އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު
މިސިލްސިލާއަށް އަޅުގަނޑު މިކިޔައިދެނީ ވަރަށް ތަފާތު ވާހަކައަކަށްވެދާނެއެވެ. އެއީ މިއީ ލޯބީގެ ޙާދިސާއަކަށް ނުވާތީއެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑު މިކިޔައިދެނީ ލޯބީގެ ޙާދިސާއަކަށްވުރެ މާފައިދާހުރި ވާހަކައެކެވެ. އަމިއްލަ ތަޖުރިބާއިންނެވެ.
އަޅުގަނޑަކީ 8 ދަރިންގެ ބައްޕައެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހަކީމެވެ. ދަރިންގެ ހުރިހާ ކަންކަންވެސް ބަލަހައްޓާނީ ކުދިންގެ މަންމައެވެ. އަޅުގަނޑުގެ އަނބިމީހާއެވެ.
އެއްރޭ ގެއަށް ދިއުމުން ބުނީ އެންމެ ހަގު ދަރިފުޅުގެ ލޮލަށް ކަމެއްދިމާވެގެން ސްޕެޝަލިސްޓަކަށް އެޕޮއިންޓްމަންޓެއް ހޯދަން އުޅެ ނުލިބުނު ކަމަށެވެ. އަޅުގަނޑު ބުނީ ތިއައީ އެއްވެސް ކަމެއް ނޫން ކަމަށާއި މާދަމާ ހެނދުނު އިރާދަކުރެއްވިއްޔާ ސްޕެޝަލިސްޓަކަށް ދައްކާނެ ކަމަށެވެ.
އަނެއްދުވަހު ހެނދުނު ދަރިފުޅު ގޮވައިގެން އައިޖީއެމްއެޗަސް ގޮސް ބެލިއިރު ނަމްބަރު ލިބެނީ އެންމެ ޑޮކްޓަރަކަށެވެ. އެއީ ވަރަށް އާދައިގެ ޑޮކްޓަރެކެވެ. ގިނަބައަކަށް އޭނާ ކަމުނުދާތީ ނުދައްކަނީއެވެ.
އަޅުގަނޑު އޭނާއަށް ނަންބަރެއް ނެގީމެވެ. ނަންބަރުނަގައިގެން ގޮސް ދައްކަން ވަންނަމުން ދަރިފުޅު ގާތުގައި ބުނީމެވެ. މިފަދައިން ދުޢާކުރާށެވެ! އަދި އަޅުގަނޑުވެސް ހަމަ މިމޭރުމުން ދުޢާކުރީމެވެ.
"ޔާ ﷲ! މިއަޅާގެ ލޮލަށް ޖެހިފައިވާ ބަލި ދެނެގަތުމާ މިއަޅާއަށް ޝިފާ ލިބޭނެ ފަރުވާއެއް ދިނުމުގެ ކުޅަދާނަކަން ޑޮކްޓަރަށް ދެއްވަވާނދޭވެ!" އާމީން
ކޮންމެއަކަސް ޑޮކްޓަރު ބޭސްލިޔެދިނުމުން ބޭސްނަގައިގެން ގެއަށްގޮސް ޤަވާއިދުން ބޭސްއަޅަން ބުނެފައި މަސައްކަތު ދިއައީއެވެ. ބުނީމެވެ. "ކޮންމެ ފަހަރަކުވެސް ބޭސްއަޅަމުން ޝިފާ ދެއްވެވުން އެދި ދުޢާކުރަން ހަނދާންކުރަންވާނެއެވެ!"
އެރޭ އެނބުރި ގެއަށް އައިސް ސުވާލުވެސް ނުކުރެވިގެން އުޅެނިކޮށް އަނބިމީހާ ބުނެފިއެވެ. "އެމަންޖެގެ ލޮލަށް މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ." އަޅުގަނޑު ބުނީ ﷲ އަށް ޙަމްދުކުރުމާއި ކޮންމެ ފަހަރަކުވެސް ބޭސް އަޅަމުން ދުޢާކުރަން ހަނދާންނައްތާލައިގެން ނުވާނެ ކަމަށެވެ. ކޮންމެއަކަސް 3 ދުވަސްވީއިރު ދަރިފުޅުގެ ލޮލަށް ޖެހުނު ކަންތައް އެކުގައި ރަނގަޅުވެއްޖެއެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ ސްޕެޝަލިސްޓުންނަށްވެސް ބަލި ދެނެގަނެ ރަނގަޅު ފަރުވާދެވޭނީ ﷲ ތަޢާލާ އެކަމުގެ ކުޅަދާނަކަން ދެއްވެވުމުންނެވެ. ވީމާ ސްޕެޝަލިސްޓަކަށް ދެއްކި ނަމަވެސް ކޮންމެ ޑޮކްޓަރަކަށް ދެއްކި ނަމަވެސް ދުނިޔޭގައި އުފައްދާފައިވާ އެންމެ މޮޅު ބޭސް ބޭނުންކުރިނަމަވެސް ޝިފާ ލިބުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ޑޮކްޓަރަށް ދައްކަމުންވެސް ބޭސްކަމުންވެސް ފުރަތަމަ ކަމަކަށް ދުޢާކުރާށެވެ!
- ޢަލިބެ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
6 އޮގަސްޓް 2023