އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިޝަތުގެފާނުގެ ސީރަތު 77: އެތައް ސަތޭކަ އަހަރެއްފަހުން 3 މަހާނަފުޅު ހުރިތަނަށް ވަދެވުނު މީހާއަށް ދުވި މީރުވަހުގެ ވާހަކަ އާ މުހިންމު ބައެއް ކަންކަން

ޢާއިޝަތުގެފާނުގެ ސީރަތު 77: އެތައް ސަތޭކަ އަހަރެއްފަހުން 3 މަހާނަފުޅު ހުރިތަނަށް ވަދެވުނު މީހާއަށް ދުވި މީރުވަހުގެ ވާހަކަ އާ މުހިންމު ބައެއް ކަންކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 19 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ދެވަނަ އަލިފާނުގެ ހާދިސާ: 

ހިޖްރައިން 886 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި މަސްޖިދުއްނަބަވީގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ނަތީޖާއެއްގެ ގޮތުން މަސްޖިދުއްނަބަވީގެ ފުރާޅުކޮޅު ވެއްޓުނެވެ. މި އަލިފާނުގެ ހާދިސާގައި މިސްކިތުގެ މުއައްޒިނެއްވެސް ނިޔާވިއެވެ. މިސްކިތް ކައިރީގައިވާ ގެތަކުގައިވެސް އަލިފާން ހިފިއެވެ. މި ހާދިސާ ހިނގައި ދިޔުމަށްފަހު ސުލްޠާން الأشرف قايتباي އަމުރުކުރެއްވީ މިސްކިތް އަލުން މަރާމާތު ކުރައްވައި، ޤަބުރުފުޅު ހުރިތަންވެސް ސާފުކުރައްވައި މަރާމާތު ކުރެއްވުމަށެވެ. 

މިކަމަށްޓަކައި ރަސްގެފާނު އައްޔަން ކުރެއްވީ އޭރު އެޒަމާނުގައި ހުންނެވި ބޮޑު ޢިލްމުވެރިއެއްކަމުގައިވާ علي بن أحمد السمهودي އެވެ. އެކަލޭގެފާނަށް އެންގެވީ އެ މުޤައްދަސް ޤަބުރުފުޅު ހުރިތަނަށްވަދެ، އެތަން ސާފުކުރެއްވުމަށެވެ. މިއީ ފާއިތުވި 500 އަހަރުގެ ތެރޭގައި ސީދާ ޤަބުރުފުޅު ހުރިތަނަށް ވަދެވަޑައިގެންނެވުނު ފުރަތަމަ ފަރާތެވެ. ކުރިން ލިޔެވިދިޔަ ޞަފްޙާތަކުގައި ބަޔާން ކުރެވުނު މަރާމާތުތައް ކުރެވުނުއިރު، އެކަންތައް ކުރެވުނީ އެންމެ އެތެރެއަށް ނުވަދެ ބޭރުންނެވެ. السمهودي އޭނާ މި ތަޖުރިބާ ބަޔާން ކުރައްވަމުން އޭނާ ލިޔުއްވި އަލްވަފާ އަލްވަފާ އޭ ކިޔުނު ފޮތުގައި ލިޔުއްވައިފައިވެއެވެ. 

[އަހަރެން ކޮޓަރިކޮޅަށްވަނީ އެކޮޓަރިކޮޅުގެ ބިތްދޮށުންނެވެ. ވަދެވުމާއެކު އަހަރެންނަށް ދުވާންފެށީ މީގެ ކުރިން ދުވަހަކުވެސް ނުދުވާފަދަ މީރުވަހެކެވެ. އަހަރެން އެތަނުގައި ހުރެވުނު އެންމެ ގިނަ ވަގުތަކު ހުރީމެވެ. ނަބިއްޔުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ނަބިއްޔާއަށް ސަލާމްދެންނެވީމެވެ. ދެން އެކަލޭގެފާނުގެ ދެ އަޞްޙާބުންނަށްވެސް ސަލާމްދެންނެވީމެވެ. އަހަރެންނަށް ކުރެވުނު ވަރަކަށް ދުޢާ ކުރީމެވެ. އެއް މަހާނަފުޅު ފިޔަވައި، ދެން ހުރި ދެ މަހާނަފުޅުވަނީ ކޮޓަރިކޮޅުގެ ވެލިގަނޑާ އެއްވަރުކޮށެވެ. އެހެންކަމުން ސީދާ މަހާނަފުޅުތައް އެނގޭކަށެއް ނުހުރެއެވެ. އަހަރެންނަށް ހީވާގޮތުގައި، ކުޑަކޮށް އުފުލިފައި އެވަނީ ޢުމަރުގެފާނުގެ މަހާނަފުޅެވެ. ބިންގަނޑުގައި އަތް ޖައްސައިލައި ބަލައިލިއިރު ހުރީ ތެތްކޮށް ވަރަށް ތާޒާކޮށެވެ.]

ކުރިން ދެންނެވިފައިވާނެ ފަދައިން ޢުމަރު ބިން ޢަބްދުލްޢަޒީޒު ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ވަށައިގެން ފާރު ބިނާކުރެއްވީ އެތަނަށް އެއްވެސް މީހަކަށް ނުވަދެވޭ ފަދަ ގޮތަކަށެވެ. އެއްވެސް ދޮރެއް ނުވަތަ އާނގައެއްވެސް ނުބަހައްޓަވައެވެ. އެހެންކަމުން السمهودي އެތަނަށް ވަދެވަޑައިގެންނެވީ ބެލެވޭގޮތުގައި ބިންގަނޑާއި ފާރާ ދޭތެރެއިންނެވެ. އޭނާ އިތުރަށް ބަޔާން ކުރައްވާ ގޮތުގައި ކޮޓަރިކޮޅުގެ ވެލިގަނޑު ހުރީ ކޮޓަރިކޮޅުގެ ބޭރުގެ ވެލިގަނޑަށްވުރެ އަޑީގައެވެ.

الأشرف قايتباي ޤަބުރުފުޅު ހުރިތަން ބިނާކުރެއްވިއިރު އޭގެ ކުރިން الظاهر بيبرس ހެއްދެވި ލަކުޑި ފެންސުގެ ބަދަލުގައި ޖެއްސެވީ ދަގަނޑު ފެންސެކެވެ. އަދި އަދަށް ދާންދެންވެސް ފެންނަން ހުރީ މި ދަގަނޑު ފެންސެވެ. މީސްތަކުން މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ސަލާމް ދަންނަވާއިރު ތިބެނީ މި ފެންސުގެ ބޭރުގައެވެ. الأشرف قايتباي، ފާޠިމަތުގެފާނުގެ ކޮޓަރިކޮޅާއި، ޤަބުރުފުޅު ވަކިކޮށްލެއްވިއެވެ.

އަލިފާނުގެ ސަބަބުން މަމްލޫކް ސުލްޠާން المنصور قلاوون ބިނާ ކުރެއްވި ލަކުޑި ގުއްބުވަނީ ހަލާކުވެފައެވެ. އެހެންކަމުން الأشرف قايتباي އަލުން އެތަން މަރާމާތު ކުރެއްވިއެވެ. މިފަހަރު ގުއްބު ބިނާކުރެއްވީ ގަލުވަޑާމުން ޒީނަތްތެރިކޮށްފައިވާ ހިލައިންނެވެ. އެއަށްފަހު އޭގެ މަތިން ދެވަނަ ގުއްބެއްވެސް ބިނާކުރެއްވިއެވެ.

ޢުޘްމާނީ ޚިލާފަތުގެ ވެރިއެއްކަމުގައިވާ محمود ثانى ހިޖްރައިން 1228 ވަނަ އަހަރުގެ ތެރޭގައި، الأشرف قايتباي ބިނާކުރެއްވި ގުއްބު އަލުން ބިނާކުރެއްވިއެވެ. އެއީ އެ ގުއްބުގައި ރެނދު އެޅުމުގެ ސަބަބުންނެވެ. އެ ގުއްބު ތަޅާލައްވައި، އެތަނުގައި އަލުން ގުއްބެއް ބިނާކުރެއްވީ ގަލުންނެވެ. އޭގެ މަތީގައި ލޮއެއަޅައިފައިވާ ގަލުންނެވެ. މި ގުއްބުގައި ފެހިކުލަ ޖައްސަވައިފައިވަނީ އޭގެ ވިއްސަކަށް އަހަރުފަހުން ވަޑައިގެންނެވި ރަސްކަލެއްކަމުގައިވާ عبد المجيد اول އެވެ. މި ރަސްގެފާނަކީ محمود ثانى ގެ ފަހުން ރަސްކަމަށް އިސްވި ރަސްގެފާނެވެ.

(ނިމުނީ)

++++++++++++++++

ރިފަރެންސް

1. ޑރ.ރެސިތް ހައިލަމަޒް(2012)، ޢާއިޝާ ދަ ވައިފް، ދަ ކޮމްޕޭނިއަން، ދަ ސްކޯލަރ، 

2. މަޙްމޫދު ޢަހްމަދު ޣަޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް، ދާރުއްސަލާމް ޕްބްލިޝާޝް.

3. ސައިދު އަޘަރު ޙުސައިން (syed athar hussain) (2000)، ޙަޟްރަތު ޢާއިޝާ ސިއްދީޤާ ހާ ލައިފް އެންޑް ހާ ވޯކްސް (Ayesha Siddiqa Her Life And Works)، ދާރުލް އިސާތު، މި ފޮތުގެ އަސްލު ލިޔުއްވައިފައިވަނީ ސައްޔިދު ސުލައިމާން ނަދުވީ.

4. އަލްޙާފިޡު އިބްނު ކަޘީރު (1997) އަލްބިދާޔަތު ވައްނިހާޔަތު، މުޙައްޤިޤު :ޢަބްދުﷲ ބިން ޢަބްދުލް މުޙުސިން އަލްތުރުކީ، ދާރު ހަޖަރު. 

5. ސައްޔިދު އަބުލްއަޢުލާ މައުދޫދީ (2012) ތަފްހީމުލް ޤުރްއާން، ތަރުޖަމާ: ޒަފަރު އިސްޙާޤު އަންޞާރީ އަދި ޢަބްދުއްރަޙީމް ކިދުވާއީ، ދަ އިސްލާމިކް ފައުންޑޭޝަން.

6. އަލްޙާފިޡު އިބްނު ކަޘީރު (2003) ތަފްސީރުލް ޤުރްއާން އަލްޢަޡީމް، ތަރުޖަމާ: ޞަފިއްޔުއް ރަޙްމާން މުބާރަކު ޕޫރީ، މަކްތަބާ ދާރުއްސަލާމް، ރިޔާޟު

7. އިމާމު ނަވަވީ، ރިޔާޟުލް ޞާލިޙީން، ތަރުޖަމާ: އައްޝައިޚް އަޙުމަދު ފާރޫޤު މުޙައްމަދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މާލެ

8. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ – 2007 ، ރައީސުލްޖުމުހޫރިއްޔާގެ އޮފީސް

9. ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ދެއާ ސްޓްރައިވްސް އެންޑް ދެއާ ލައިވްސް، މުޙައްމަދު ފަތުޙީ، ތަރުޖަމާ؛ އަލްފަލާހް ފައުންޑޭޝަން، އިސްލާމިކް އައި އެން ސީ ޕަބްލިޝިން އެންޑް ޑިސްޓްރިބިޔުޝަން

10. ޙަދީޘް ޢިލްމުގެ ވެބްސައިޓް https://sunnah.com/

11. ޑރ.ޢާއިޝާ ބިވްލީ(1995)، ވިމެން އޮފް މަދީނާ (The Women of Madina)، ތާޙާ ޕަބްލިޝާޝް ލިމިޓެޑް، ލަންޑަން

12. ޑރ. އަލީ މުޙައްމަދު އައްޞައްލާބީ (2007) ، ބަޔޮގްރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ދާރުއްސަލާމް

13. ޑރ. އަލީ މުޙައްމަދު އައްޞައްލާބީ (2010) ، ޢުމަރު ބުނުލް ޚައްޠާބު ހިޒް ލައިފް އެންޑް ޓައިމްސް، ދާރުއްސަލާމް

14. އަލްޙާފިޡް އިބްނު ކަޘީރު (؟؟) ، ކެލިފޭޓް އޮފް ބަނީ އުމައްޔާ، ތަރުޖަމާ ދާރުއްސަލާމް 

15. ޑރ. އަލީ މުޙައްމަދު އައްޞައްލާބީ (2007) ، ބަޔޮގްރަފީ އޮފް ޢުޘްމާން ބިން ޢައްފާން، ދާރުއްސަލާމް

16. ޑރ. އަލީ މުޙައްމަދު އައްޞައްލާބީ (2011) ، ޢަލީ ބިން އަބީޠާލިބު، ދާރުއްސަލާމް

17. ޑރ. އަލީ މުޙައްމަދު އައްޞައްލާބީ (2014) ، ޙަސަން ބިން ޢަލީ ހިޒް ލައިފް އެންޑް ޓައިމްސް، އިންޓަނޭޝަނަލް އިސްލާމިކް ޕަބްލިޝިންގ ހައުސް.

18. ޑރ އިމްތިޔާޒު އަޙްމަދު (2010)، މުޤައްދަސް ކޮޓަރިކޮޅުގެ ތާރީޚް (History of the Sacred Chamber)، ނެގީ https://islamcalling.wordpress.com/2010/05/21/history-of-the-sacred-chamber/.

19. ކީރިތި ރަސޫލާގެ މަހާނަފުޅާއި މަގުބަރާ (Grave and Tomb of the Prophet Muhammad)، މައުލޫމާތު ނެގީ https://hajjumrahplanner.com/prophet-muhammad-grave/.

20. Memphis Islamic Center (MIC), Mothers of the Believers pt.7 | Aisha Bint Abu Bakr pt.1 | Sh. Dr. Yasir Qadhi, from https://www.youtube.com/watch?v=cKk4Dx9b2W0&list=PLYOnU0Yk8VGbOh28v_Cx1Lx0MgpIhM-TY&index=7. 

21. Yaqeen Institute, Aisha bint Abu Bakr (ra): The Love Story | The Firsts | Dr. Omar Suleiman, from https://www.youtube.com/watch?v=nXXJWS3inuk.

22. Eman Channel, Life of Aisha RA by  Ustadha Fatima Barkatulla, from https://www.youtube.com/watch?v=gP25Voag1yc.

Advertisement

ކޮމެންޓް ކުރެއްވުމަށް