އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ސޫރަތުއްނާސް ކިޔަވާފައި ދެވަނަ ރަކުޢަތުގައި ސޫރަތުލްއިޚްލާޞް ކިޔެވުމުން ނަމާދު ޞައްޙަ ވާނެތޯ؟

ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ސޫރަތުއްނާސް ކިޔަވާފައި ދެވަނަ ރަކުޢަތުގައި ސޫރަތުލްއިޚްލާޞް ކިޔެވުމުން ނަމާދު ޞައްޙަ ވާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 24 ސިކުންތު

ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ސޫރަތުއްނާސް ކިޔަވާފައި ދެވަނަ ރަކުޢަތުގައި ސޫރަތުލްއިޚްލާޞް ކިޔެވުމުން ނަމާދު ޞައްޙަ ވާނެތޯ؟

ނަމާދުގައި ސޫރަތް ކިޔަވަން ޖެހޭނީ ތަރުތީބުންނޭ ބުނާތީ އަޑުއިވޭތީ! 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

ކީރިތި ގުރްއާން ފަހަތުން މައްޗަށް ކިޔެވުމަށް ޢަރަބި ބަހުގައި ކިޔެނީ "ތަންކީސް" އެވެ. "ތަންކީސް" ހަތަރު ބަޔަކަށް ބެހިގެންވެއެވެ. އެއީ:

1.    ތަންކީސުލް ޙުރޫފް (އަކުރުތައް އެކޮޅު ކޮޅުން ކިޔެވުން)

2.    ތަންކީސުލް ކަލިމާތި (ކަލިމަތައް އެކޮޅު ކޮޅުން ކިޔެވުން)

3.    ތަންކީސުލް އާޔާތި (އާޔަތްތައް އެކޮޅު ކޮޅުން ކިޔެވުން)

4.    ތަންކީސުއްސުވަރ (ސޫރަތްތައް އެކޮޅު ކޮޅުން ކިޔެވުން)

ތަންކީސުލް ޙުރޫފް އަކީ އެއް ކަލިމަ އެއްގެ ފަހު އަކުރު ކުރިޔަށް ލައިގެން ކިޔެވުމެވެ. މިޘާލަކަށް: "رب"   ކިޔަންވާ ތަނަކަށް "بر" ކިޔުން.

މިއީ ޙަރާމް ކަމެކެވެ. އަދި މިގޮތަށް ކިޔަވައިފިނަމަ ނަމާދު ބާޠިލް ވާނެއެވެ. ސަބަބަކީ ގުރްއާން ބާވާލެއްވުނު ގޮތާ އިދިކޮޅަށް ކިޔެވުމެވެ. އަދި މިގޮތަށް ކިޔެވުމުން ގިނަފަހަރަށް މާނަ ފުށޫ އަރާ ގޮތްވެސް ވެއެވެ.

(އައްޝަރްޙުލް މުމްތިޢު ލިބްނި ޢުޘައިމީން 3/110). 

ތަންކީސުލް ކަލިމާތި އަކީ ފަހަތު ކަލިމަ ކުރިޔަށް ޖައްސައިގެން ކިޔެވުމެވެ. މިޘާލަކަށް (قلهواللهأحد) ކިޔަންވާ ތަނަކަށް (أحداللههوقل) ކިޔުން.

މިއީވެސް ޙަރާމް ގޮތެކެވެ. މިގޮތަށް ކިޔަވައިފިނަމަ ނަމާދު ބާޠިލްވާނެއެވެ. އެހެނީ މިއީ ﷲ ގުރްއާން ބާވލެއްވި ގޮތާއި ފުށޫ އަރާ ގޮތަކަށްވާތީވެއެވެ.

(އައްޝަރްޙުލް މުމްތިޢު ލިބްނި ޢުޘައިމީން 3/110). 

ތަންކީސުލް އާޔާތި އަކީ ފަހަތުގައި އޮންނަ އާޔަތް ކިޔެވުމަށް ފަހު ކުރީ އާޔަތް ކިޔެވުމެވެ. މިޘާލަކަށް (إلهالناس   ) ކިޔެވުމުގެ ކުރިން  (منشرالوسواسالخناس  ) ކިޔެވުމެވެ.

މި މައްސަލާގައި ގާޟީ ޢިޔާޟް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޝައްކެތްނެތް ގޮތުގައި ސޫރަތްތަކުގައި އާޔަތްތައް ތަރްތީބުވެފައިވަނީ ތައުގީފީ ކޮށްނެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުއްސުރެ ފެށިގެން އަޅުގަޑުމެންނާއި ހަމަ އަށް ގުރްއާން އައިސްފައިވަނީ އެގޮތަށެވެ." އެހެންކަމުން އާޔަތްތަކުގެ ތަރްތީބު އޮޅުވާލައިގެން ކިޔެވުމުގެ މައްސަލާގައި ރާޖިޙް ގޮތަކީ އެއީ ހުއްދަ ކަމެއް ނޫންކަމެވެ.

(އައްޝަރްޙުލް މުމްތިޢު ލިބްނި ޢުޘައިމީން 3/110). 

ތަންކީސުއްސުވަރި އަކީ ފަހަތު ސޫރަތެއް ކިޔެވުމަށްފަހު ކުރީގެ ސޫރަތް ކިޔެވުމެވެ. މިޘާލަކަށް: ސޫރަތުލް ބަގަރާ ކިޔެވުމުގެ ކުރިން ސޫރަތު އާލުޢިމްރާން ކިޔެވުމެވެ. ނުވަތަ ސޫރަތުލް އިޚްލާޞް ކިޔެވުމުގެ ކުރިން ސޫރަތުލް ފަލަގި ކިޔެވުމެވެ. 

މިކަމުގެ ޙުކުމް: 

ބައެއް ޢިލްމުވެރިންގެ ރައުޔަކީ ކީރިތި ގުރްއާނުގައި ސޫރަތްތައް ތަރްތީބުވެފައިވަނީ ތައުގީފީ ކޮށްނެއް ނޫނެވެ. އެހެންކަމުން، ސޫރަތްތަކުގެ ތަރްތީބު އޮޅުވާލިނަމަވެސް އެއީ މައްސަލަ އެއް ނޫނެވެ. 

އަނެއްބައި ޢިލްމުވެރިންގެ ރައުޔަކީ ކީރިތި ގުރްއާނުގެ ސޫރަތްތައް ތަރްތީބުވެފައިވަނީ ތައުގީފީ ކޮށް ކަމެވެ. ތައުގީފީ ކޮށް ނޫންނަމަވެސް އެގޮތަށް (ސޫރަތްތަކުގެ ތަރްތީބަށް) ހުރިހާ ޞަޙާބީން ވަނީ އިޖްމާޢުވެފައެވެ. އެހެންކަމުން އެތަރްތީބު އޮޅުވާލައިގެން ނުވާނެއެވެ. 

ރާޖިޙް ގޮތަކީ: ކީރިތި ގުރްއާނުގެ ސޫރަތްތައް ތަރްތީބު ކުރެވިފައިވަނީ ތައުގީފީ ކޮށް ނޫން ކަމެވެ. އަދި އެއީ ބައެއް ޞަޙާބީންގެ އިޖްތިހާދުން ކުރައްވާފައިވާ ކަމެކެވެ. 

ސުވާލުގެ ޖަވާބުގެ ޚުލާޞާ އެއްގެ ގޮތުގައި ދަންނަވަމެވެ. ނަމާދުގެ ރަކްޢަތް ތަކުގައި ސޫރަތްތައް އިސްފަސް ކުރުމަކީ މައްސަލަ އެއް ނޫނެވެ. އެގޮތުން ފުރަތަމަ ރަކްޢަތުގައި ސޫރަތުއް ނާސި ކިޔެވުމަށް ފަހު ދެވަނަ ރަކްޢަތުގައި ސޫރަތުލް އިޚްލާޞް ކިޔެވިނަމަވެސް މައްސަލަ އެއް ނެތެވެ. ނަމާދު ޞައްޙަ ވާނެއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީ އިން ފަތުވާ ދެއްވާފައިވާ ގޮތެވެ. (ފަތާވާ އައްލަޖްނަތުއްދާއިމާ 16/4).والله أعلم . 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް