އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރިކޮށް ހުރުމަށް 5 ކަމެއް......

އުފާވެރިކޮށް ހުރުމަށް 5 ކަމެއް......


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 18 ސިކުންތު

އުންމު ނަވާރު

 

އުފާވެރިކޮށް ހުރުމަށް ކޮންމެމީހަކަށްވެސް އެދެވެއެވެ. އުފާވެރިކަން ހޯދުމަށް އެކި ކަހަލަ ކަންތައްތައް މީހުން ކުރެއެވެ. އުފާވެރިކަން ހޯދުމަށް ތިބާ ކުރަނީ ކޮންކަމެއްހެއްޔެވެ؟ އެކަންތައްތަކުން ހަމަ ހަގީގީ ހަމަޖެހުން ތިބާއަށް ލިބޭ ހެއްޔެވެ؟ ނޫނީ އެއީ ވަގުތީ ހަމަޖެހުމެއްހެއްޔެވެ؟ މި ލިޔުމުގައި އަލިއަޅުވާލާނީ އުފާވެރިކޮށް ހުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ބައެއް ކަންތައްތަކަށެވެ. 

ﷲ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރާށެވެ.

ދިރިއުޅުމުގައި އުފާވެރިކަން ބޭނުންނަމަ ﷲ ގެ ރުހުވޮޑިގަތުން ހޯދުމަށް މަސައްކަތްކުރާށެވެ.ﷲ ގެ ރުހިވޮޑިގަތުން ލިބޭނީ އެކަލާނގެ އަންގަވާފައިވާ ކަންތައްތަކޮށް އަދި އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެގެންނެވެ. ﷲ ގެ ރުހިވޮޑިގަތުންލިބުމަކީ އެންމެ ބޮޑު ނަޞީބު  ލިބުމުގެ ސިއްރެވެ. މިކަން ކީރިތި ޤުރުޢާނުގައި ﷲ ވަހީކުރައްވާފައިވެއެވެ. " އަދި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުން އޭގެ އެއްބަޔަކީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ. ނަސްރުވެރި ވާގިވެރިންނެވެ. އެމީހުން ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާންތައް ނަހީކޮށް މަނާކުރެއެވެ. އަދި އެމީހުން ނަމާދު ޤާއިމުކުރެއެވެ. އަދި އެމީހުން ޒަކާތްދެއެވެ. އަދި އެމީހުން ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއެވެ. އެމީހުންނަށް ނިކަންހުރެ ﷲ ރަހުމަތް ލައްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ ހިކުމަތްވަންތަ ކަލާނގެއެވެ. އަދި މުއުމިނު ފިރިހެނުންނަށާއި އަދި މުއުމިނު އަންހެނުންނަށް އެތަންތާނގެ ދަށުން އާރުތައް ދެމޭ ސުވަރުގެތައް (ޤިޔާމަތް ދުވަހުން) ދެއްވާނެކަމުގައި ﷲ ވަޢުދުކުރެއްވިއެވެ. އެތަންތާ އެމީހުން ދެމިތިބޭހުއްޓެވެ. އަދި ޤާއިމުވެ ދެމިތިބޭ ސުވަރުގެތަކުގައި ރަނގަޅުވެގެންވާ މަންޒިލްތަކާއި ތިބޭނެ ރަނގަޅު ތަންތަން ހުރިކަމާއި އަދި އެހުރިހާ ކަމަކަށްވުރެ މާތްވެގެންވާ އަދި ބޮޑުވެގެންވާ ކަމެއްކަމުގައިވާ ﷲ ގެ ރުއްސެވުންވެސް އެމީހުންނަށް ހުރިކަމަށް ﷲ އެމީހުންނަށް ވަޢުދުކުރެއްވިއެވެ. ބޮޑުވެގެންވާ ނަޞީބުއަކީ އެއީއެވެ."( 71،72 ތަޢުބާ ) 

ޝުކުރުވެރިވާން ދަސްކުރާށެވެ.

ތިބާ ޝުކުރުވެރިވާން އެންމެ ހައްޤުކަން ބޮޑީ ތިބާ ނެތުމުގެ ތެރެއިން މި ދުނިޔެއެށް ފޮނުއްވެވި ﷲ އަށެވެ. އެކަލާނގެ ތިބާ ހެއްދެވިއެވެ. ތިބާއަށް އިވުމާއި ފެނުމާއި އަތްފައިން މަސައްކަތްކުރުމާއި ވިސްނުމުގެ ބާރު ދެއްވެވިއެވެ. މިއިން އެއްވެސް ކަމެއް ގެއްލެއްޖެނަމަ ތިބާގެ ހާލަތު ހުންނާނެގޮތް ތަސައްވަރު ކޮށްލާށެވެ. ހިތާމައަކީ މިއިން އެއްވެސް ކަމަކާއި ވިސްނާނުލެވުމެވެ. އެކަލާނގެއަށް ޝުކުރުވެރިވުމުގެ ބަދަލުގައި ފެނިގެންދަނީ ބޮޑާވެރިކަމާއެކު އެކަލާނގެ ދެއްވި ނިޢުމަތްތަކުން އެކަލާނގެއަށް އުރެދެވޭ ތަނެވެ. މާތް ﷲ ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިވެވޭނީ އެކަލާނގެ ދެއްވެވި ނިޢުމަތްތަކުގެ ބޭނުން އެކަލާނގެ ރުއްސެވުން ލިބޭގޮތަށް ބޭނުންކޮށޮގެނެވެ. އެކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވެގެންނެވެ. އެކަލާނގެއަށް ޝުކުރުވެރިވާނަމަ އެކަލާނގެ فضل ވަންތަކަމުން ތިބާއަށް އިތުރުކޮށްދެއްވާނެއެވެ. މާތް ﷲ ވަހީކުރުރައްވާފައިވެއެވެ. " އަދި ކަލޭމެންގެ ރައްބު ކަލޭމެންނަށް އަންގަވާ އިޢުލާން ކުރެއްވިހިނދު ހަނދާކުރާށެވެ.! ( އެކަލާނގެ އެންގެވިއެވެ ) ކަލޭމެން ތިމަންރަސްކަލާނގެ ނިޢުމަތަށް ޝުކުރު ކުރިއްޔާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންނަށް ނިޢުމަތް އިތުރުކޮށްދެއްވާހުށީމެވެ. އަދި ކަލޭމެން ކާފަރުވެއްޖެއްޔާ ( އަޛާބު ދެއްވާހުށީމެވެ. ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަޛާބު ގަދަފަދަވެގެންވެއެވެ."

ތިބާގެ ނަފްސަށް ހަމަޖެހުން ލިއްބައިދޭ ކަންތައްތަ ކުރާށެވެ. 

ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވައިދޭ ކަންތައްތަކުގައި މަޝްޢޫލުވާށެވެ. އަހަރަމެންގެ މުދަލާއި އަގުހުރި ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުމުގެ ބަދަލުގައި ފަގީރަކަށް ކާންދޭށެވެ. ހާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވެލާށެވެ. ހަމަޔަގީނުންވެސް މިފަދަ އަމަލުތަކަކީ ހިތަށް ހަމަޖެހުން ގެނުވައިދޭ ކަންކަމެވެ. އަހަރަމެން އެހީވުމުގެ ސަބަބުން އެހެން ބައެއްގެ ދިރިއުޅުން ކުޑަކޮށްވެސް ލުއިވެއްޖެނަމަ އުފާނުވާނެތޯއެވެ؟ " ހަގީގީ މުއްސަނދިކަން އަންނަނީ ގިނަ މުދާތަކެއް މިލްކުވެގެންނޫނެވެ. ނަމަވެސް ހަގީގީ މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަމެވެ" ( ބުޚާރީ ) 

ތިބާއަށްވުރެން މުއްސަނދިންނަށް ނުބަލާށެވެ.

ދުނިޔެވީ ކަންކަމުގައި ތިބާއަށްވުރެން ތަނަވަސް ނުވަތަ މުއްސަދިންނަށް ތިބާ ނުބަލާށެވެ. ތިބާ އެފަދަ މީހުންނަށް ބަލަނީކަމުގައި ވާނަމަ ތިބާއަށް ﷲ ދެއްވެވި ނިޢުމަތްތަކުގެމަތިން ތިބާ ހަދާންނެތިދާނެއެވެ. ތިބާގެ ނެތް ތަނަވަސްކަމުން އެފަދަމީހުންނާއި ފައިތިލަހަމަކުރުމަށް މަސައްކަތް ކުރެވޭގޮތްވެއެވެ. އެފަދަ މީހުންނާއި އެއްފެންވަރަށް ނުދެވުމުން މާޔޫސްވާގޮތްވެއެވެ. އޭގެ ބަދަލުގައި ބަލަންވީ ތިބާއަށްވުރެން ނިކަމެތިކޮށް ހާލުގައި ދިރިއުޅޭމީހުންނަށެވެ. އޭރުން ﷲ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތައް ތިބާއަށް ފެންނާނެއެވެ. އެކަމުގެ ސަބަބުން ހިތަށް އުފާވެރިކަން ގެނެސްދޭނެއެވެ. "ތިބާއަށް ވުރެން ނިކަމެތިންނަށް ތިބާ ބަލާށޭވެ. ( ދުނިޔެވީ ކަންކަމުގައި ) އަދި ތިބާއަށްވުރެން މުއްސަނދިންނަށް ތިބާ ނުބަލާށެވެ. މިކަމުގައި ތިބާއަށް ހެވެއްވެއެވެ." ( މުސްލިމް ) 

ތިބާގެ ކަންކަމުގައި ﷲ ޚަޞްރަތުން މަދަދަށް އެދޭށެވެ.

އެއްވެސް މީހަކީ މިދުނިޔޭގެ ހަޔާތުގައި ތިބާއާއިއެކު އަބަދު ވާނެ މީހެއް ނޫނެވެ. ތިބާގެ ކަންކަމުގައި މީހުންގާތުން ނޭދޭށެވެ. އޭގެ ބަދަލުގައި އަބަދުވެސް ﷲ ގެ ޚަޞްރަތުން އެދޭށެވެ. ތިބާ ބޭނުންވާ ކަންތައްތައް ހަމައެކަނި ﷲ އަށް ޙަޞްރަތަށް ދަންނަވާށޭވެ. މީހަކަށް ހެޔޮފޯރު ކޮށްދީފައިވެސް އެކަމުގެ މަދަދާއި ސަވާބު ﷲ ގެ ޚަޞްރަތުން އެދޭށޭވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ. " އަދި ކިތައްކިތައް ދިރޭތަކެތި އެތަކެތީގެ ރިޒުގު އެތަކެއްޗައް އުފުލައި ނުގަނެވި ވޭހެއްޔެވެ؟ އެހުރިހާ ތަކެއްޗަށް ރިޒުގުދެއްވަނީ ހަމަ ﷲ އެވެ. އަދި އެކަލާނގެއީ  އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ. "  

ލިޔުނީ: އުންމު ނަވާރު

Ahmed, U.S.B. (2015) 10 steps to happiness!, MuslimMatters.org. 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް