އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިޝަތުގެފާނުގެ ސީރަތު 2: ނަންފުޅާއި ނަސަބުފުޅު، އަޚުންނާއި އުޚުތުންގެ ތައާރަފެއް

ޢާއިޝަތުގެފާނުގެ ސީރަތު 2: ނަންފުޅާއި ނަސަބުފުޅު، އަޚުންނާއި އުޚުތުންގެ ތައާރަފެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 59 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އަޚުންނާއި އުޚުތުން: 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އެއްބަނޑުއެއްބައްޕާފުޅު ހުންނެވީ އެންމެ ބޭކަލެކެވެ. އެއީ ޢަބްދުއްރަޙްމާން ބިން އަބީބަކުރު ރަޟިޔަﷲ ޢަންހެވެ. ޢާއިޝަތުގެފާނުގެ އެއްބައްޕާފުޅު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހާއި، މުޙައްމަދު އަބީބަކުރު ރަޟިޔަﷲ ޢަންހާއި، އަސްމާ ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާ އާއި އުއްމު ކުލްޘޫމު ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާއެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އެއްބަނޑުއެއްބައްޕާފުޅު އަޚު ޢަބްދުއްރަޙްމާން ބިން އަބީބަކުރު ރަޟިޔަﷲ ޢަންހަކީ، ޙުދައިބިއްޔާގެ ދުވަހުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. އޭގެ ކުރީން އެކަލޭގެފާނުވަނީ މުސްލިމުންނާ ދެކޮޅަށް ކުރެވުނު ބޮޑެތި ބޮޑެތި ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު ވެވަޑައިގެންނެވީ ވަރަށް ހިތްވަރުގަދަ އިސްލާމީ މުޖާހިދަކަށެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 36}

ޢާއިޝަތުގެފާނުގެ އަނެއް އަޚު ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހަކީ އިސްލާމްދީނުގެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އާއި އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު މަދީނާއަށް ކުރެއްވި ހިޖުރައިގެ ދަތުރުފުޅުގައި، އެކަލޭގެފާނުވަނީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރައްވައިފައެވެ. ދުވާލުގަޑީގައި މައްކާގެ މުޝްރިކުން ރާވާރޭވުންތަކަށް ފާރަލައްވައި، ރޭނގަޑުވުމުން ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގެން، އެބައިމީހުންގެ ރޭވުންތަކުގެ ޚަބަރު މާތް ރަސޫލާ އާއި އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހަށް ދެއްވަނީ އެކަލޭގެފާނެވެ.  މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު ޠާއިފުގެ ހަނގުރާމައިގައި، ދުޝްމިނަކު އެއްލި ތީރަކުން އެކަލޭގެފާނު ޒަޚަމްވެވަޑައިގަތެވެ. އެކަލޭގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުން ފަސޭހަފުޅުނުވެ އޮންނަވައި، އެކަލޭގެފާނުގެ ބަފައިކަލުންގެ ޚިލާފަތުގެ ދުވަސްވަރުގައެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37} 

މުޙައްމަދު ބިން އަބީބަކުރު އުފަވެވަޑައިގަތީ ޙައްޖަތުލް ވަދާޢުގެ އަހަރުގައެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ، އަސްމާ ބިންތު ޢުމައިސެވެ. އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގަތީ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ބެއްލެވުމުގެ ދަށުންނެވެ. ޢަލީގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނަށް މިޞްރުގެ ގަވަރުނަރުކަން ދެއްވިއެވެ. އެކަލޭގެފާނު ޤަތުލު ކުރެވުނީ އެގޮތުގައި މިޞްރުގައި ހުންނަވަނިކޮށެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37} 

ޢާއިޝަތުގެފާނުގެ ދޮށީ ދައިތާފުޅަކީ، އަސްމާ ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާއަކީވެސް އިސްލާމްދީނުގެ ނުހަނު ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަނބަލެކެވެ. މާތް ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅުގައި ކާބޯތަކެތި ފޯރުކޮށްދެއްވުމަށް ވަޑައިގެންނެވީ އެކަމަނާއެވެ. އަސްމާގެފާނު ކާވެނީގެ ގޮތުން ގުޅުވަޑައިގެންނެވީ މަޝްހޫރު ޞަޙާބީ ބޭކަލެއްކަމުގައިވާ  އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުއާއެވެ. އަސްމާގެފާނު މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ޢަބްދުﷲ ބިން ޒުބައިރު އާގެން އާލާސްވެއެވެ. ހިޖުރައަށްފަހު މުހާޖިރުންގެ ތެރެއަށް އެންމެ ފުރަތަމަ އުފަންވެވަޑައިގެންނެވި ބޭފުޅަކީ ޢަބްދުﷲ ބިން ޒުބައިރެވެ. އަސްމާ އަވަހާރަވީ ހިޖުރައިން 73 ވަނަ އަހަރުގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅު ސަތޭކަ އަހަރަށްވުރެ މަތިވެއްޖެއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37-38} 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ދެން ހުންނެވި އުޚުތަކީ، އުއްމު ކުލްޘޫމު ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާއެވެ. އަމީރުލް މުއުމިނީން އަބޫ ބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އަވަހާރަވީއިރު، އެކަމަނާގެ މައިކަނބަލުން އިންނެވީ އެކަމަނާއާގެން އާލާސްވެއެވެ. އެކަމަނާ ރައްކައުވީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އަވަހާރަ ވުމަށްފަހުގައެވެ. 

އަބޫބަކުރުގެފާނު އަވަހާރަވީ އާލާސްކަންފުޅުގައި، އެކަލޭގެފާނު ޢާއިޝަތުގެފާނަށް މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [(މިހާރު) ކަމަނާގެ ދެއަޚުންނާއި، ދެ އުޚްތުން ތިއްބަވާނެއެވެ،] މި ވާހަކަފުޅު އަޑުއިވިވަޑައިގަތުމުން ޢާއިޝަތުގެފާނު ވަރަށް ޙައިރާންފުޅުވެވަޑައިގެން ދެންނެވިއެވެ. [އަޅުގަނޑުގެ އުޚުތު އަސްމާ މިހުންނެވީއެވެ. އެކަމަކު ބައްޕާފުޅު ތިޔަ ވިދާޅުވާ އަނެއް އުޚުތު ވީ ކޮންތާކު ހެއްޔެވެ؟] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އެކަމަނާވަނީ ޙަބީބާ ބިންތު ޚާރިޖަތުގެ ބަނޑުފުޅުގައެވެ. އަހަރެންގެ ހިތް ބުނަނީ އޭނާ ވިހާނީ އަންހެން ކުއްޖެކަމަށެވެ.] 

އަބޫބަކުރުގެފާނު ހީފުޅު ކުރެއްވި ގޮތް ވަރަށް ސީދަލެވެ. އެކަލޭގެފާނު އަވަހާރަވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޙަބީބާ ބިންތު ޚާރިޖަތު އަންހެން ބޭފުޅަކާއިގެން ރައްކައުވެއްޖެއެވެ. އެއީ އުއްމު ކުލްޘޫމެވެ. އެކަމަނާއާ ކާވެނި ބެއްލެވީ މަޝްހޫރު ޞަޙާބީ ޠަލްޙަތު ބިން ޢުބައިދުﷲ ރަޟިޔަﷲ ޢަންހެވެ. ޠަލްޙަތުގެފާނު ޝަހީދުވީ ޖަމަލު ހަނގުރާމައިގައެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 39-40}

 

Advertisement

ކޮމެންޓް ކުރެއްވުމަށް