އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ކޮންމެ ފަދަ މުޞީބާތެއް ޖެހުނުކަމުގައިވީނަމަވެސް ކެތްތެރިވުމަށް ބުނަންޖެހެނީ އެކަމަށް ސަބަބުތަކެއް އޮތުމުންނެވެ. ކެތްތެރިންނަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުގެ ފައިދާ ކުރާނެ ބައެކެވެ. ކެތްތެރިއަކަށް ވުމަށް ދީނުގައި އެހައިބޮޑަށް ބާރު އަޅުއްވަވާފައިވަނީ ހަމަ އަހުރެމެންގެ ފައިދާއަށެވެ.
ކެތްތެރިކަމުގައި 3 ބާވަތެއްވެއެވެ. ވީމާ އެ 3 ބާވަތްވެސް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ. ކެތްތެރިވެވޭނީ އެނގިގެންކަމަށްވާތީއެވެ.
ފުރަތަމަކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ ޢަމަލުކުރުންވެސް ﷲ ތައާލާ ލައްވަވާފައިވަނީ ކެތްތެރިވުމުގެތެރެއިންނެވެ.
މިސާލަކަށް ފަތިސްނަމާދަކީ ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫ ނަމާދެވެ. ފަތިހުގެ ނިދި ނަގާލާފައި ހޭލަންޖެހޭތީއެވެ. ފަތިސްނަމާދަށް ހޭލުމަކީވެސް ކެތްތެރިވުމެވެ.
ހަމައެފަދައިން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކޮށްހުރުންވެސް ލައްވަވާފައިވަނީ ކެތްތެރިކަންކަމުގައެވެ. ނަހީކުރައްވަވާފައިވާ ކަންކަމުގެ ތެރޭގައި ބައެއް މީހުން ކުރާ ހިތްވާކަންކަންވެސް ހިމެނެއެވެ. ވީމާ އެފަދަ ކަމެއް ނުކޮށް ހުރުންވެސް އެއީ ހަމަ ކެތްތެރިކަމެވެ.
ތިންވަނައީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ކަންކަމަށް ކެތްތެރިވުމެވެ. ކޮންމެ ހާލަތެއް ކުރިމަތިވިނަމަވެސް އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެއްކަން ޤަބޫލުކޮށް ކެތްތެރިވުމެވެ.
ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު ކަމަށް އޮތް ވަހީ ބަސްފުޅުގައި މި 3 ބާވަތުގެ ކަންކަންވެސް ހިމެނިގެންވެއެވެ. މިބަޔާންކުރި 3 ބައިގައި، 3 ސިފައިގައި ސާބިތުވެއްޖެ މީހަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބި ސުވަރުގޭގައި ލައްވަވާނެ މީހެކެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
26 މެއި 2023