އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ހަނދާންކޮށްދޭތީ މަރާލަން ފިސްތޯލަ ނެގި ވަގުތު ފުރާނަ ގެންދެވި "ބިޒީ ބޮސް" ގެ ވާހަކަ!

ނަމާދަށް ހަނދާންކޮށްދޭތީ މަރާލަން ފިސްތޯލަ ނެގި ވަގުތު ފުރާނަ ގެންދެވި "ބިޒީ ބޮސް" ގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ބޮހަކީ އަބަދުވެސް ވަރަށް "ބިޒީ" ކޮށް އުޅޭ މީހެކެވެ. ދުވާލު ހަތަރުދަމު އޮފީހުގައި އިންނައިރުވެސް ހިތް ހަމަ ޖެހިލެވޭ ވަރަށް މަސައްކަތް ކުރެވޭ ކަމަކަށް ނުވެއެވެ. މަސައްކަތް ބަހަނާއަކަށް ދައްކައި ނަމާދެއްވެސް ނުކުރެއެވެ.

 

މިކަމާއި މުވައްޒިފަކު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެކި ގޮތް ގޮތުން ބޮސްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. މިސްކިތަށް ނުދާނެ ނަމަ އޮފީހުގައި ނަމަވެސް ނަމާދު ކުރަންޖެހޭނެ ކަމެވެ. ކޮންމެ ވަގުތަކު ނަމަވެސް މަރާއި ބައްދަލުކުރަން ޖެހިދާނެ ކަމެވެ. އާޚިރަތް ދުވަހުން "ބިޒީ" އަކީ ބަހަނާއަށް ނުދެއްކޭނެ ކަމެވެ. މިވާހަކަތައް ދައްކާއިރު އަޑު އަހައެވެ. ނަމާދުކުރާނެ ކަމަށްވެސް ބުނެއެވެ. ނަމަވެސް ނަމާދުކުރެވޭ ކަމަކަށް ނުވެއެވެ.

 

މުވައްޒިފު ދެން ކުރަންފެށި ކަމަކީ ނަމާދު ވަގުތު ޖެހުމުން ބޮސްގެ ކޮޓަރިއަށް ގޮސް ހުއްދަ ހޯދައިގެން ވަދެ ނަމާދު ވަގުތު ޖެހިއްޖެކަން ހަނދާންކޮށްދޭން ފެށުމެވެ. ހަނދާންކޮށްދީފައި ނުކުމެގެން އަންނަނީއެވެ.

 

އެއްދުވަހެއްގެ ޢަޞްރު ނަމާދު ވަގުތު ޖެހުމުން ގޮސް ހުއްދަ ހޯދައިގެން ވަނުމުންވެސް ބޮސް އައީ ރުޅިއެވެ. ރުޅި އައިވަރުން "ބަލަ މިއަދަކީ ހާދަ ބިޒީ ދުވަހެކޭ. އެވަރުވެސް ކަލެއަކަށް ނޭނގޭތަ؟ ކަލޭގެ އުނދަގޫ މިހާރު މާބޮޑުވެއްޖެނު" ބުނެފައި ވަތްގަނޑުގައި އޮތް ފިސްތޯލަ އަތަށް ނެގި ވަގުތަކީ މަރުގެ މަލާއިކަތާ ވަޑައިގެން ބޮސްގެ މަރު ހިއްޕެވި ވަގުތެވެ.

 

ބޮސްގެ ބިޒީކަން ނިމުނީއެވެ. އިތުރަކަށް ދުނިޔޭގެ އެއްވެސް ކަމަކާއިމެދު ބިޒީވާކަށް ނުޖެހޭނެއެވެ. އެ ބާބު ނިމުނީއެވެ. ނަމަވެސް އެވަގުތުން ފެށޭ ބާބުގައި ބިޒީކަން ފެންނާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ. ކުރިމަތިލާންޖެހޭނެ ގަދަފަދަ އަޒާބުގެ މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމުންނެވެ.

 

ބޮސްގެ ބިޒީކަމުން ޢިބްރަތް ޙާޞިލުކުރާށެވެ. މަރަށް ތައްޔާރުވުމަށް އަވަސްވެގަންނާށެވެ!

 

މުފްތީ މެންކް ވިދާޅުވެފައިވެއެވެ. "ނަމާދުގެ ވަގުތުތަކުގައި ނަމާދު ނުކުރެވޭ ވަރަށް ބިޒީ ނުވާށެވެ. ކޮންމެ މަސައްކަތަކީވެސް ނަމާދަށްފަހު ކުރެވިދާނެ މަސައްކަތެކެވެ. ނަމަވެސް ނަމާދު އަޅައިގެން ހުއްޓައި މަރު އައިސް ބައްދަލުކޮށްފި ނަމަ ނަމާދު ކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ވީމާ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ވަގުތު ޖެހުމާއިއެކު ނަމާދުކުރުމަށެވެ."

 

- އިސްލަމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް