އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ސީ.މީ.ވީ 6 ސަބްމެރީން ކޭބަލް ޕްރޮޖެކްޓް ގާއިމްކުރުމަށް އައިއެފްސީ އާއި އޭޑީބީގެ ދެވަނަ ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފި

ދިރާގުން ސީ.މީ.ވީ 6 ސަބްމެރީން ކޭބަލް ޕްރޮޖެކްޓް ގާއިމްކުރުމަށް އައިއެފްސީ އާއި އޭޑީބީގެ ދެވަނަ ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 46 ސިކުންތު

ދިރާގުން ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ފައިނޭންސިންގ ގެ ދެވަނަ ލޯން ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފިއެވެ. 30 މިލިއަން ޑޮލަރުގެ މި ދެވަނަ ފެސިލިޓީގެ ސަބަބުން ދިރާގުގެ ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެއެވެ. 

މި ޕްރޮޖެކްޓްގެ ސަބަބުން ގްލޯބަލް އިންޓަރނެޓް ހުޕަރހައިވޭއާ ދިވެހިރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން އިންޓަރނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮއަގެއްގައި ދިރާގު އިންޓަރނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހެވެގެންދާނެއެވެ. 

މި ދެވަނަ ފެސިލިޓީ ސޮއިކުރުމާއެކު އައި.އެފް.ސީ އަދި އޭ.ޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މި ފައިނޭންސިންގއާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާރއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެއެވެ. 

ދިރާގުން ވަނީ މިދިޔަ އަހަރު މި ފައިނޭނެސިންގގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފައެވެ. 25 މިލައަން ޑޮލަރުގެ މި ފެސިލިޓީއިން ދަނީ އެ ކުންފުނީގެ ވަރކިންގ ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ހަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދިގެންދާނެއެވެ. މިގޮތުން ދިރާގުގެ 5ޖީ ޚިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެއެވެ.   

"އައި.އެފް.ސީ އާއި އޭ.ޑީ.ބީއާއެކު މި ދެވަނަ ފެސިލިޓީގައި ސޮއިކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ރާއްޖޭ ސީ.މީ.ވީ 6 ސަބްމެރީން ކޭބަލް ސިސްޓަމްއާ ގުޅުވާދޭނެ މުހިންމު އިންވެސްޓްމެންޓެއް. ސި.މީވ 6 ކޮންސޯޓިއަމްގެ މެމްބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާއި ދެމެދުވާ ގިނަ އިންޓަރނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވާނެ. މީގެ އިތުރުން މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވަރނަންސް (އީ.އެސް.ޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމުގައިވެސް އެޅޭ ވަރަށް މިހިންމު ބިންގަލެއް،" ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ. 

"ޑިޖިޓަލް ކަނެކްޓިވިޓީއަކީ ވަރަށް ބޮޑު ފުރުސަތެއް އޮތް އެއްޗެއް، ވަކިން ހާއްސަކޮށް ގުޅިފައި ނުވާ މީހުން ގުޅާލައި، ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ޑިޖިޓަލް ކަންކްޓިވިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރޭ. އެގޮތުން އައި.އެފް.ސީއިން އެންމެ ފަހުން ދިރާގަށް މި ކުރާ އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި އަދި އިތުބާރު ހިފޭ ކަނެކްޓިވިޓީ ގާއިމްވެ ހުރިހާ ފަރާތްތަކެއްވެސް ޝާމިލްވާފަދަ ވިޔަފާރީގެ ކުރިއެރުން ބިނާވެ އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ،" އައި.އެފް.ސީއިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަލެހާންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވިއެވެ. 

"މޮބައިލް އަދި އިންޓަނެޓް ކަނެކްޓިވިޓީ ލިބުމަކީ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އަދި ހާއްސަކޮށް ދިވެހިރާއްޖެ ފަދަ އާބާދީ ބެހިފައިވާ ޖަޒީރާ ޤައުމަކަށް މިއީ ވަރަށް މުހިންމު ކަމެއް. އޭ.ޑީ.ބީގެ މި އެހީއަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއަށް އަޅުގަނޑުމެން ވެދިން މިފަދަ ފުރަތަމަ އެހީ. އަދި މީގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ ކަނެކްޓިވިޓީ އިތުރަށް ފުޅާވެ ކުޑަ އަގެއްގައި ހަލުވި ކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" އޭ.ޑީ.ބީ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވިއެވެ. 

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީ ފުޅާކޮށް ޑިޖިޓަލް އިޤްތިޞާދުގައި ޖަޒީރާ މުޖުތަމަޢުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު