އަބީ ޢާމިރު އަލް ޙުމައިރީ އަލްމަދަނީއެވެ. މަދީނާގެއެންމެމަޝްހޫރު އެންމެއިތުބާރުހިފޭ އިމާމަކީ އިމާމުމާލިކެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ޔަމަނުގެ ރަސްމަތިފުށަށެވެ. އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 93 ގައި މަދީނާއަށެވެ. އަވަހާރަވީ 179 ގައި މަދީނާގައެވެ. ފަސްދާނު ލެވިފައިވަނީ މަދީނާގެ ޖައްނަތުލް ބަޤީޢުގައެވެ. އެކަލޭގެފާނުންގެ އަތްޕުޅު މައްޗަށް ވަރަށް ގިނަ ބޮޑެތި ފިޤުހުވެރިންނާއި މުޙައްދިޘުން ދަރިވަރުވެ ވަޑައިގަތެވެ. އެބޭކަލުންގެ ތެރެއިން އެންމެ މަޝްހޫރު ބޭކަލަކީ އިމާމު ޝާފިޢީއެވެ. އޭގެއިތުން އިމާމު ޢަބްދު ﷲ އިބްނި މުބާރަކާއި އިމާމު ބުޚާރީގެ އެންމެ އިސް އެދުރު ކަމުގައިވާ އިމާމު ޙުމައިދީއާއިި އެނޫންވެސް އެތަކެއް ބޮޑެެތި އިމާމުން މާލިކުގެފާނުންގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވައެވެ. މާތް ﷲ މިއެންމެހައި ބޭކަލުންގެ ފުރާނަފުޅަށް ރަޙްމަތްލައްވައި އެބޭކަލުންގެ ބަރަކާތްތެރި ޢިލްމަކީ އަޅަމެންނަށް މަންފާ ކުރަނިވި ޢިލްމެއް ކަމުގައި ލައްވާށިއެވެ. ސީދާ އެބޭކަލުންނަށް ތަބާވުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!  

އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު:  

އިމާމު މާލިކުގެ "މުއައްޠާ" އެންމެ ފުރަތަމަ ލިޔެވުނު އެންމެ ފައިދާހުރި އެންމެ މަތިވެރި ޙަދީޘު ފޮތް!

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު