އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފައިސާއާ މުދަލުގެ ދަހިވެތިކަމުގަ ހެޔޮލަފާ ފިރިމީހާ މަރާލާފައި އޭނާގެ ދަރިފުޅުވެސް މަރާލަން މަސައްކަތްކުރި ދޮންމަންމައެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ފައިސާއާ މުދަލުގެ ދަހިވެތިކަމުގަ ހެޔޮލަފާ ފިރިމީހާ މަރާލާފައި އޭނާގެ ދަރިފުޅުވެސް މަރާލަން މަސައްކަތްކުރި ދޮންމަންމައެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 28 ސިކުންތު

އެއްވެސް ދެމީހަކީ އެއްގޮތް މީހަކަށް ނުވާނެއެވެ. ރަނގަޅު މީހުންނާއި ނުބައި މީހުން ތިބޭނެއެވެ. އެގޮތުން ދޮންމަންމައިންނަކީ ނުބައި ބައެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތްނަމަވެސް ކޮންމެ ދޮންމަންމައަކީ ނުވައި މީހެއް ނޫނެވެ. މައިންފަދަ ދޮންމަންމައިންވެސް ބައިވަރެވެ. ނަމަވެސް މިކިޔައިދެނީ ނުބައި ދޮންމަންމައެއްގެ ވާހަކައެވެ.

އެމީހުންގެ ގެ ހުންނަނީ އަހަރެމެންގެ ގެއާއި ޖެހިގެންނެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ދެމްފިރިން ދިރިއުޅެމުން ދިއައީ ވަރަށް ލޯބިންނެވެ. ދެމަފިރިންނަށް ދަރިއަކުވެސް ލިބި ދަރިފުޅުގެ ޢުމުރުން 15 އަހަރުގައި މަންމަ ނިޔާވީއެވެ. 

އަނބިމީހާ ނިޔާވުމުން އަހަރެއްހައި ދުވަހު ކައިވެނިނުކޮށް ހުރެފައި އޭނާ ދެވަނަ ކައިވެނިކުރިއެވެ. އެއީ ބޭރުފުށުން ކަންކަން ވަރަސް ރިތިކޮށް ދައްކަމުން އައި އަންހެނެކެވެ. އެހެނަސް އެތެރެފުށް ރަނގަޅެއް ނޫނެވެ. އެދެމީހުން ކައިވެނިކުރަންދެން ފިރިމީހާ އަކީ ފެށުނީންސުރެ އަވަށްޓެރިންނަށް ވަރަސް ރަނގަޅު މީހެކެވެ. ގޭގެއަށް ވަދެ ޙާލުބަލާނެއެވެ. ކަމަކަށް ދަތިވެގެން އުޅޭނަމަ އެހީތެރިވެސްވާނެއެވެ. 

އެއިގެ އިތުރުން މަހަކު އެއްފަހަރު އަވަށްޓެރިންގެ ޕާޓީވެސް ބާއްވާނެއެވެ. އެޕާޓީއަށް އެއްޗެތި ތައްޔާރުކުރަން ޖެހޭނީ އަމިއްލައަށެވެ. ނަމަވެސް ކޮންމެގެއަކުންވެސް ހަދަން ބޭނުންވާ އެއްޗެއް ބެލުމަށްފަހު އެއްޗެއް ހަދާނެ ތަކެތި އެގެއަކަށް ހޯދައިދޭނެއެވެ. އެހެންވެ ހުރިހާ އަވަށްޓެރިންގެ މެދުގައިވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ. 

އޭނާއާއި އކަިވެނިކުރި ފަހުން އެކަންކަން ހުއްޓިއްޖެއެވެ. އަހަރެމެންނަށް އެހައި ރަނގަޅު، ހިތްހެޔޮ ދީލަތި އަވަށްޓެރިޔާ އަހަރެމެންނަށް ފޮރުވައިފިއެވެ. އޭނާ އާއި އަހަރެމެންނާއި އޮންނަ ގާތް ގުޅުން ކަނޑުވާލައިފިއެވެ. އެހެންވެ ހުރިހާ އަވަށްޓެރިންވެސް ތިބީ ވަރަށް ދެރަވެފައެވެ. 

އެންމެ ބޮޑަށް ދެރަވާންޖެހުނީ ކައިވެންޏަށް ހައަކަމަސްވީތަނާ ކުއްލި ގޮތަކަށް އޭނާ ނިޔާވުމުންނެވެ. ޑޮކްޓަރުނެ ބުނީ ކެވުނު އެއްޗެއްގެ ސަބަބުން ކަމަށެވެ. އެއެއްޗެއްގައި ވިހައެއްގެ އަސަރުހުރިކަން ޓެސްޓްތަކުން އެނގުނު ކަމަށެވެ. އޭނާއަށް އެފަދަ ކަމެއް މެދުވެރިވި ގޮތާއިމެދު އެންމެންވެސް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އޭނާ ނިޔާވުމުން އޭނާގެ އަންހެން ކޮއްކޮ އެގެއަށް ބަދަލުވެ ބޭބެގެ ދަރިފުޅު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރަންފެށިއެވެ. ދޮންމަންމަވެސް ގޭގައި އުޅެއެވެ. ނަމަވެސް އޭނާއަށް ދަރިފުޅުގެ އެއްވެސް ބުރައެއް ނުޖައްސައެވެ. 

