އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޔުޒިކް ކުޅުމާ ޗެޓްކުރުމާ ގޭމްކުޅުން ފަދަ ކަންކަމުގަ މަރުވާމީހުން ކައްވަޅުން ތެދުވާނީ ކޮން ހާލެއްގަ؟

މިޔުޒިކް ކުޅުމާ ޗެޓްކުރުމާ ގޭމްކުޅުން ފަދަ ކަންކަމުގަ މަރުވާމީހުން ކައްވަޅުން ތެދުވާނީ ކޮން ހާލެއްގަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ޤިޔާމަތްވާނެކަން އެއީ ޔަޤީންކަމެކެވެ. ތާޅަފިލި ފުންމަވައިލެއްވެވުމުން ކައްވަޅުން ތެދުވަން ޖެހޭނެކަންވެސް ހަމަޔަޤީނެވެ. ގިނަ ބައަކަށް މިކަންކަން ޔަޤީން ނުކުރެވުނު ނަމަވެސްމެއެވެ.

ޤިޔާމަތްވުމުގެ ތާޅަފިލި ފުންމަވައިލެއްވެވުމުން މީސްތަކުން ކައްވަޅުން ތެދުވާނީ އެމީހަކު މަރުވިފަދައިންނެވެ. އެއިރު ކުރަމުންދިއަ ޢަމަލުކުރުން މަތީގައެވެ. ދެން ނިކަން ބުނެ ބަލާށެވެ. މިޔުޒިކް ކުޅުމާއި ޗެޓްކުރުމާއި ގޭމްކުޅުން ފަދަ ކަންކަމުގައި އުޅެނިކޮށް މަރުވާމީހުން ކައްވަޅުން ތެދުވާނީ ކޮން ހާލެއްގއި ހެއްޔެވެ؟

ކައްވަޅުން ތެދުވެ މަޙްޝަރު މައިދާނަސް ގޮސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަންޖެހޭނީ ކުޅެން ގެންގުޅުނު ގިޓާ ނުވަތަ އެނޫންވެސް އެއްޗެއް ހިފައިގެން ކަމަށްވެއްޖެނަމަ--- ޙަލާލޭ، ޙަލާލޭ ކިޔޭނެ ހެއްޔެވެ؟ މިހިރީ މިއަދު ވިސްނާލަން ޖެހިފައިވާ ކަންކަމެވެ.

އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތު ނުއެނގޭއިރު އެމީހެއްގެ މަރު ހިއްޕެވީ ޓީވީބަލަން، ޗެޓްކުރަން ނުވަތަ އެނޫންވެސް އެފަދަ ކަމެއްގައި އިންދައި ކަމަށް ވެއްޖެ ނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭ ހެއްޔެވެ؟ ނިކަން ޖަވާބުދީބަލާށެވެ!

ﷲ ތަޢާލާގެ ޙަޟްރަތުގައި ލަދުވެތިވާން ނުޖެހޭނެ ހެއްޔެވެ؟ ހިތާމަކޮށް ކަރުނައަޅަން ނުޖެހޭނެ ހެއްޔެވެ؟ ހިތާމައަކީ މިފަދަ ކަންކަމަށް މީހުންގެ ސަމާލުކަން ކުޑަވަމުންދާ ކަމެވެ. އެމީހެއްގެ ކަންކަމުގެ ހިސާބު އެންމެ ރަނގަޅަށް ބެލޭނީ ހަމަ އެމީހަކަށެވެ. އަމިއްލަ ނަފްސުގެ ހިސާބު ނިކަން ބަލައިލަބަލާށެވެ! ކޮންމެ ދުވަހެއް ނިމިގެންދާއިރު ގިނަ ވަގުތު ހޭދަކުރެވެނީ ސީޝަލް މީޑިއާގައާއި ޓީވީ ބެލުން ފަދަ ކަންކމުގައިތޯ ނުވަތަ ޛިކްރްކުރަން ކަމާއިމެދު އެވެ.

އިންސާނަކަށް ވީތީ ޓީވީބަލައިލެވިދާނެއެވެ! ނަމަވެސް ބަލަންވާނީ ހުއްދަ މަންޒަރުތަކާއި ހުއްދަ ކަންކަމެވެ. އަދި ވާހަކަދައްކަން ޖެހޭ މީހަކާ ޗެޓްވެސް ކުރެވިދާނެއެވެ. މުހިންމީ އެކަމަށް ހޭދަކުރާ ވަގުތު މަދުކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ ވަގުތު އިތުރުކޮށް ޛިކްރްކުރުން ވީހައި ގިނަ ކުރުމެވެ.

އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ވަގުތުތައް ބޭކާރު ނުކުރާށެވެ. ހުސްވަގުކޮޅެއް ލިބިއްޖެނަމަ ދުލަށް ފަސޭހަ ކޮންމެވެސް ހެޔޮ ކަލިމައެއް ޛިކްރް ކުރާށެވެ. އެއީ ކިތަންމެ ކުރު ކަލިމައަކަށްވީނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ ވީހައި ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. (ލާއިލާހަ އިއްލަﷲ، ސުބްހާނަﷲ، ވަލްޙަމްދުލިﷲ، ސުބްޙާނަﷲ ވަބިޙަމްދިހީ) ފަދަ ކުރު ކަލިމަތަކަކީ މީޒާނުގައި އިންތިހާއަށް ބުރަ ކަލިމަ ތަކެކެވެ. އެންމެން ހިތުދަސް އަދި ދޫމައްޗަށް އެހައިމެ ފަސޭހަ ކަލިމަތަކެކެވެ.

މީހަކާއި ވާހަކަ ދެއްކި ނަމަވެސް ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ﷲ ތަޢާލާގެ ނަންފުޅުކިޔައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! މަރުގެ މަލާއިކަތާ ވަޑައިގެން މަރު ހިއްޕަވާނީ ހަމަ އެވާހަކައިގައި ހުއްޓައި ނޫންކަން ވެސް އެނގެނީއަކީ ނޫނެއް ނޫން ހެއްޔެވެ؟

ނިކަން ވިސްނައިބަލާށެވެ! ގިނަގިނައިން ﷲ ތަޢާލާ ހަނދުމަ ނުކުރުމާއި ޛިކްރް ނުކުރުމަކީ ކުރެވޭ ކުށެކެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަ ކުރުމާއި ޛިކްރް ކުރުމަކީ ސުވަރުގެ ދިއުމަށް މަގުފަހިވާނެ ކަންކަމެވެ. ވީއިރު އެކަންކަން ކުރަން ތިއަ ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް ތިބާގެ އަތުން އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ. އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ތަނުގައި އެކަންކަން ކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އެހައިމެ މަތިވެރިއެވެ. އެހައިމެ ގިނައެވެ. ވީއިރު އެ ނިޢްމަތްތައް ލިބިގަންނަން ތިއަ ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟

ﷲގެ ޙަޟްރަތުގައި ލަދުވެތިވެތިވާން ޖެހޭނެ މީހަކަށް ނުވެވެތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ސުވްރުގެ އެދިގެން މަސައްކަތްކުރާ މީހާއަށް ސުވަރުގެ ލިބޭނެ ފަސޭހަ މަގުތައް ވަރަށް ގިނައެވެ. އަހަރެމެންނަށް އޮތީ ސުވަރުގެ ލިބިގަންނަން ގަދައަޅައި ހިތްވަރުކުރުމެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް