އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު
ނިމިގެންދިއަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 5 އަހަރު ތެރޭގައި ޕްރޮޖެކްޓްތައް ހިންގުމަށް ވެވިފައިވާ އެއްބަސްވުންތައް ނުލައި އިންޑިއާއެކު ސަތޭކައަށްވުރެ ގިނަ އެއްބަސްވުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މުޙައްމަދު ފިރުޒުލް ވިދާޅުވީ މި އެއްބަސްވުންތައް ދިރާސާކުރަން ވަޤު ނަގާނެ ކަމަށާއި އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސްއެޅޭ މާއްދާތައް އުވާލަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
ސަރުކާރު ބަދަލުވިއިރު ރާއްޖެއިން ނުގެންގޮސްތިބި އިންޑިއާ ސިފައިންގެ ޢަދަދު ބަޔާންކުރައްވަމުން މުޙައްމަދު ފިރުޒުލް ވިދާޅުވީ މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށާއި އެއީ 2 ހެލިކޮޕްޓަރު ދުއްވުމަށާއި ޑޯނިއާ ފްލައިޓްގެ ކަންކަމުގައި ތިބި ސިފައިން ކަމަށެވެ. އަދި ރާއްޖޭގައި ބޭރު ޤައުމެއްގެ ސިފައިން އެއްވެސް ވަރަކަށް ތިބެން ސަރުކާރުން ބޭނުން ނުވާކަމަށާއި ތިބިސިފައިން އަނބުރާ ގެންގޮސްދިނުމަށް އިންޑިއާގައި އެދިފައި އޮތުމަށް އެއްބަސްވެފައިވާ ކަމަށްވެސް މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.
އިންޑިއާގެ 2 ހެލިކޮޕްޓަރު ރާޖެ ގެނައިއރު ބުނެފައިވަނީ ދުއްވާނެ ދިވެހިން ތަމްރީނުކުރާނެ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އެކަން ކޮށްފައެއް ނުވެއެވެ. އަދި މޯލްޑިވިއަންގެ ޑޯނިއާ ފްލައިޓްތައް މޯލްޑިވިއަނުން ބަލަހައްޓަމުން ގެންދާއިރު ޑޯނިއާ ފްލައިޓެއް ބަލަހައްޓަން 25 އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަންވެސް ފާހަގަކުރެވެއެވެ. ޑޯނިއާ ފްލައިޓެއް ބަލެހެއްޓުމުގެ ޤާބިލްކަން ލިބިގެންތިބި އިންޖިނޭރުންނާއި ޕައިލެޓުން ރާއްޖޭގައި އެބަތިބިކަން މޯލްޑިވިއަނުން އަންނަނީ ދައްކައިދެމުންނެވެ.
Advertisement
19 ނޮވެމްބަރ 2023