އަޅުގަނޑާއި ފިރިމީހާ އެއްރޭ ގޯތިތެރޭގައި ތިއްބައި އަވަސްޓެރިޔާގެ ކޮއްކޮ އައިސް ވާހަކައެއް ދައްކަން ބޭނުންކަމަށް ބުނެފައި ކިޔައިދިނީ ފަހަރިގެ ވާހަކައެކެވެ. ފަހަރި ހިލޭ ފިރިހެނަކަށް ފޯނުކޮށްގެން ދެއްކި ވާހަކަތައް އަޑު އިއްވިއެވެ. 

އެކޯލުގައި އޭނާ ބުނެފައިވަނީ ފިރިމީހާ މަރައިލި ގޮތަށް ދަރިފުޅުވެސް މަރައިލާނެ ކަމަށެވެ. އެއިރުން މަރުވެފައިވާ ފިރިމީހާގެ ހުރިހާ މުދަލެއް ލިބި ތަނަވަސްކަމުގައި ދެމީހުންނަށް އުޅެވޭނެ ކަމަށެވެ. 

އެކޯލް އަޑުއަހާފައި ފިރިމީހާ ބުނީ އެކަން ޖެހޭނީ އަތުލައިގަންނަން ކަމަށެވެ. އަތުލައި ގަނެވޭނެ ގޮތެއް ހެދުމަށްޓަކައި ގޭގައި ސިއްރު ކެމެރާ ހަރުކުރިއެވެ. އަދި ގޭގައި ހިނގާ ކަންކަން ބެލޭނެގޮތަށް ފިރިމީހާގެ ފޯނު ސެޓްކުރިއެވެ. އަދި ދޮންމަންމަ ކޮށްފާނެ ކަމަކަށް ރަނގަޅަށް ފާރަވެރިވެގެން އުޅުމަށް ނަޞޭޙަތްދިނެވެ. 

އަތުލައި ގަނެވެން މާގިނަ ދުވަހެއް ނުނެގިއެވެ. އާދިއްތަ ދުވަހަކު އަމިއްލައަށް ބަދިގެއަށް ވަދެ ކުއްޖާއަށް އެންމެ މީރު ސުޕްކައްކާފައި ދެންހުރި ބައަށް ޒަހަރު އެޅިއެވެ. އެކަން ފާހަގަކުރެވުނީ އެގޭގައި އިންނަ އަނހެންކުއްޖާއަށެވެ. އެކަން އެނގުމާއިއެކު އޭނާ އަޅުގަނޑުގެ ފިރިމީހާއަށް ގުޅުމުން ފިރިމީހާ އެގެއަށް ދިއައީ ފުލުހުން ގޮވައިގެންނެވެ. 

ފުލުހުން ދިއުމާއިއެކު ފިލަން އަންހެން މީހާ މަސައްކަތްކުރިއެވެ. ފުލުހުން އޭނާ ވަޤުތުން ހައްޔަރުކުރީއެވެ. އަދި ސިއްރު ކެމެރާގެ ފުޓޭޖްނެގުމަށްފަހު އޭނާ ގޮވައިގެންދިއައީއެވެ. 

އެމައްސަލައިގައި މީހަކު މެރުމުގެ ކުށް ސާބިތުވެ އަނހެންމީހާގެ މައްޗަށް މަރުގެ އަދަބުދިނުމަށް ޙުކުމް އިއްވިއެވެ. އެއީ ފިރިމީހާއަށް ޒަހަރުދީގެން މަރައިލި މައްސަލައިގައެވެ. އަދި ދަރިފުޅު މަރާލަން ޒަހަރުދޭން އުޅުނުކަމުގެ ކުށްވެސް އޭނާގެ މައްޗަށް ޘާބިތުވިއެވެ. އަދި އޭނާގެ ލޯބިވެރިޔާއަށްވެސް 30 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. 

މިއީ އަޅުގަނޑު ސަޢުދީ ނޫހަކުން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މިފަދަ ޙާދިސާތައް ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގަމުންދާތީއެވެ. ހިނގާ ގޮތް ތަފާތުވަނީއެވެ. އަދި ހިނގާލެއް މަދުކަމުން މާބޮޑު ސަމާލުކަމެއްވެސް ނުދެވެނީއެވެ. 

ބުނެލަން ބޭނުމީ މިބާވަތުގެ ކަންކަމަށް ހޭލުންތެރިވާން ޖެހެއެވެ. އެންމެ މުހިންމީ އެއްވެސް މީހަކު މިބާވަތުގެ ކަމެއް ނުކުރުމެވެ. މީހަކު މަރާފައި ދުނިޔޭގައި ފިލައި ހުރެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހަކު ނުހުރެވޭނެއެވެ. 

އޭނާއަށް އެލިބުނު ފަދަ ހިތްހެޔޮ، ރަނގަޅު، ތަނަވަސް މީހަކު ފިރިއަކަށް ލިބުމުން  އުފަލުގައި ދިރިއުޅެން މަސައްކަތްކުރިނަމަ އޭނާއަށް ކިހައި ބޮޑު އުފާވެރިކަމެއްގައި ދުނިޔޭގައި އުޅެވުނީސް ހެއްޔެވެ؟ ނަމަވެސް އޭނާގެ ދަހިވެތިކަން ބޮޑުކަމުން އެއިޚްތިޔާރުކުރީ އެންމެ ނުބައި ގޮތެވެ.

 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް