އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ވާގިނެތިފަ އޮތް އަނބިމީހާއަށާ އޭނާގެ ކުޑަ 2 ދަރިންނަށް އެހީތެރިވުމަށް އޭނާގެ ފިރިމީހާއާ ކައިވެނިކުރި އަންހެންކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ވާގިނެތިފަ އޮތް އަނބިމީހާއަށާ އޭނާގެ ކުޑަ 2 ދަރިންނަށް އެހީތެރިވުމަށް އޭނާގެ ފިރިމީހާއާ ކައިވެނިކުރި އަންހެންކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 9 ސިކުންތު

ފުރަތަމަ މިކިޔައިދެނީ އަޅުގަނޑުގެ ވިސްނުމުގައި ހުރި ބައެއް ކަންކަމެވެ. 

ތިމާގެ ސިކުނޑިއަށް ހަމަޖެހުން ލިބެން އެދޭމީހާ ފުރަތަމަ ކަމަކަށް އެހެން މީހެއްގެ ބައިވެރިޔަކާއިއެކު ގުޅުން ނުއުފައްދާށެވެ. އެހެން މީހެއްގެ ބައިވެރިޔަކާއި ގުޅުން އުފެއްދުމަށްފަހު ތިމާގެ ސިކުނޑިއަށް ނުވަތަ ހިތަށް ހަމަޖެހުން ނުލިބިގެން އެކަމުގެ ޝަކުވާ ނުކުރާށެވެ. 

މިޒަމާނުގައި މިއުޅެނީ ކައިވެނިކުރުމަށްފަހު ބައިވެރިޔާ އާއިމެދުގައިވެސް ކަންބޮޑުވާންޖެހޭ ކަންކަން ގިނަވާތީ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބިގެންނެވެ. އެފަދަ ގޮތަކަށް ކަންކަން ހުރިއިރު މީހެއްގެ ބައިވެރިޔަކާއި ގުޅުން އުފައްދައިފިނަމަ ކަންބޮޑުވާންޖެހޭނެ މިންވަރު ގިނަވާނެކަން ޤަބޫލުކުރަންވާނެއެވެ. 

މިކަންކަމަކީ ދުނިޔަވީ ނަޒަރަކުން ބެލިނަމަވެސް އެނގި ޔަޤީންވާ ކަންކަމެވެ. ދެން އޮތީ އަނެއްބައެވެ. މީހެއްގެ ބައިވެރިއަކާއި ގުޅިއްޖެނަމަ އޭނާގެ ބައިވެރިޔާއަށް ހިތްދަތިކަމާއި ތަފާތު އެތައް މައްސަލަތަކެއް ކުރިމަތިވާނެއެވެ. ތަޅައި އަނިޔާ ނުކުރިނަމަވެސް ހިތަށް ލިބޭނެ އަނިޔާތައް ވަރަށް ގިނަވާނެއެވެ. އެޙާލަތުގައި އޭނާކުރާ ދުޢާގެ އަސަރު ތިބާއަށް ނުކުރާނެ ކަމަށް ޤަބޫލުކުރުމަކީވެސް ހެދޭ ގޯހެކެވެ. 

ދާދިފަހުން އެކުވެރި އަންހެނަކު ކިޔައިދިން ވާހަކައެއްވެސް ކިޔައިދޭނަމެވެ. 

އޭނާ ބުނީ ފިރިމީހާ އޭނާ ވަރިކުރިތަނާހެން މީހުން ގުޅަން ފަށައިފިއެވެ. ގިނައިން ގުލަނީ މީހުންގެ ފިރިންނެވެ. އެއްވެސް މީހެއްގެ ގާތަކު ނުރުހޭ ކަމަކަށް ނުބުނަމެވެ. އޭނާގެ އަނބިމީހާގެ ހުރި އުނިކަންކަން ބަޔާންކުރުމުން ބުނަނީ އަނބިމީހާ އާއި ވާހަކަދައްކާލައި އޭނާ ބުނާ ބަހެއްވެސް އުޅުންފިލުވައިލަން ބޭނުން ކަމަށެވެ. އެހެން ބުނުމުން ފަހަކުން ނުގުޅައެވެ. 

މިގޮތަށް ކަންތައްތައް ވަމުން އައިސް އެކަކު ހަމަ އެފަދަ ވާހަކަތަކެއް ދެއްކުމުން ހަމައެގޮތަށް ޖަވާބު ދިނުމުން އޭނާ އެއްވެސް ޖެހިލުމެއް ނެތި އަނެއް ދުވަހު ހަވީރު އެގެއަށްދާން ދަޢުވަތުދިނެވެ. މިއީ މިގޮތަށް ދިމާވި ފުރަތަމަ ކަންތައްކަމަށްވުމުން އެގެއަށް ދިއައީ ހަމަ ޙަޤީޤަތް ދެނެގަތުމުގެ ބޭނުމުގައެވެ. 

ފެނުނު މަންޒަރުން ވަރަށް ދެރަވިއެވެ. ޒުވާން ދެމަފިރިންނެވެ. ދެވަނަ ދަރިފުޅު ނުވިއްސިގެން ސިޒޭރިއަން ހަދަން އައްސިކުރަން މައިބަދައަށް އިންޖެކްޝަން ޖެހުނު ގޮތަކުން ތިރީކޮޅުގައި ވާތްގެއް ނެތެވެ. އޮފީހަށްދަމުން 2 ދަރިންނާ އަނބިމީހާ ބަލަމުން ފިރިމީހާ އުޅެނީ ވަރަށް ބުރަކޮށެވެ. 

އަހުރެންގެ ހިތުގައި އެދެމަފިރިންނަށާއި ކުޑަކުޑަ 2 ކުދިންނަށް ރަޙުމް އުފެދުނެވެ. އެދެމަފިރިންނަށް އެހީތެރިވެދޭން ނިންމީމެވެ. އަދި ކައިވެނި ނުކުރިނަމަވެސް އެހީތެރިވެދޭންހުރިކަމަށް ބުނީމެވެ. 

ކޮންމެއަކަސް ޢާއިލާ އާއި އުފެދުނު ގުޅުމުގެ ތެރެއިން ކައިވެނި ކުރެވުނެވެ. އެގޭގައި ދެމަފިރިންނާއި 2 ދަރިންގެ ޚިދުމަތުގައި އުޅެންފެށީމެވެ. އަހުރެން އޭނާދެކެވެސް ޢާއިލާދެކެވެސް ލޯބިވީ ﷲ އަށްޓަކައެވެ. 

ނަތީޖާއަކީ 3 އަހަރު ފަހުން އަހުރެން ބަލިވެ އިންތަނާ ދޮށީ އަނބިމީހާއަށް ޝިފާލިބި ހިނގައި އުޅެވުމެވެ. މިހާރު ކައިވެންޏަށް 8 އަހަރެވެ. 2 އަނބިން އުޅެމުން މިގެންދަނީ އެއްބަނޑު އެއްބަފާ ދެއަންހެނުން ފަދައިން އެކުވެރިކަމާއިއެކުގައެވެ. 

ދެން އޮތީ ފިރިމީހާގެ ވާހަކައެވެ. އެއީ މިޒަމާނަށް ބަލައިފިނަމަ ޖަވާހިރެއްފަދަ ރަނގަޅު ފިރިއެކެވެ. އަޅުގަނޑާއި ކައިވެނިކުރުމަކުން ކުރީގެ އަނބިމީހާއަކަށް ދެރަގޮތެއް ނުހަދައެވެ. ކުރިންވެސް ކަންކަން ބެލެހެއްޓިފަދައިން ކަންކަން ބަލަހައްޓައި އޭނާއަށް ޚިދުމަތް ކުރިއެވެ. އަޅުގަނޑުގެ އަލަތު ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅެވެ. ބޭވަފާތެރިވުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. އޮފީސް ނިމިގެން ގެއަށް އައުމަށްފަހު ހުރިހާ ވަޤުތެއްގައިހެން އުޅެނީ ގޭގައެވެ. 

އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއްކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ.

 

- މައިމޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް