އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުލިބިގެން ތިއައުޅޭ އުފާތަކާ ހިތްހަމަޖެހުމާ ބާއްޖަވެރިކަން ލިބެން އޮތް ޔަޤީން މަގު!

ނުލިބިގެން ތިއައުޅޭ އުފާތަކާ ހިތްހަމަޖެހުމާ ބާއްޖަވެރިކަން ލިބެން އޮތް ޔަޤީން މަގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 15 މިނެޓް, 24 ސިކުންތު

އުފާވެރި، ހިތްހަމަޖެހޭ، ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް؟

 

الحمد الله رب العالمين, ولي الصالحين, ولا عدوان إلا عل الظالمين والصلاة والسلام على إمام المتقين, وقدوة الناس أجمعين, وعلى آله وصحبه و التابعين. أما بعد:

ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ. އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.

ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވުމަށްޓަކައި މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ އެއީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. 

فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ ” (التوبة: 55) 

"ފަހެ އެބައިމީހުންގެ މުދައުތަކާއި، ދަރީންތައް، ކަލޭގެފާނު ޢަޖައިބުކުރުވިޔަ ނުދޭ ހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ އިރާދަކުރައްވަނީ ދުނިޔޭގެ ދިރިއުޅުމުގައި އެތަކެތީން އެބައިމީހުންނަށް ޢަޛާބު ދެއްވުމަށެވެ. އަދި އެއުރެން ކާފިރުންކަމުގައި ވާޙާލު އެއުރެންގެ ފުރާނަ ދިޔުމަށެވެ."

ޝާނާއި ޝައުކަތުހުރި ބޮޑު ވެރިކަމަކުން މީހަކަށް ބާއްޖަވެރިކަމެއް ލިބޭނެ ނަމަ ފިރްޢައުނަށް ލިބުނީހެވެ. ނަމަވެސް ފިރްޢައުނުގެ ވެރިކަމަކީ އީމާން ކަމުގެ ނޫރުން އަލިވެފައިވާ ވެރިކަމެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ މަތީގައި ބިންގާ އެޅިފައިވާ، އެއްކައުވަންތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެފައިވާ، އަދި އަނިޔާވެރިކަން ޙައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވެރިކަމަށް ބޮޑާވެ، ކިބުރުވެރިވެގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. 

وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِنْ تَحْتِي أَفَلاَ تُبْصِرُونَ ” (الزخرف: 51) 

"އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަމާއި އަހަރެންގެ ދަށުން ހިނގަ ހިނގާ މިހުރި ކޯރުތަކުގެ މިލްކުވެރިކަން ލިބިގެންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟” މިފަދަ ގޮތަކަށް ފިރުޢައުނު އޭނާއަށް ﷲ ދެއްވި މުދަލާއި ވެރިކަމަށް ކިބުރުވެރިވެ ބޮޑާވެ އެންމެ ފަހުން ޙައްދު ފަހަނައަޅައި ގޮސް އޭނާ އަކީ އިލާހުކަމަށް ދަޢުވާކުރިއެވެ. ” مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي ” (القصص: 38) “އަހަރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް، އަހަރެންނަށް އެނގިފައެއް ނުވެއެވެ."

އާދެ! ފިރުޢައުނުގެ މި ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އޭނާގެ އެ ވެރިކަމުން، ބާއްޖަވެރިކަމާއި އުފާވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އޭނާއަށް ކުރިމަތިލާންޖެހުނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއާއި ލަޢުނަތާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ” فَأَخَذَهُ اللَّهُ نَكَالَ الأَخِرَةِ وَالأُولَى ” (النّازعات: 25) "ދެން ދުނިޔެއާއި އާޚިރަތުގެ ޢުޤޫބާތެއްގެ ގޮތުން މާތްﷲ އޭނާ ހިއްޕެވިއެވެ."

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިރްޢައުނާއި އޭނާގެ އަޢުވާނުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ” النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا ءَالَ فِرْعَوْنَ أَشَدَّ الْعَذَابِ ” (غافر: 46) "އެއުރެން ހެނދުނާއި ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތުގެ ވަޤުތު އަންނަ ދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ) ފިރްޢައުނުގެ މީހުން އެންމެ ގަދަފަދަ ވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދާށެވެ." 

ބާއްޖަވެރިކަމަކީ ގިނަމުދަލާއި ފައިސާއިން ލިބޭނެ އެއްޗެއްނަމަ ޤާރޫނަށްވެސް ލިބުނީހެވެ. އޭނާއަށް ﷲ ދެއްވި މުދަލަކީ އެއްގޮތަކަށްވެސް އޭނާއަށް ލިބިފައިވާ ޢިލްމަކާ ހުނަރަކުން ނުވަތަ ވިސްނުންތޫނުކަމާއި ބުރަމަސައްކަތުން ލިބުނު އެއްޗެއްނޫނެވެ. އެއީ މާތް ﷲ އޭނާއަށް އެއިލާހުގެ ފަޟްލުވަންތަވެރިކަމުން ދެއްވި ތަނަވަސްކަމެކެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ދެއްވި ނިޢުމަތްތަކަށް އޭނާ ބޮޑާވެ ކުފުރުވެރިވެގަތެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެންވާ ޙާލު އޭނާ އުފާކޮށް މަޖާކުރަމުން ދިޔައެވެ. މީސްތަކުންގެ ޙައްޤުތައް އަދާކުރުމުން އެއްކިބާވެގަތެވެ. އަދި ބިންމަތި ފަސާދަކޮށް އަނިޔާވެރިކަން ޢާއްމުކުރިއެވެ. ފާޅުވެގެންވާ މަގުފުރެދުމަކުން މަގުފުރެދި ގަތެވެ. މި މަގުފުރެދުމުގެ ޖަޒާއަކަށްވީ: ” فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ ” (القصص: 81) "ފަހެ ތިމަން ﷲ އޭނާއާއި އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި ބިންގަނޑު ގަންބަވައިގަތީމެވެ." 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފިރްޢައުނަށާއި ޤާރޫނަށް އެމީހުންގެ ވެރިކަމުން އަދި މުއްސަދިކަމުން ބާއްޖަވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އެކަންތައްތައް ވެގެންދިޔައީ އެމީހުންނަށް ޢަޒާބާއި ހަލާކު ޙައްޤުވުމަށް މެދުވެރިވި ސަބަބަކަށެވެ. އަޅުގަނޑުމެން މިއަދު މިވަނީ ޙަޤީޤީ ބާއްޖަވެރިކަން ލިބޭނެ މަގު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެ އެއިލާހަށް ފުރިހަމަގޮތުގައި ކިޔަމަން ތެރިވުމުން އެއްކިބާވެފައެވެ. 

އަޅުގަނޑުމެން މިވަނީ ދުނިޔޭގެ މި ކެހިވެރި ދިރިއުޅުމުގެ ބަދަލުގައި އާޚިރަތް ވިއްކާލާފައެވެ. އަޅުގަނޑުމެން ދުނިޔޭގެ ކަންތައްތަކާއި މަޝްޣޫލުވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތަށް ކުއްތަންވެލާނެ ވަޤުތެއް ނުވެއެވެ. މިސްކިތްތައް އާބާދު ކޮށްލާނެ ފުރުޞަތެއް ނެތެވެ. ކީރިތި ޤުރުއާން ކިޔަވާލާނެ ވަޤުތެއް ނެތެވެ. އަނބިދަރިންނާ އެކީ ހޭދަކޮށްލާނެ ވަޤުތެއް ނުވެއެވެ. 

އެފަދަ މީހުން ކިތައްމެ ހިތްހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭހެން އަޅުގަނޑުމެންނަށް ތަޞައްވަރު ވީކަމުގައި ވިޔަސް ﷲ ގަންދީ ބުނަމެވެ. އެއިން ގެއެއްގެ ތެރޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުވެއެވެ. އަނބިމީހާއާއި ފިރިމީހާ އާއި ދެމެދު ލޯބިވެރިކަމާއި ކުލުނާއި ހިތްހަމަޖެހުމެއް ނެތެވެ. މައިންބަފައިންނާއި ދަރިންނާއި ދެމެދު އެއްވެސް އަޅާލުމާއި އޯގާތެރިކަމެއް ނެތެވެ. 

އަރާމުގައި ހިތްހަމަޖެހިގެން ނިދައިނުލެވެއެވެ. ނިދާލަން ވެސް މި ޖެހެނީ ބޭސްގުޅައެއް ކާލައިގެންނެވެ. 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފެންނަމުނަދާ ޙާދިސާތަކުން އިބްރަތް ޙާޞިލުކުރަންވާނެއެވެ! ފައިސާގެ ގިނަކަމާއި ހުރެ ބާއްޖަވެރި ކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތުގެ އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ. ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.

އެހެންވީމާ ދެން އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟ ބާއްޖަވެރިކަން ލިބެނީ ކޮންބަޔަކަށްތޯއެވެ؟ މިސުވާލުގެ ޖަވާބު ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންނަނިވި އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ. ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު ދެއްވާ ނިޢުމަތެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވެއެވެ. 

مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ” (النّحل: 97) 

"މުއުމިނެއްކަމުގައި ވާޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވާހުށީމެވެ." 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ބާއްޖަވެރިކަން، މި ހިތް ހަމަޖެހުން، މި އުފާވެރިކަން، މި ފޮނިކަން، މި ލައްޒަތު، ﷲ އަށް ސަޖިދައެއް ޖަހާލާނެ ފުރުޞަތެއް ނުލިބޭ، ޤުރުއާން ކިޔަވާލާނެ ފުރުޞަތެއް ނުލިބޭ ބަޔަކަށް ލިބޭނެ ހެއްޔެވެ؟ އެބައިމީހުންގެ މުއްސަދިކަމަކުން މިފަދަ ރޫޙާނީ އަރާމެއް ނުލިބޭނެއެވެ. އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި މި މިސްކިތްތަކާއި މި ޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި މެދު މި ދީނާއި މި ޤުރުއާނާއި މި މިސްކިތްތައް ރޯނެ ނަމަ އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެއެވެ. އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމެއްނެތި އަދި ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރުމެއް ނެތި ގަނޑުވަރުތަކުގައި އަރާމާއި އުފަލުގެ ވަޤުތީ ދާންމަތި ތަކުގައި މިދުނިޔޭގެ ކުރު ދުވަސްތައް ބޭކާރު ކުރިޔަސް އަދި އެ އުޅެވެނީ ބާއްޖަވެރި ދިރިއުޅުމެއް ނޫނެވެ. އީމާންކަމާއި ހެޔޮލަފާ ޢަމަލުކުރުން ނެތި ކިތަންމެ ގިނަ މުދަލާއި ފައިސާތަކެއް އެއްކޮށް އެއިން އަގުބޮޑެތި ތަކެތި ގަނެ އަގުބޮޑު ޚިދުމަތްތައް ބޭނުންކުރި ކަމުގައިވިޔަސް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެފަދަ މީހުންނަށް ވަނީ މާތްﷲ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ދަތި އުނދަގޫ ދިރިއުޅުމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ” فَإِنَّ لَهُ مَعِيشَةً ضَنْكًا " (طه: 124) "ފަހެ ހަމަ ކަށަވަރުން އެމީހަކަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ."

ބާއްޖަވެރިކަމާއި އުފާ ފާގަތިކަމަށް ފެންބޮވައިގެންވާ މީސްތަކުންނޭވެ! އަޅުގަނޑުމެން ބާއްޖަވެރި އުފާފާގަތި އަމާން، އޮމާން ހިތްހަމަޖެހޭ ހަޔާތެއް ބޭނުން ކަމަށް ވަންޏާ ﷲގެ ގެކޮޅުތައް އާބާދުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ޤުރުއާން ކިޔެވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނެ މަގު ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ތަބާވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ހެޔޮލަފާ ޞާލިޙު ޢަމަލު ކޮށްގެން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކްރުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ” (الرّعد: 28) "ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟" 

- ޝައިޚް އަޙްމަދު ރިމާޒްގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް