އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނުގެ ބޮޑެތި ބޭކަލުންގެ ނަންފުޅުތައް ކޮށަކޮށައިގެން ކިޔާނަމަ ޚުޠުބާއިން ކުރާނީ ކޮން އަސަރެއް؟

ދީނުގެ ބޮޑެތި ބޭކަލުންގެ ނަންފުޅުތައް ކޮށަކޮށައިގެން ކިޔާނަމަ ޚުޠުބާއިން ކުރާނީ ކޮން އަސަރެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

މިދިއަ ހުކުރު ދުވަހުގެ ޚުޠުބާ ކިޔުއްވި ބައެއް އިމާމުން ދީނުގެ މަޝްހޫރު ބޮޑެތި ބޮޑެތި ބޭކަލުންގެ ނަންފުޅުތައް ނުކިޔުއްވިގެން އުޅުއްވިކަން ފާހަގަކުރެވުނެވެ. އެކަމުން އެނގިގެން ދިއައީ ޚުޠުބާ ކުރިން އެއްވެސް ވަރަކަށް ބައްލަވައި ނުލައްވާ ކަމެވެ.

މިއީ އަބަދުހެން ކުރިމަތިވާ މައްސަލައެކެވެ. އިޞްލާހްކުރަންޖެހިފައިވާ ކަމެކެވެ. މިކަން މިއަދުނޫހުން މިއަންނަނީ ފާހަގަކުރަމުންނެވެ. މީގެކުރިންވެސް އެތައް ފަހަރަކު ވާނީ ފާހަގަކުރެވިފައެވެ. 

އެހެންކަމުން ހަނދުމަ އައުކޮށްލާނަމެވެ. 

ހުކުރުކުރައްވާ ބައެއް އިމާމުން އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެލައްވައެވެ. ފަރިތަކުރައްވައެވެ. ނަމަވެސް އަނެއްބައި އިމާމުން ޚުޠުބާ އުރައިން ނަންގަވާކަމަށްވަނީ މިންބަރަށް އަރުއްވައިފައެވެ. 

އެހާލަތުގައި ހަނދާނަށް އަންނަނީ މީގެ 50 ވަރަކަށް އަހަރު ކުރިއެވެ. މާލެއިން (ސަރުކާރުން) ރަށްރަށަށް ސިޓީ ނުވަތަ އެންގުން ލިޔެފައި ފޮނުވައެވެ. ހުކރު ދުވަހު ރައްޔިތުން އެއްކޮށްފައި އެ ލިޔުން އިއްވައެވެ. ގިނަ ކަތީބުންގެ ފެންވަރު ހުންނަ ގޮތުން ޖުމުލައެއް ކިޔޭނީ 2، 3 ފަހަރުމަތިންނެވެ. ކިޔައި ނިމޭއިރު ކުރިން ކީބައި މީހުން ހަނދާނެއް ނުހުންނާނެއެވެ. 

މިއަދު ހުކުރަށް އެރުނީ އެފަދަ އިމާމަކު ހުކުރުކުރެއްވި މިސްކިތަކަށެވެ. ޚާއްޞަކޮށް ފަހު ޚުޠުބާ ކިޔުއްވަން އިމާމް އުލުއްވި ޙާލުފެނިފައި، އަޑު އިވިފައި ވަރަށް ދެރަވާންޖެހުނެވެ. މިޙާލެއްގައި އުޅުއްވަން ހައްދަވައިގެން ޚުޠުބާ ދިގުވެގެން ދިއުމުން ބަދަލުގައި ކުރުކޮށްލެއްވީ ނަމާދެވެ. ވިދާޅުވީ ޤުރްއާނުގައި އޮންނަ އެންމެ ކުރު ދެސޫރަތެވެ. 

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ޚުޠުބާ ކިޔުން މިއަށްވުރެ ފުރިހަމަވާން އެބަޖެހެއެވެ. ކަތީބު ސިޓިކިޔާ ރާގަށް ކިޔަންފެށީމާ ނިދިއާދެއެވެ. އަދި ޚުޠުބާއަކީ އަމިއްލަ ޚުޠުބާއެއް ނޫންނަމަވެސް އަމިއްލައަށް ޚުޠުބާ ކިޔާ ރާގަށް އެފޯރީގައި ކިޔަންޖެހޭ އެއްޗެކެވެ. މީސްތަކުންގެ ސަމާލުކަން ލިބޭނީ އެއިރުންނެވެ. 

ޚުޠުބާ ކިޔުމަކީ ހިލޭ ސާބަހަށް ކޮށްދޭ ކަމެއް ނޫނެވެ. ބޮޑު އުޖޫރައެއް ލިބޭ ކަމެކެވެ. ސުވާލަކީ އެކަން ކުރަންވީ ގޮތަށް ނުކުރިނަމަވެސް އެ އުޖޫރަ ހަމަ ޙަލާލުވާނެތޯއެވެ؟ 

މިޒަމާނަކީ ކޮންމެ އިމާމަކުވެސް ސްމާޓް ފޯނު ގެންގުޅޭ ޒަމާނެވެ. މިސްކިތުގެ އިމާމު ލައްވައި އެދުވަހުގެ ޚުޠުބާ ރެކޯޑްކުރުވައިގެން އިސްލާމިކް މިނިސްޓްރީން އަޑުއަހައިލުން ފަދަ އިންތިޒާމެއް ހަމަޖައްސައިގެން ނަމަވެސް މިކަންކަން އިޞްލާޙްކުރަންޖެހޭ ކަމަށް ގިނަބައަކު ބުނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް