އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރަށް ގިނަ ބޮޑެތި އަނިޔާތައް ކޮށްފި - އަނިޔާއަށް ފަހު އިތުރު ކުރިއެރުން މިންވަރުކުރައްވަވަނީ ރައްޔިތުންގެ ކުރިއެރުމަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރާތީ: ޤާސިމް

ވަރަށް ގިނަ ބޮޑެތި އަނިޔާތައް ކޮށްފި - އަނިޔާއަށް ފަހު އިތުރު ކުރިއެރުން މިންވަރުކުރައްވަވަނީ ރައްޔިތުންގެ ކުރިއެރުމަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރާތީ: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

ވަރަށް ގިނަ ފަހަރުމަތިން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވިޔަފާރިއަށް ވަރަށް ގިނަ ބޮޑެތި އަނިޔާތައް ކޮށް ގެއްލުންތައް ދީފި ކަމަށާއި އަނިޔާއަށް ފަހު އިތުރު ކުރިއެރުން ﷲ ތަޢާލާ މިންވަރުކުރައްވަވަނީ ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބްރާހީމް މިއަދު ވިދާޅުވީ ރާއްޖޭގައި މިއަދު މިއޮތް ސިޔާސީ މަޞްރަޙް ގެނައުމަށް 1984 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ކުރެއްވި  މަސައްކަތްތައް ﷲ ތަޢާލާ ދެނެވޮޑިގެންވާނެ ކަމަށާއި އެއިރު މަސައްކަތްތައް ކުރަވަމުން ގެންދެވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރެއިން ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވިދާޅުވީ އެއިރުންސުރެ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކުގެ ހިތްހަމަޖެހުން ލިބިވަޑައިގަތީ 2008 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހު (ފެހި ޤާނޫނު އަސާސީ ތަޞްދީޤް ކުރެވުމުން) ކަމަށެވެ. "ވަރަށް ބޮޑެތި ޤްރްބާނީތައް ވީން. އެތައް ފަހަރަކު ޖަލަށް ވަނިން. އަޅުގަނޑަށާ އަޅުގަނޑުގެ ކުންފުންޏަށް ކުރިއަށް ނުދެވޭނެގޮތަށް އެކި ފަހަރު އެކި ހުރަސްތައް ކުރިމަތި ކުރުވާ. މަގު ބަންދުކުރޭ."

 

"އެހެން ނަމަވެސް ﷲ ތަޢާލާގެ މިންވަރުފުޅުގެ މަތިވެރިކަމުން ދުވަހަކުވެސް އަޅުގަނޑަށް ގެއްލުން ދެވުނު މީހަކު ނެތް. އަބަދުވެސް ވެއްޓުނިއްޔާ ދެން ތެދުވެވުމުން ކުރިއަށްވުރެ މަތިވެރި ޤަދަރާ ދަރަޖަ ދެއްވަވާ. އެކަންކަން އެންމެ ގާތުން ދެކެ ތަޖުރިބާކުރަމުން މިގެންދަނީ. އަބަދުވެސް މަސައްކަތް ކުރީ ހެޔޮ ނިޔަތުގަ. ރައްޔިތުންގެ ހެވާ ލާބައަށް، ރައްޔިތުންގެ މަންފާއަށްޓަކާ. ކޮންމެ ބައަކު ކޮންމެ ގޮތަކަށް ކޮންމެ އެއްޗެއް ކީ ނަމަވެސް އަބަދުވެސް މަސައްކަތްކުރީ އަޅުގަނޑުގެ އަމިއްލަ މަޞްލަހަތަށްވުރެ ރައްޔިތުންގެ މަޞްލަހަތު އިސްކޮށްގެން. ރައްޔިތުންގެ ކުރިއެރުމާ ހަމަޖެހުމަށް މެނުވީ އަޅުގަނޑު މަސައްކަތެއް ނުކުރަން. މިއަދުވެސް އަޅުގަނޑުގެ ތުއްތު 6 ދަރިންނާއިއެކު ވަގުތު ހޭދަކުރުން މާ މުހިންމު. ނަމަވެސް އެއަށްވުރެވެސް މުހިންމީ މިކުރާ ޤައުމީ މަސައްކަތް. އެދަރިންނަށްވެސް ކުރިއެރުން ލިބޭނީ ޤަުމުގެ ކަންކަން ރަނގަޅުވެ މުސްތަޤްބަލު އުޖާލާވެ ރޯޝަނީވެގެން. އަޅުގަނޑުމެންނަށް މިއަދު ތަހައްމަލުކުރަންޖެހިފައިވާ ވޭން ތަޙައްމަލުކުރަން އެދަރިންނަށް ޖެހެން ބޭނުން ނުވާތީ އަޅުގަނޑު މިމަސައްކަތުގަ މިއުޅެނީ."

 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އުޅުއްވާ ގޮތަށް އެހެން ވިޔަފާރިވެރިން ނުއުޅޭ ސަބަބާއިމެދު ބައެއް މީހުން ސުވާލު އުފައްދާ ކަމަށާއި އެމީހަކު އަމަލުކުރާނެ ގޮތް ނިންމާނީ އެމީހަކު ކަމަށެވެ. އެހެންކަމުން އެހެން ބައަކު އަމަލުކުރާ ގޮތާއިމެދު އިނގިލި ދިއްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ޤައުމު އަޅުގަނޑަށް ކޮށްދޭނެ ކަމަކަށް ބަލައިގެނެއް ނޫން. އަޅުގަނޑު ބަލަނީ އަޅުގަނޑަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ!."

 

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމަށް ކުރިއަށް ދެވޭނީ އެންމެން ގޮވައިގެން އެންމެން އެކުގައި ކުރިއަށް ދާން މަސައްކަތް ކުރުމުން ކަމަށެވެ. "އަޅުގަނޑަށާ އަޅުގަނޑުގެ އަނބިދަރިންނަށާއި މުދަލަށް ކިތަންމެ ބޮޑު ގެއްލުމެއް ދިން ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅުން އަދި މިހައިތަނަށް ދަނީ ހުރިހާ ކަމެއްވެސް ކާމިޔާބުވަމުން. އަޅުގަނޑު ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކޮންމެ މީހަކު ނިކަމެތިވެގެންދާތަން ދަނީ ދައްކަވަމުން. އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފަން އެއްވެސް އިރެއްގައި އެއްވެސް ކަމެއް އަޅުގަނޑު ނުކުރަން. ނުވެސް ކުރާނަން. ނަމަވެސް އެކަން އެހެންވަމުންދާތަން ދަނީ ފެންނަމުން. ވީމާ އަޅުގަނޑު އެދެނީ އެންމެންވެސް އީމާންތެރިކަމުގައި ސާބިތުވެތިބުން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.   

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް