އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުބައިދާ: އިސްލާމީ ތާރީޚު ދުށް ޚިދުމަތްތެރި މަހާރެހެންދި

ޒުބައިދާ: އިސްލާމީ ތާރީޚު ދުށް ޚިދުމަތްތެރި މަހާރެހެންދި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 56 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް 

އެކަމަނާގެ އަސްލު ނަންފުޅަކީ أمة العزيز އެވެ. ނަމަވެސް މަޝްހޫރުވެވަޑައިގެންފައިވަނީ ޒުބައިދާގެ ނަންފުޅުންނެވެ. އެކަމަނާއަކީ ޚަލީފާ މަހުދީގެ ބޭބެ ޖަޢުފަރުގެ ދަރިކަނބަލެކެވެ. ޒުބައިދާގެ މައިކަނބަލުންނަކީ سلسل بنت عطاء  އެވެ. سلسل އަކީ  ޚަލީފާ المهدي ގެ އަނބިކަނބަލުން الخيزران بنت عطاء ގެ އުޚުތެކެވެ.  މިގޮތުގެ މަތިން ބަލާއިރު، ޚަލީފާ ހާރޫން އަލްރަޝީދުއާ ޒުބައިދާވަނީ މައިކަނބަލުންނާއި ބަފައިކަލުންގެ ފަރާތްޕުޅުން ގުޅިފައެވެ.

ޢިލްމަށް ބެހެއްޓެވި ޝައުޤުވެރިކަން: 

ޒުބައިދާއަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. ބުރުސޫރަފުޅު ރީތި ބޭކަނބަލެކެވެ. ޢިލްމު އުނގެނިވަޑައިގެންނެވުމަށް ނުހަނު ޝައުޤުވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. ކީރިތި ޤުރްއާނާއި، ޙަދީޘް ޢިލްމާއި، ޢަރަބި ބަހުގެ އަދަބިއްޔާތާއި ޤަވާއިދު އެކަމަނާ ދަސްފުޅު ކުރެއްވީ ނުހަނު ޝައުޤުވެރިކަމާއެކުގައެވެ. އަދަބިއްޔާތާއި، ސައިންސަށް އެކަމަނާ ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ. ބޮޑެތި ޅެންވެރިންނާއި، ސައިންސްވެރިންނާއި، އަދަބީ މާހިރުނަށް ދައުވަތު ދެއްވައިގެން އެބޭފުޅުން ބަޣުދާދަށް ގެންނަވައެވެ. އެބޭފުޅުންގެ ޚަރަދުބަރަދު ބަލަހައްޓަވަނީ ޒުބައިދާއެވެ. 

ކުރިންވެސް ދަންނަވައިފައިވާނެ ފަދައިން ޒުބައިދާއަކީ ޤުރްއާނުގެ ޢިލްމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ޤުރްއާން ކިޔަވާ ވިދާޅުވުމަށާއި، އަޑުއެއްސެވުމަށް އެކަމަނާ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވައެވެ. އެކަމަނާ އިންނަވާ ގަނޑުވަރުން ރެޔާދުވާލު ކެނޑިނޭޅި ޤުރްއާން ކިޔަވާ އަޑުއިވެއެވެ. އެކަމަނާވަނީ ޤުރްއާން ކިޔެވުމަށް ސަތޭހަ ޚާދިމާއިން އައްޔަން ކުރައްވައިފައެވެ. އެމީހުންގެ ކަމަކީ ރެޔާދުވާލު ޤުރްއާން ކިޔެވުމެވެ.  ކުޅަންދުރު ހަތަޔަކުން ކުޅަންދުރުގެ އަޑުއިވޭހެން ޒުބައިދާގެ ގަނޑުވަރުން ޤުރްއާން ކިޔަވާއަޑު މެދުކެނޑުމެއްނެތި އިވެއެވެ. 

އިސްލާމްދީނުގެ ޢިލްމު އުނގަންނައިދީ ކުރިއެރުވުމަށްޓައި ޢިލްމުވެރިންގެ ޖަމާޢަތެއްގެ ބަޔަކު އެކަމަނާވަނީ ޚާއްޞަ ކުރައްވައިފައެވެ. ޒުބައިދާވަނީ އިމާމު ޝާފިޢީގެފާނުގެ ޙަޔާތްޕުޅުގެ ދައުރާއި، އޭގެފަހުގެ ދައުރުތައް ދެކެވަޑައިގެންފައެވެ. 

ޒަވާޖީ ޙަޔާތްޕުޅު: 

ޒުބައިދާއާ ކާވެނި ބައްލަވައިގެންނެވީ ޢައްބާސީ ޚިލާފަތުގެ ފަސްވަނަ ޚަލީފާ ހާރޫން ރަޝީދެވެ. އެއީ ހިޖްރައިން 165 ވަނަ އަހަރުގައެވެ. 23 އަހަރުވަންދެން ހާރޫން ރަޝީދު  ވެރިކަން ކުރެއްވިއެވެ 

ޒުބައިދާ އާއި ޚަލީފާގެ ކާވެނިފުޅުން ލިބިވަޑައިގެންނެވީ މުޙައްމަދު އޭ ކިޔުނު ދަރިކަލެކެވެ. މުޙައްމަދު މަޝްހޫރުވެވަޑައިގެންފައިވަނީ އަލްއަމީންގެ ލަޤަބުފުޅުންނެވެ.  އަލްއަމީން ލިބިވަޑައިގެންނެވުމުގެ ކުރިން ޚަލީފާ ހާރޫނު ރަޝީދަށްވަނީ މަޢުމޫން އޭ ކިޔުނު ދަރިކަލަކު ލިބިވަޑައިގެންފައެވެ. އެދަރިކަލުން ލިބިވަޑައިގެންނެވީ مراجل އޭ ކިޔުނު ޖާރިޔާއެއްގެ ފަރާތްޕުޅުންނެވެ. 

މަޢުމޫން، އަލްއަމީންނަށް ވުރެ ހަމަސްދުވަސް ދޮށިފުޅެކެވެ. މިދެބޭފުޅުންގެ ތެރެއިން މަޢުމޫނަކީ ޢިލްމުވެރި، ބުއްދިފުޅު ފުރިހަމަ ބޭފުޅެކެވެ. އެހެންކަމުން ޚަލީފާ ހާރޫނު ރަޝީދު ބޭނުންފުޅުވެވަޑައިގެންނެވީ ވަލީއަޙްދުކަމުގެ މަޤާމު މަޢުމޫނަށް ދެއްވާށެވެ. ނަމަވެސް މިއީ ޒުބައިދާ އެހާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމެއްނޫނެވެ. އެކަމަނާ ބޭނުންފުޅުވެވަޑައިގެންނެވީ އެކަމަނާގެ ދަރިކަލުން އަލްއަމީން ވަލީއަހުދަކަށް ހައްދަވާށެވެ. އެންމެފަހުން ޚަލީފާ އެކަމަނާގެ ބަސްފުޅު ޤަބޫލުފުޅު ކުރައްވާ އަލްއަމީނަށް ވަލީއަހުދުކަން ދެއްވިއެވެ. ދެވަނަ ވަލީއަޙުދުކަން ދެއްވީ މަޢުމޫނަށެވެ. ތިންވަނަ ވަލީއަޙުދަކަށް ހެއްދެވީ ޤާސިމަށެވެ. 

ޚަލީފާ ހާރޫނު ރަޝީދު އަވަހާރަވުމަށްފަހު އަލްއަމީނަށް ވެރިކަން ލިބިވަޑައިގެންނެވިއެވެ. ކަންތައް ދިޔައީ ގޯހުންގޯހަށެވެ. އެސާހިތު އަލްއަމީނާއި އޭނާގެ ބޭބެ މަޢުމޫނާ ދެމެދު މައްސަލަތައް ޖެހެންފަށައިފިއެވެ. މިކަންތައްގަނޑު ބޮޑުވެ އެންމެ ފަހުން ނިމިގެން ދިޔަ ބޮޑުހަނގުރާމައަކަށް ވެގެންނެވެ. މި ހަނގުރާމައިގައި ތެރޭގައި އަލްއަމީން ޤަތުލުވެ ހިނގައްޖެއެވެ. އަލްއަމީން ވަކިވެދިޔުން ހިމެނުނީ ޒުބައިދާއަށް ބަރުދާސްތުކުރަން އުނދަގޫފުޅުވެވަޑައިގެންނެވި ކަމަކަށެވެ. ނަމަވެސް އެކަންތައް ނުހަނު ކެތްތެރިކަމާއެކު ބަރުދާސްތު ކުރައްވާ އެކަމަނާގެ ދޮންދަރިކަލުން މަޢުމޫނަށް ސިޓީފުޅެއް ލިޔުއްވިއެވެ. 

"އައު ޚަލީފާއަށް އިންތިޚާބުވިކަމަށްޓަކައި މަރުހަބާ ދަންނަވަމެވެ. އަހަރެންގެ އުފަންދަރިފުޅު ވަކިވުމަށްފަހުން އޭގެ ބަދަލުގައި އަހަރެންނަށް މި ލިބުނީ އަހަރެންގެ ބަނޑުން އުފަންނުވިއެއްކަމަކު ހަމަ އަހަރެންގެ ދަރިއެކެވެ." 

މި ބަސްތަކުން އައު ޚަލީފާ މަޢުމޫނަށް ވަރަށް އަސަރުކުރިއެވެ. މަޢުމޫން އުފަންވެވަޑައިގެންނެވިތާ ތިންވަނައަށްވީ ދުވަހު އޭނާގެ މަންމަ އަވަހާރަވެއްޖެއެވެ. ދެން މަޢުމޫން ބެލެހެއްޓެވީ ޒުބައިދާއެކެވެ. މަޢުމޫން އަވަސްވެވަޑައިގެންނެވީ ދޮންމަންމާފުޅު ޒުބައިދާގެ އަރިހަށް ވަޑައިގެންނެވުމަށެވެ. މަޢުމޫން ވަޑައިގެން ކަންތައްވީގޮތުގެ ވާހަކަ އެކަމަނާ ވިދާޅުވެ ދެއްވިއެވެ. އަލްއަމީން ޤަތުލު ކުރައްވަން އޭނާ އަމުރުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ. 

ޚުލުޤްފުޅު: 

ޒުބައިދާއަކީ ވަރަށް ދީންވެރި ބޭކަނބަލެކެވެ. ދީނީ ކަންތައްތަކަށް ލޯބިކުރެއްވި ޞާލިޙު ބޭކަނަބލެކެވެ. އެކަމަނާ ދުވަހުވެސް ނަމާދުފުޅެއް ނާޅުއްވައެވެ. ވަރަށް ގިނަ ފަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވިއެވެ.  ގިނަ ފަހަރަށް ބަޣްދާދުން މައްކާއަށް ކުރާ 900 މޭލު ދަތުރުގައި ފިރިކަލުންނާ އެކު ވަޑައިގަންނަވަނީ ހިންގަވައިފައެވެ. 

އާދަޔާ ޚިލާފު މަސައްކަތްޕުޅެއް: 

ޒުބައިދާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅަކީ ބަޣުދާދުން މައްކާއަށް ދާން އޮންނަ މަގުބޮޑުކޮށް ތަނަވަސްކުރުމުގެ ބޮޑު މަޝްރޫއުއެވެ. އެ މަގަކީ އޭރުވެސް އޮތް މަގެކެވެ. ނަމަވެސް އެމަގުވެފައިވަނީ ދަތުރުވެރިންނަށް އެތަށް ތުރާލަކާއި އުނގަދޫތަކެއް ކުރިމަތިވާ މަގަކަށެވެ. ހަނަފަސްކަމާއި ވެލީގެ ތޫފާންތަކުން ރައްކާތެރިވުމުގެ އެއްވެސް އިންތިޒާމެއް އޭރު އެމަގަކު ނެތެވެ. އެހެންކަމުން ޒުބައިދާ ނިންމެވީ އެމަގުން ދަތުރު ކުރާ ދަތުރުވެރިން ރައްކާތެރި ކުރުމަށްޓަކައި އެމަގު އަލުން ހައްދަވާށެވެ. 

އެގޮތުން އެމަގުގައި މޫސުމީ އުނދަގޫތަކުން ރައްކާތެރިވާނެ ގެތަކާއި، ފަސޭހައިން ފެންލިބޭނެ ރަނގަޅު ފުންވަޅުތަކާއި، ފެންގަނޑުގަނޑާއި، އާރަމުކޮށްލަންތިބެވޭނެހެން ގެތައް ހެއްދެވިއެވެ. މަގުގައި ފޯރިމަރާ ސިފައިން ތިބޭނެ ޕޯސްޓްތައް ހެއްދެވިއެވެ.  ބޮޑެތި އުސް ބުރުޒުތައް ހަދައި އެތަންތަން ދިއްލައިފައި ބެހެއްޓިއެވެ. އެއީ ރޭގަނޑު ދަތުރުކުރާ މީހުންނަށް ފަސޭހައިން މަގު ދެނެގަތުމަށްޓަކައެވެ. މިކަންތައްތައް ކުރީ އެކަމަށް ޚާއްޞަ އިންޖީނިއަރުން ލައްވައެވެ. 

މި އެންމެހައި ޢިމާރާތްތަކެއް ހަދައިފައިވަނީ ވަރަށް ވަރުގަދަކޮށެވެ. ޤަރުނުތަކެއް ވަންދެން އެތަންތަނަށް އެއްވެސް ގެއްލުމެއް ނުލި ހުއްޓެވެ.  ނަތީޖާއަކަށްވީ ޢިރާޤާއި، ޚުރާސާނާއި، ކުރުދީސްތާނުގެ މިލިއަނެއްހާ ހައްޖުވެރިންނަށް، ދަރުބު ޒުބައިދާ އިން 1000 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ލިބިގެން ދިޔުމެވެ. ގާތްގަނޑަކަށް 1300 އަހަރު ފާއިތުވެގެން ދިޔައިރުވެސް މި މަގުގެ ބައެއް ވަޅުތަކާއި، ފެންގަނޑުތަކުގެ އަސަރުތައް އަދިވެސް ފެންނާން އެބަހުއްޓެވެ. 

އަވަހާރަވުން: 

ޒުބައިދާ އެކަމަނާގެ ފިރިކަލުން ހާރޫން ރަޝީދު އަވަހާރަވުމަށްފަހު 22 އަހަރު ދުނިޔޭގައި އިންނެވިއެވެ. ފަހުން ޚަލީފާކަމަށް އިންތިޚާބުވެވަޑައިގެންނެވި އެކަމަނާގެ ދޮންދަރިކަލުން މަޢުމޫން އެކަމަނާއަށް ނުހަނު ހެޔޮފުޅުކޮށް ހިއްތެވިއެވެ. އެކަމަނާއަށް ފަސޭހަފުޅުވާނެ ގޮތަށް ކަންތައްތައް ހަމަޖައްސަވަމުން ގެންދެވިއެވެ. މުހިންމު ކަންތައްތަކުގައި އެކަމަނާއާ މަޝްވަރާކުރެއްވިއެވެ. ޒުބައިދާ އަވަހާރަވީ ހިޖްރައިން 216 ވަނަ އަހަރުގައި އުމުރުފުޅުން 67 އަހަރުފުޅުގައެވެ. 

އަސްލި ލިޔުއްވީ: އަބޫ ޠާރިޤު ޙިޖާޒީ 

ދިވެހިބަހަށް ތަރުޖަމާކުރީ: ޢަލީ އިޙްސާން ފިރާޤު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު