އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދާނިޔާލްގެފާނުގެ ވާހަކަ-

ދާނިޔާލްގެފާނުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 5 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

دَانْيَالُ عَلَيْهِ السَّلَامُ

ތާރީޚާއި ސީރަތުގެ ޢިލްމުވެރިންގެ ތެރެއިން އެކަކަށްވުރެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ދާނިޔަލަކީ ބަނީއިސްރާއީލުންގެ ނަބިއްޔުންގެ ތެރެއިން ނަބީބޭކަލެކެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ބައިތުލްމަޤުދިސް ޚަރާބުކޮށް، ބަނީއިސްރާއީލުބާގައިގެ އެތައް ބަޔަކު ޤަތުލުކޮށް، އެބައިމީހުންގެ މުޤައްދަސު ފޮތް ތައުރާތު އަންދާލި بُخْتُ نَصَّر ގެ ޒަމާނުގައެވެ. بُخْتُ نَصَّر އަކީ ވަރަށް އަނިޔާވެރި ރަސްކަލެކެވެ.

دانيال عليه السّلام، ވަނީ މާތް ނަބިއްޔާ ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. دَانْيَالُ عَلَيْهِ السَّلَامُ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّم ގެ ނަންފުޅު ވިދާޅުވެ ބަޔާން ކުރައްވައިފައިވެއެވެ. [އޭ މުޙައްމަދުގެފާނޭވެ. ކަލޭގެފާނުގެ އަމުރުފުޅަށް ދުނިދަނޑިން ދުނިތައް އަމާޒުކޮށް ދޫކޮށްލެވި އޭގައި ލޭންކުލަ ޖެއްސޭނެއެވެ.]

{ شيخ الإسلام ابن تيمية، جواب الصحيح} 

މުސްލިމުން تُسْتَر ފަތަޙަ ކުރެއްވިއިރު، دانيال عليه السّلام ގެ ޤަބުރު ފެނުނު ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. أمير المؤمنين عمر رضي الله عنه ގެ އަމުރުފުޅަށް ޞަޙާބީން އެކަލޭގެފާނުގެ ހަށިކޮޅު މީސްތަކުންނަށް ނޭނގޭހެން ސިއްރުން ފަސްދާނުވެޑުވިއެވެ. އެއީ މުސްތަޤުބަލުގައި އުފެދިދާނެ ފިތުނައަކަށްޓަކައެވެ. 

ابن أبي الدنيا ޙަސަން ދަރަޖައިގެ ސަނަދަކު ރިވާ ކުރައްވައިފައިވާ ކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. أبو الزناد ވިދާޅުވެފައިވެއެވެ. أبو بردة بن أبي موسى الأشعري ގެ އިނގިލިފުޅުގައި އޮތް އަނގޮއްޓިއެއް އަހަރެން ދުށީމެވެ. އެ އަނގޮއްޓީގެ މެދުގައި ދެ ސިންގާ ކުރަހައިފައިވެއެވެ. އެ ދެ ސިންގާގެ ދެމެދުގައި ފިރިހެންކު ހުއްޓެވެ. އެ ދެ ސިންގާ ތިބީ ދޫނެރެގެން އެ ފިރިހެން މީހާގެ ގައިގައި ދޫލާންށެވެ. 

أبو بردة ވިދާޅުވެފައިވެއެވެ. މިއީ އެ މަރުވެފައިވާ މީހާގެ އަނގޮއްޓިއެވެ. މިރަށުގެ މީހުން ދަޢުވާކުރާ ގޮތުގައި އެ މީހަކީ دانيال އެވެ. أبو موسى الأشعري އެ އަނގޮއްޓި ނަގައިފައިވަނީ އެ ހަށިކޮޅު އަލުން ވަޅުލި ދުވަހުގައެވެ. أبو بُردة  ވިދާޅުވެފައިވެއެވެ. أبو موسى الأشعري އެ އެރަށުގެ ޢިލްމުވެރިން ކުރެ އެ އަނގޮއްޓީގައި ކުރަހައިފައިވާ ނިޝާނާ ބެހޭ ގޮތުން ސުވާލުކުރެއްވިއެވެ. އެބައިމީހުން أبو موسى الأشعري އަށް ކިޔާދެއްވިއެވެ. ފަލަކީ ޢިލްމުވެރިންނާއި އެބައިމީހުންގެ ދީނީޢިލްމުވެރިން دانيال ދިރިއުޅުއްވި  ރަށުގެ ރަސްގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ.  

[މިވެނި އެވެނި ރެއެއްގައި ކަލޭގެފާނުގެ ވެރިކަން ފުނޑުފުނޑުކޮށްލާނެ ފިރިހެންކުއްޖެއް އުފަންވާނެއެވެ.]

ރަސްގެފާނު ވިދާޅުވިއެވެ. [އެރޭ ވިހާ އެއްވެސް ކުއްޖަކު ސަލާމަތެއްނުވާނެއެވެ. ތިމަން އެހުރިހާ ކުދިން ޤަތުލު ކުރާނަމެވެ.] 

