އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

5 ،4 އަހަރުގެ ކުޑަ ދަރިފުޅުގެ ނަޞޭޙަތަށް ބޭނުންވެފަ ތިބޭ ބައްޕައިން އެހެން މީހުންނަށް ނަޞޭޙަތްދެމުން ހިނގީމާ ކުރާނީ ކޮން ފައިދާއެއް؟

5 ،4 އަހަރުގެ ކުޑަ ދަރިފުޅުގެ ނަޞޭޙަތަށް ބޭނުންވެފަ ތިބޭ ބައްޕައިން އެހެން މީހުންނަށް ނަޞޭޙަތްދެމުން ހިނގީމާ ކުރާނީ ކޮން ފައިދާއެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ހެޔޮލަފާ މީހުންކަމަށް ބެލެވޭ ގިނަ ބައަކީވެސް މިސްކިތުގައި ހޭދަކުރާ ވަޤުތު މީސްތަކުންނަށް ފެންނަ މީހާ އާއި ގެއަށް އައިސް ވަނުމަށްފަހު ގޭގެ އަހުލުވެރިންނަށް ފެންނަ މީހާ އާއި ތަފާތު ބައެކެވެ. 

މިސްކިތުގައި އޭނާ މީސްތަކުންނަށް ހެޔޮ ނަޞޭޙަތްދެއެވެ. ޤުރްއާން އުނގަންނައިދެއެވެ. މަގުމަތިން ބައްދަލުވާ މީހުންނަށާއި ބައިވެރިވާ ބައްދަލުވުންތަކުގައިވެސް ހެޔޮ ގޮތް ބުނެދީ ޤުރްއާނަށް ޢަމަލުކުރަން ބުނެއެވެ. އެކަމަކު ގެއަށް އައިސް ވަދެވުމާއިއެކު އޭނާގެ ޢަމަލުތައް ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ.

އެއްވެސް ޙާލެއްގައި މިވާހަކަ މިނިޞްބަތްކުރަނީ ހަމައެކަނި ދީނީ ޢިލްމުވެރިންނަށް ނުވަތަ އިމާމުންނަކަށް ނޫނެވެ. އެނޫންވެސް އެތައް ބައެއްގެ ޢަމަލުތައް ހުންނަނީ ހަމަ މިފަދަ ގޮތަކަށެވެ. އެކުވެރިންނަށް ވަރަށް ހެޔޮ ނަޞޭޙަތް ދޭނެއެވެ. އެކަމަކު ތިމާ ޢަމަލެއް ނުކުރާނެއެވެ! ޒަވާޖީ ޙަޔާތް އުފަލުގައި ދަމަހައްޓަން ކުރަންޖެހޭ ކަންކަން އެހެން މީހުންނަށް ކިޔައިދޭނެއެވެ. އެކަމަކު އެމީހާ ޢަމަލެއް ނުކުރެއެވެ.  

އަހަރެމެންގެ ކަންކަން ރަނގަޅުކޮށް އިޞްލާޙްކޮށް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ކޮންމެ މީހަކުވެސް އެހެން މީހުންނަށްދޭ ނަޞޭޙަތާއި އެއްގޮތަށް ތިމާމެންވެސް ޢަމަލުކުރަން އެބަޖެހެއެވެ. ގެއިން ބޭރުގައި ވަރަށް ރަނގަޅު، މާތް މީހަކަށް ހެދިގެން އުޅެފައި އައިސް ގެއަށް ވަދެވުމާއިއެކު ގޭގައި ތިބޭ މީހުންނަށް ބޮޑު ގޮށްރާޅަކަށްވީމާ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟

އެހެން މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމަކީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް އަހުރެން ބުނަން އޮތީ 1000 މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމަށްވުރެވެސް ތިމާގެ ޢަމަލުތައް އިޞްލާޙްކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށެވެ. ތިމާގެ އަމިއްލަ އަނބިދަރިންނަށް، މައިންބަފައިންނަށް، ޢާއިލާގެ މީހުންނަށް ހެޔޮކޮށް ނުހިތާ މީހަކު އެހެން މީހުންނަށް ދޭން އޮންނާނީ ކޮން ނަޞޭޙަތެއް ހެއްޔެވެ؟ 

ބައެއް ބައްޕައިން ގެއަށްވަނުމަށްފަހު އުޅޭގޮތުން ކަންބޮޑުވެގެން 4،5 އަހަރުގެ ދަރިފުޅުގޮސް "ބައްޕަ އަބަދު ރުޅިއައިސްފަ ހުންނީ ކީއްވެ؟" ކަމާއިމެދު އެބަ ސުވާލުކުރެއެވެ. އެހެންކަމަށްވާނަމަ އެމީހަކަށް އެވަނީ އެދަރިފުޅުގެ ނަޞޭޙަތަށް ބޭނުންވެފައި ނޫންހެއްޔެވެ؟  

މިކަންކަމަކީ ހަމަ ކޮންމެ މީހަކުވެސް ވިސްނައި އިޞްލާޙްކުރަން ޖެހިފައިވާ ކަންކަމެވެ. އިޞްލާޙްކޮށްގެން ނޫނީ އުފާވެރި ދިރިއުޅުމެއް ހަމަ އެކަކަށްވެސް ނުލިބޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް