އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަން ލިބުމުން ޖެހޭ ބަލި ޖެހި އަނބިމީހާ ނިކަމެތިކޮށްލި މީހަކަށް ދެން ޖެހުނު ބަލީގަ އައިސީޔޫގަ އޮވެ މަރާ ހަނގުރާމަކުރަން ޖެހުނު ގޮތުގެ ވާހަކަ!

ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަން ލިބުމުން ޖެހޭ ބަލި ޖެހި އަނބިމީހާ ނިކަމެތިކޮށްލި މީހަކަށް ދެން ޖެހުނު ބަލީގަ އައިސީޔޫގަ އޮވެ މަރާ ހަނގުރާމަކުރަން ޖެހުނު ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 29 ސިކުންތު

އޭނާއަކީ ތަނަވަސް ފިރިހެނެކެވެ. ތަނަވަސްކަން ލިބުނީ ފުރަތަމަ އަނބިމީހާ އާއިއެކު ދިރިއުޅުން ފަށައި އެދިރިއުޅުމުގައި ކުރިއަށް ދަނިކޮށެވެ. ތަނަވަސްކަން ލިބުނުތަނާހެން ބައެއް އެހެން މީހުންނަށްވެސް ޖެހޭބަލި އޭނާއަށްވެސް ޖެހުނެވެ. އެއީ އަނބިމީހާ ކަމުނުދިއުމާއި ކައިވެނިކުރާނެ މާރީތި އަންހެނުން ލިބުމުގެ ބައްޔެވެ.  

އެބަލީގެ ޝިކާރައަކަށް ވެވުމުން އަނބިމީހާ ވަރިކޮށް 3 ދަރިންނާއިއެކު އަނބިމީހާ އޭނާގެ މައިމީހާގެ ގާތަށް ފޮނުވައިލިއެވެ. އަދި މާސިފަ ރީތި މާޒުވާން ކުއްޖަކާއި ކައިވެނިވެސް ކުރިއެވެ. ކައިވެންޏަށް 3 މަސްވީއިރު އޭނާގެ ތަނަވަސްކަމުން އެއްބައި އަނބިމީހާއަށް ދޭން އެއްބަސްކުރުވައިފިއެވެ. 

ނަމަވެސް އެހިސާބުން އޭނާއަށް ހެޔޮވިސްނުން ލިބެން ފަށައިފިއެވެ. މިހާއަވަހަށް މުދަލާއި ފައިސާއަށް އެހައި ބޮޑަށް ބޭނުންވެގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ޚިޔާލުތަކެއް ކުރެވެން ފެށުމުން އެއްބަސްވުމުގެ ލިޔެކިޔުންތައް ހަމަޖެއްސުން ނުވަތަ ރަޖިސްތްރީކުރުން މަޑުޖައްސައިލިއެވެ.  

4 ވަނަ މަހު ކުއްލިއަކަށް ވަރުބަލިވާން ފަށައިފިއެވެ. ހީކުރެވުނީ މިއުޅެނީ އާދައިގެ ކަމެއް ޖެހިގެން ކަމަށެވެ. މާބޮޑަށް ވިސްނޭތީ ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް ދުވަހުން ދުވަހަށް އެކަންތައް ބޮޑުވާން ފެށުމުން ކަންބޮޑުވެ ޑޮކްޓަރަށް ދެއްކިއެވެ.

ޓެސްޓްތައް ހެދުމަށްފަހު ވަގުތުން އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދޭން ފެށިއެވެ. ގިނަ ޢަދަދެއްގެ ލޭއަޅައި ލޭބަދަލުކުރިއެވެ. ހޯދި ޒުވާން ރީތި އަނބިމީހާ އެހިސާބުން ގެއްލިއްޖެއެވެ. ފިލައިފިއެވެ. ހޮސްޕިޓަލަކަސް ނުދެއެވެ. ގެއަކަސް ނުދެއެވެ. ފޯނު ނިއްވާލައިފިއެވެ.  

މަސްދުވަހުގެ ފަރުވާއަށްފަހު ގަދަވުމުން ޑޮކްޓަރުން ކިޔައިދިނެވެ. "ފުރާނަ ސަލާމަތްކުރެވުނީ ކިރިޔާއެވެ. 2،3 ދުވަސް ލަސްވިނަމަވެސް އުންމީދެއް ނެތެވެ. ހަށިގަނޑަށް ވަނީ ވަރަށް ނުބައި ވިހައެއް ދީފައެވެ. ނަތީޖާއަކަށްވާނީ ވަރުބަލިވަމުން ގޮސް ފުރާނައަށް ނުރައްކައުވުމެވެ." 

އަނބިމީހާ ފިލާފައިވުމުން އެއީ ކާކުކުރިކަމެއްކަން ދެނެގަންނަން އުދަގުލެއް ނުވިއެވެ. އެހިސާބުން އޭނާގެ އެކުވެރިއަކު ވިސްނައިދިނެވެ. "އެކުވެރިޔާގެ ފުރާނައަށް ނުރައްކައު ތިއަވީ އެކުވެރިޔާއަށް ފުރަތަމަ ޖެހުނު ބަލީގެ ސަބަބުންނެވެ. ދެވަނަ ބަލި ޖެހުނީ އެބަލީގެ ވައިރަސްގެ ސަބަބުންނެވެ."  

(ފުރަތަމަ ޖެހުނު ބައްޔަކީ) ކޮބައިތޯ ސުވާލުކުރުން ކިޔައިދިނެވެ. "އެއީ ތަނަވަސްކަން ލިބުމުން އަނބިމީހާ ކަމުނުދިއުމުގެ ބައްޔެވެ. އެބަލި ޖެހޭ މީހުންނަށް އެބަލީގެ ސަބަބުން ޖެހޭ ބަލިތައް ވަރަށް ނުރައްކަތެރިވާނެއެވެ. އެއިގެ ތެރޭގައި ތަނަވަސްކަން ގެއްލުން، ހިތާމައާއި ހިތްދަތިކަމުގައި ދިރިއުޅެންޖެހުން ފަދަ އެތައް ބައްޔެއް ޖެހޭނެއެވެ. އެކުވެރިޔާގެ ނަޞީބު ރަނގަޅުކަމުން ނުވަތަ ދަރިންކޮޅުގެ ނަޞީބު ރަނގަޅުކަމުން އެކުވެރިޔާއަށް މިފަހަރު ސަލާމަތްވެވުނީއެވެ. ދެންވެސް މިބާވަތުގެ ބަލިތަކުން ސަލާމަތްވެހުންނަން ބޭނުންނަމަ ފުރަތަމަ ޖެހުނު ބަލިން އަވަހަށް ސަލާމަތްވާށެވެ! އެބަލީގެ ފަރުވާއަކީ އަނބިމީހާގެ ކިބައިން މށފަށް އެދުމާއި ދެފައިގައި ހިފައި އާދޭސްކޮށްގެންނަމަވެސް އަނބުރައި ކައިވެނި ރުޖޫޢަކުރުމެވެ. އަނބިދަރިންނާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ."  

އެކުވެރިޔާ ދިން ނަޞޭޙަތް ޤަބޫލުކޮށް އަނބިމީހާގެ ކިބައިން މާފަށް އެދި އާދޭސްކޮށްގެން އަނބުރައި އެކުގައި ދިރިއުޅެން ފެށިއެވެ. ކުރަންޖެހުނު ހިތި ތަޖުރިބާތަކުގެ ބޭނުން ހިފައި އަނބިމީހާއަށް ހެޔޮކޮށް ހިތުން އިތުރުކުރިއެވެ. އޭނާއަށް ވިސްނުނެވެ. "ދެވަނަ އަނބިމީހާ ބޭނުންވި ގޮތަށް ކަންކަން ނުވެދާނެކަން ހީވީމާ އެއުޅުނީ އަހަރެންގެ ފުރާނަ ދުއްވާލާފައި މުދަލަށް ވެރިވެގަންނާށެވެ. ނަމަވެސް ފުރަތަމަ އަނބިމީހާއަކީ ދުވަހަކުވެސް ފައިސާއާއި މުދަލަށް ދަހިވެތިވި އަނހެނެއް ނޫނެވެ. ހަމައެކަނި އަހަރެންދެކެވާ ލޯބިން އެކުގައި ދިރިއުޅެން ބޭނުންވި އަންހެނެކެވެ. ހުރިހާ ދެރައެއް ލިބި ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓެންޖެހުނީ އެކަންކަން އަހަރެންނަށް ޤަބޫލުނުކުރެވުމުންނެވެ."   

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ ބޭރު ޤައުމެއްގައި ހިނގާފައި އޮތް ކަމެއް ނަމަވެސް ހަމަ މިފަދަ ހިތި ތަޖުރިބާތައް މިރާއްޖޭގައިވެސް ކުރަން އެބަޖެހެއެވެ. ހޭލުންތެރިވަމާތޯއެވެ؟ ތިމާދެކެ ޙަޤީޤީ ލޯބިވާ ފިރިން، އަނބިންގެ އަގު ވަޒަންކުރާބައަކަށްތޯއެވެ؟ ޚާއްޞަކޮށް ތަނަވަސްކަން ލިބުމުން ނިކަމެތިކަމުގައި ތިމާއާއިއެކު ދެމިހުރި ބައިވެރިޔާ ބާކީކޮށް އެއްލައިނުލަމާތޯއެވެ!  

އަޅުގަނޑަކީވެސް ހަމަ މިފަދަ ގޮތަކަށް 4 ދަރިންނާއިއެކު އެއްލައިލެވުނު އަންހެނަކީމެވެ. 3 އަހަރުފަހުން ވިސްނިގެން ރޮމުން އައިއިރު ދެވަނަ ކައިވެންޏަށް ވަނީ ދަރިއަކު ލިބިފައެވެ. އަޅުގަނޑު އިޚްތިޔާރުކުރީ 4 ދަރިންނާއިއެކު ނިކަމެތި ޙާލުގައި އަޅުގަނޑު ބަލައިގަތް އޯގާތެރިޔާ އާއިއެކުގައި ހުރުމަށެވެ.  

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
13%
ރަނގަޅު
26%
އޯކޭ
43%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް