އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު
އަޅުގަނޑުމެންވެސް ކައިވެނިކުރީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ދުވަސްތަކަކު އުޅެފައެވެ. ކައިވެންޏަށްފަހު ދިރިއުޅެމުން އައީ ފިރިމީހާގެ ގޭގައެވެ. ކައިވެންޏަށް ދެވަނަ އަހަރު ފިރިހެން ދަރިއަކު ލިބުނެވެ. 5 ވަނަ އަހަރު އަންހެން ކުއްޖަކު ލިބުނެވެ.
ފިރިމީހާއަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެކެވެ. ލިބޭ ހުސްވަޤުތު އަމިއްލަ މަސައްކަތްކޮށްގެންވެސް ފައިސާ ހޯދައެވެ. އެހެންކަމުން މާބޮޑު ތަނަވަސްކަމެއް ނެތް ނަމަވެސް ދިރިއުޅެމުން އައީ އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ.
ދެވަނަ ދަރިފުޅަށް 3 މަސްފުރުނުތަނާ އެއް ދުވަހު ފިރިމީހާ ގެއަށް އައިސްފައި ބުނީ އަޅުގަނޑު ވަރިކޮށްފިން ކަމަށެވެ. އަދި ހަމަ އެދުވަހު ދެ ދަރިން ގޮވައިގެން ގެއިން ނުކުތުމަށެވެ. ދެދަރިން ބެލެހެއްޓުމަކީ އަނބިމީހާގެ ޒިންމާއެއްތޯ ސުވާލުކުރުމުން ބުނީ ގެންދަން ބޭނުން ނޫންނަމަ ބައިތިއްބާފައި ދެވިދާނެ ކަމަށެވެ. އަދި ބައިތިއްބާފައި ދިއަނަމަވެސް އޭނާއަށް ކުދިން ނުބެލޭނެ ކަމަށެވެ.
އަޅުގަނޑަކީ މައިންބަފައިން ނިޔާވެފައިވާ އަޅައިލާނެ އެއްވެސް މީހަކު ނެތް ވަރަށް ނިކަމެތި އަންހެނަކަށްވުމުން ގޮސް ވަންނާނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން ބުނީ އެއީ އޭނާއާއި ބެހޭ މައްސަލައެއް ނޫން ކަމަށެވެ. އެންމެ ކުޑަމިނުން ޢިއްދައިގެ މުއްދަތުގައި ބަލައިދޭންޖެހޭނެ ނޫންތޯ ސުވާލުކުރުމުން ބުނީ ކާންބޯން ދޭނެ ކަމަށާއި އިތުރު ބަހަނާތައް ނުދައްކައި އަވަހަށް ގެއިން ނުކުތުމަށެވެ.
އެވަޤުތު ގޮތް ހުސްވިއެވެ. މޫނުމައްޗަށް އަނދިރިވެސްވިއެވެ. އެހެނަސް ކުޑައިރުކޮޅެއްގެ ތެރޭގައި ހެޔޮ ވިސްނުން ލިބިއްޖެއެވެ. ރަށުގައި ފަޅުގެތައް އެބަހުއްޓެވެ. އެހެންވީމާ ކޮންމެވެސް މީހަކު އެހީތެރިވެދާނެ ކަމަށް ވިސްނައި ﷲ އަށް ވަކީލްކޮށް ދެކުދިން ގޮވައިގެން މިސްކިތް ކައިރިއަށް ގޮސް ފާރުބުޑުގައި އިށީނދެގެން އިނީމެވެ. އެއިރު ޖަމާޢަތުގައި ޢަޞްރު ނަމާދުކުރެއެވެ.
އެހެން އިންދައި ނަމާދު ނިމިގެން ފޭބި މީހުން ސުވާލުކުރަން ފެށުމުން ޖެހިގެން އުޅޭ ޙާލު ކިޔައިދިނީމެވެ. އެތަނުން މީހަކު އަޅުގަނޑުގެ ވާހަކަ އަޑުއަހާފައި ބުނީ އޭނާ އާއިއެކު އޭނާގެ ގެއަށް ދިއުމަށެވެ. އެގެއާއި ޖެހިގެން ފަޅު ގޯއްޗެއް އޮވެއެވެ. އެގޯތީގައި ކުޑަ ގެއެއްވެސް ހުރެއެވެ. އެމީހާ ބުނީ އެގޭގައި އިނުމަށެވެ. ދެގޯތި ކުނިކަހައި ބަލަހައިޓައިދޭނަމަ ކާންބޯން ދޭނެ ކަމަށެވެ.
އަޅުގަނޑު އެކަން ޤަބޫލުކޮށް އެގޭގައި ދިރިއުޅެން ފެށީމެވެ. ފިރިމީހާގެ އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. އެންމެ ކުޑަމިނުން ހަނޑޫކިލޯއެއް ދިއްކޮށްނުލާތަނުގައި ކުއްޖަކަށް ދޭނެ ކިރުދަޅެއްވެސް ނުދެއެވެ. އެކަމަކުވެސް އެއްވެސް ކަމަކަށް ދައްޗެއް ނުވެއެވެ. އެގޭގެ ދެމަފިރިން ހުރިހާ ކަމެއްކޮށްދެއެވެ. އެއީ ދެގޯތި ކުނިކަހައި ބެލެހެއްޓުމުގެ އިތުރުން އެމީހުންނަށް ކައްކައިދިނުން ފަދަ މަސައްކަތްތައްވެސް ކޮށްދޭތީއެވެ.
އެފަދަ ގޮތަކަށް އަހަރެއްހައިދުވަސް ފާއިތުވިތަނާ އެއްރޭ ގޭގެ ވެރިމީހާ އައިސް އެގެއަށް ގޮސްލަން ބުނުމުން ދިއައިމެވެ. ދިއައިރު އޭނާގެ އަނބިމީހާއާއި އިތުރު ފިރިހެނަކު ތިއްބެވެ. އަޅުގަނޑު ގާތުގައި ބުނީ މިއުޅެނީ ވާހަކައެއް ދައްކާލަން ބޭނުންވެގެން ކަމަށެވެ. ބުނީ އަޅުގަނޑު ބޭނުންނަމަ އެމީހާ އާއި ކައިވެނިކުރަންވީ ކަމަށެވެ. ކައިވެނިކުރިނަމަވެސް އަޅުގަނޑު ބަލަހައްޓައި އެހީތެރިވެދޭނެ ކަމަށެވެ.
އެމީހަކީ އެގޭ މަސްދޯނީގެ ކޭޝިޔަރެވެ. ޢުމުރުންވެސް އަޅުގަނޑާއި ދާދި އެއް ޢުމުރުގެ މީހެކެވެ. އެކަކާއި އިނދެވަރިކޮށްފައި ހުރި މީހެކެވެ. އެހެންވެ ކުޑަކޮށް ވިސްނާލާފައި ބުނީމެވެ. "ރުހިއްޖައީމެވެ. އެކަމަކު ތިއަބުނިފަދައިން އިންނަން ބޭނުންވަނީ ބޭބެމެންގެ ބެލެނިވެރިކަމުގައެވެ. އެއީ އެންމެ ނިކަމެތި ޙާލުގައި ޖެހުނު ދުވަހު އެހީތެރިވެދިނީތީއެވެ. މަގުމަތީގައި ސަލާންޖަހަން ހިނގަން ނުޖައްސައި 3 މައިން ބަލަހައްޓައިދިނީތީއެވެ."
ކޮންމެއަކަސް އެކައިވެނިކުރެވުނެވެ. އެކައިވެނީގައި މިހާރު 20 އަހަރުވެއްޖެއެވެ. ދެވަނަ ކައިވެންޏަށްވެސް 2 ދަރިންވަނީ ލިބިފައެވެ. މިއިނީ ޢުމުރުން 60 އާއި ކައިރިވެފައެވެ. ފިރިމީހާގެ އަމިއްލަ 2 މަސްދޯނި މިހާށރު އެބައޮތެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އުފަލުގައެވެ.
ނިންމާލަމުން ފުރަތަމަ ފިރިމީހާގެ ވާހަކަވެސް ބުނެލާނަމެވެ. އަޅުގަނޑު ގެއިން ނެރެލާފައި ރީތި ދޮން ކުއްޖަކާއި ކައިވެނިކުރިއެވެ. އެކަމަކު އެކުގައި އުޅެވުނީ ކުޑަ ދުވަސްކޮޅަކުއެވެ. ބަލިވާއިރަށް ވަރިވެގެން ހިނގައްޖެއެވެ. ބަލިން ގަދަވި ނަމަވެސް ރަނގަޅަކަށް ނުހިނގެއެވެ. ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އެޙާލުގައި ޖެހުމުން އަޅައިލާނެ މީހަކު ނުވިއެވެ. އަޅުގަނޑުމެން 3 މައިންނާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކޮށްފައި އޮތްނަމަވެސް 2 ދަރިންގެ ބައްޕަވީމާ އަޅުގަނޑަށް ވެވުނު ވަރަކުން ކަންކަންވެސް ކޮށްދެމެވެ.
މިއަދުނޫހަށް މިވާހަކަ މިކިޔައިދިނީ ވަރަށް އަސަރާއިއެކުގައެވެ. އުންމީދުކުރަނީ އަޅުގަނޑު ފަދައިން ނިކަމެތިވެ ޙާލުގައި ޖެހޭ އަނހެނުންނަށް ހިތްވަރަކަށްވާނެ ކަމަށެވެ. އަދި އެއްވެސް ކުށެއް ނެތި އަނބިންނަށް އަނިޔާވެރިވާ ފިރިންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ.
- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރއެއް
Advertisement
11 މާޗް 2023