އެ ގޮތުގެ މަތީން دانيال عليه السّلام ގެންނަވައި ވަޅުގަނޑަކަށް އެއްލައިލިއެވެ. އެ ވަޅުގަނޑަކީ ބޮޑު ދެ ސިންގާ އޮތް ވަޅުގަނޑެކެވެ. އެ ދެ ސިންގާ އެކަލޭގެފާނަށް އެއްވެސް ގެއްލުމެއް ނުދެއެވެ. އެކަލޭގެފާނުގެ މައިކަނބަލުން އެތަނަށް ވަޑައިގެންނެވި އިރު އެ ސިންގާތައް އެކަލޭގެފާނުގެ ގައިކޮޅުގައި ދޫލައިލައިފައި އުޅެއެވެ. އެ އެއްޗެހީގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމައްޗެއްނުވެއެވެ. އޭގެ ފަހުން دانيال عليه السّلام އެކަލޭގެފާނުގެ އަނގޮއްޓިފުޅުގައި އެދެސިންގާ އާއި އެކަލޭގެފާނު ސިފަވާގޮތަށް ކަނޑައިފައި ނެގިއެވެ. އެއީ މާތް އެކަލޭގެފާނަށް ދެއްވި ނިޢުމަތް ހަނދުމަފުޅުނެތިގެން ނުދިޔުމަށްޓަކައެވެ. 

އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެބައިމީހުން تستر ފަތަޙަ ކުރެއްވިއިރު، އެތަނުގެ ސަންދޯކެއްގެ ތެރެއިން ނޭފަތުގެ ދިގުމިނުގައި އެއްފޫޓުހުރި މީހަކު ފެނުނެވެ. އޭނާގެ ޤަބުރު ކައިރިއަށް އެރަށުގެ މީސްތަކުން އައިސް އޭނާ މެދުވެރިކޮށް ނަޞްރުދެއްވުމަށް އެދި ދުޢާކޮށް ހަދައެވެ. ވާރޭ ނުވެހޭ މޫސުންތަކުގައި ވާރޭ ވެއްސެވުމަށް އެދި ދަންނަވައެވެ. أبو موسى الأشعري މިވާހަކަތައް ޚަލީފާ ޢުމަރުގެފާނަށް ލިޔުއްވިއެވެ. ޢުމަރުގެފާނު ޖަވާބު ލިޔުއްވިއެވެ. 

[މިބޭކަލަކީ ނަބިއްޔުންގެ ތެރެއިން ނަބީބޭކަލެކެވެ. އަލިފާނުންނާއި ބިމުގެ ފަނިފަކުސާގެ ސަބަބުން ނަބިއްޔުންގެ ހަށިކޮޅުތައް ހަލާކުވުމުން ވަނީ ރައްކާތެރިވެގެންނެވެ.]

އެއަށްފަހު ޢުމަރުގެފާނު އެކަލޭގެފާނުގެ ސިޓީފުޅުގައި މިފަދައިން އިރްޝާދު ދެއްވައިފައިވެއެވެ.

[ކަލޭގެފާނުގެ އެކުގައިވާ ޞަޙާބީންނާ މަޝްވަރާ ކުރުމަށްފަހު އެކަލޭގެފާނުގެ ހަށިކޮޅު އަލުން ވަޅުލާށެވެ. ތިޔަ ދެބޭކަލުން ފިޔަވައި އެއްވެސް މީހަކަށް އެކަލޭގެފާނު ފަސްދާނުވަޑުވާތަން ނާންގަވައްޗެވެ.] 

އަނަސުގެފާނު ވިދާޅުވެފައިވެއެވެ. ދެން ތިމަންކަލޭގެފާނާއި އަބޫމޫސަލް އަޝްޢަރީ އާ ދެބޭކަލުން ވަޑައިގެން އެކަލޭގެފާނުގެ ހަށިކޮޅު ފަސްދާނުވެޑުވީއެވެ.

اليهقي ގެ دلائل النبوة އޭ ކިޔުނު ފޮތުގައި ރިވާވެގެންވެއެވެ. خالد بن دينار ގެ އަރިހުން ރިވާވެގެންވެއެވެ. أبو العالية ވިދާޅުވެފައިވެއެވެ: އަހަރެމެން تستر ފަތަޙަކުރިއިރު، އެތަނުން އަލްހުރުމުޒާންގެ ޚަޒާނާގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮތް ސަންދޯކެއް ފެނުނެވެ. އޭގައި އޮތް މައްޔިތާގެ ބޮލުގެ ކައިރީގައި އޭނާގެ ޞުޙުފުތައްވެއެވެ. އަހަރެމެން އެ ޞުޙުފުތައް ހިފައިގެން ޢުމަރު ބިން އަލްޚައްޠާބުގެ އަރިހަށް ގޮސް އެކަލޭގެފާނަށް އެތަކެތި ދެއްވީމެވެ. ޢުމަރުގެފާނު، ކަޢުބަށް އަންގަވައިގެން އެ ޞުޙުފުތައް ޢަރަބި ބަހަށް ތަރުޖަމާކުރެއްވިއެވެ. އަހަރެންނަކީ ޢަރަބިންގެ ތެރެއިން އެންމެ ފުރަތަމައަށް އެޞުޙުފުތައް ކީމީހާއެވެ. ޤުރްއާން ކިޔަވާހެން އަހަރެން އެ ޞުޙުފުތައް ކީމެވެ.

خالد بن دينار ވިދާޅުވެފައިވެއެވެ. އަހަރެން أبو العالية އަށް ދެންނެވީމެވެ. [އެ ޞުޙުފުތަކުގައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟] أبو العالية ވިދާޅުވިއެވެ. [އެއީ ތިޔަބައިމީހުންނާ ބެހޭ ވާހަކަތަކެވެ. ތިޔަބައިމީހުންގެ ކަންކަމާއި، ތިޔަބައިމީހުންގެ ދީނުގެ ވާހަކަތެކެވެ. އަދި އޭގެ ފަހުން ތިޔަބައިމީހުންނަށް ވާނެ ގޮތުގެ ވާހަކަތެކެވެ.] އަހަރެން ދެންނެވީމެވެ. [ދެން ތިޔަބައިމީހުން އެ މައްޔިތާއާމެދު ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟]

 أبو العالية ވިދާޅުވިއެވެ. [އަހަރެމެން ދުވާލު ވަގުތުގައި ތަފާތު ތޭރަ ކަށްވަޅު ކޮނުނީމެވެ. ރޭގަނޑުވުމުން އެތަނުން ވަޅުގަނޑެއްގައި އޭނާ ވަޅުލާފައި ހުރިހާ ވަޅުތަކަކަށް ފަސްލައި އެއްވަރުކޮށްލީއެވެ. އެއީ އޭނާ ވަޅުލިތަން އެރަށުގެ ރައްޔިތުންނަށް ފޮރުވުމަށްޓަކައެވެ. އެބައިމީހުން އޭނާގެ ޤަބުރު ކޮނެގެން ނުނެގުމަށްޓަކައެވެ.]

އަހަރެން ދެންނެވީމެވެ. [މީސްތަކުން އެގޮތަށް ކަންތައް ކުރާނީ ކީއްވެގެން ހެއްޔެވެ؟] أبو العالية ވިދާޅުވިއެވެ. [އެބައިމީހުންނަށް ވާރޭ ލިބުން ދަތިވެ، ތަދުމަޑުކަމެއް އަތުވެއްޖެނަމަ އޭނާގެ ސަންދޯއް ނެރެގެން އޭނާ މެދުވެރިކޮށް ދުޢާ ކުރުމުން އެބައިމީހުންނަށް ވާރޭ ފެންލިބެއެވެ.] އަހަރެން ދެންނެވީމެވެ. [ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކާކު ހެއްޔެވެ؟] أبو العالية ވިދާޅުވިއެވެ. [ދާނިޔަލް ކިޔާ މީހެކެވެ.] އަހަރެން ދެންނެވީމެވެ.  [އޭނާ އަވަހާރަވިތާ ކިހާ ދުވަހެއް ވެދާނެކަމަށް ޤަބޫލުކުރެވޭތޯއެވެ؟] أبو العالية ވިދާޅުވިއެވެ. [ ތިންސަތޭކަ އަހަރު ވެދާނެއެވެ] އަހަރެން ބުނީމެވެ. [އޭނާގެ ހަށިކޮޅުން އެއްވެސް އެއްޗެއް ބަދަލުވެފައިވޭތޯއެވެ؟] أبو العالية ވިދާޅުވިއެވެ. [ނޫނެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ ފުރަގަހުގެ އިސްތަށިކޮޅުތައް ފިޔައެވެ. ނަބީބޭކަލުންގެ ހަށިކޮޅުތަތަކީ ބިމުގެ ފަނިފަކުސާތަކާއި ވަލުޖަނަވާރުން ކެއުން މަނާ އެއްޗެކެވެ.]

އަލްޙާފިޡް އިބްނު ކަތީރު ރަޙިމަހު ވިދާޅުވެފައިވެއެވެ.

أبو العالية އާ ހަމައަށް މި ރިވާޔަތުގެ ސަނަދު ޞައްޙަ ކަމުގައި ވިޔަސް  އެ މީހާ މަރުވި ތާރީޚަކީ ތިންސަތޭކަ އަހަރު ކުރިންނަމަ، އެކަލޭގެފާނަކީ ނަބިއްޔަކަށް ނުވާނެއެވެ. އޭނާވާނީ ޞާލިޙު މީހަކަށެވެ. އެއީ އަލްބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘުގެ ނައްޞުގެ މައްޗަށް ބިނާކޮށެވެ. އެ ރިވާޔަތުގައިވެއެވެ. ޢީސާގެފާނާއި، رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ދެމެދު އެއްވެސް ނަބިއްޔަކު ނުވެއެވެ. އެދެމެދުގައިވާ މުއްދަތަކީ ހަތަރުސަތޭކަ އަހަރެވެ. ނުވަތަ ހަސަތޭކަ، ނުވަތަ ހަސަތޭކަ ވިހި އަހަރެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް