އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 38 ސިކުންތު
سلام އާއި صَلَوات ލެއްވި رَسُولُ الله ގެފާނުން އިހުބުނިފަދައިން سجدة ގައި އޮންނަވަނިކޮށް ނިދާއިއްވަވާހުއްޓެވެ. އޭ محمّد ގެފާނެވެ. ކަލޭގެފާނުންގެބޯ އުފުލައި ދަންނަވާންވީ އެއްޗެއް ދަންނަވާށެވެ. އަދި شفاعة ތެރިވާށެވެ. ކަލޭގެފާނުންގެ شَفَاعَة قَبُول ކުރެއްވޭނެއެވެ. سَلاَم އާއި صَلَوات ލެއްވި އެކަލޭގެފާނުން ދަންނަވާނެއެވެ. يَارَبِّ ހައްދަވާބޮޑުކުރެއްވި ކަލާކޯއެވެ. އިބަސުވާމީންގެ އަޅުތަކުންމެދުގައި، ނިޔާކަނޑައަޅުއްވަވާނދޭވެއެވެ. ހަމަކަށަވަރުން މިބިންމަތީގައި ތިބުން ދިގުވެ، ކޮންމެމީހަކުމެ އެމީހެއްގެ ފާފައިން ބޭޒާރުވެގެންވެއެވެ. އިބަސުވާމީންގެ ދެނެވޮޑިގަތުން މާބޮޑުވެގެންވެއެވެ.
ދެން މާތްރަސްކަލާނގެ އަމުރުފުޅަށް ސުވަރުގެ ގެނެސް މިތަނަށް عَرْش ގެ ކަނާތްކިބައަށް حَاضر ކުރެއްވިދާހުއްޓެވެ. އެސުވަރުގެއިން ފަރާތް ފަރާތަށް އަންނަ މީރުވަސް ފަސްސަތޭކަ އަހަރުގެ ރާސްތާއަށްދުވާހުއްޓެވެ. ދެންފަހެ ހިތްތަކަށް ފިނިކަންލިބި نفس ތައް ދިރިގެން ހިނގައިދާހުއްޓެވެ. ބޮޑަތި ބޮޑަތި ފާފަވެރީންނަކަށް އެސުވަރުގޭގެ ވަހެއްވެސް ނުލިބޭހުއްޓެވެ.
ދެންނަރަކަ ގެނައުމަށް އަމުރުކުރެއްވިދާހުއްޓެވެ. އެނަރަކައާއިގެން މާތްރަސްކަލާނގެ حضرة އަށް ގެނެވޭންވުމުން އެނަރަކަ ބިރުވެތިވެ ސިހިގެން އެގެނައުމަށް ފޮނުއްވެވުނު މަލާއިކަތުންނަށް ދަންނަވާނެއޭ. މިއަޅާއަށް عَذَاب އެއް ދެއްވާން މާތްރަސްކަލާނގެ ހެއްދެވި އެއްޗެއްވާކަން ތިޔަބެއިކަލުންނަށް އެނގިލައްވާތޯއެވެ؟ އެބޭކަލުން ވިދާޅުވާނެތޭ. ނޫނެކެވެ! މާތްރަސްކަލާނގެ އިބަ حَاضِر ކުރައްވަނީ އެކަލާނގެ ކިބައަށް އުރެދުނު މީހުންނަށް އިބަގެކިބައިން عذاب ދެއްވުމަށެވެ. އިބަ ހެއްދެވިގެންވަނީ އެކަންތަކަށެވެ.
ދެން އެބެއިކަލުން އެނަރަކައާއިގެން محشر އަށް ވަޑައިގަންނަވާހުއްޓެވެ. އެއަންނަހުށީ ހަތަރުފައިން ހިގާފައެވެ. އެއިގައި ހަތްދިހަހާސް ހިލިހިލާއިން ލަގަންއެޅެވިގެންވާނެއެވެ. ކޮންމެ ހިލިހިލާއެއްގައި ހަތްދިހަހާސް ބޮޅެވެ. މުޅިދުނިޔޭގައި ވާހައި ދަގަޑު އެއްކުޅަޔަސް އެއިން ބޮޅަކާ ހަމަނުވާހުއްޓެވެ. އެއިން ކޮންމެ ބޮޅެއްގައި ހަތްދިހަހާސް زَبَانِيَّ މަލާއިކަތުން ހިއްޕަވައިގެން ތިއްބަވާހުއްޓެވެ. އެއިން زَبَانِيَّ މަލާއިކަތަކަށް އަމުރުކުރައްވައިފިއްޔާއި، މުޅިދުނިޔެ ކުދިކުދިކޮށްލެއްވުމީ އެއްވެސް ބޮޑުކަމެއް ނޫނެވެ.
ދެންފަހެ ނަރަކައިގެއަޑުތަކާއި ގުގުންތަކާއި ބުރުވާއަލިފާންތަކާއި، ދުންތަކުގެ ގަދަކަމުން އެއަންނަފަރާތުގެ އުދަރެސް މުޅީން އަދިރިވެ ކަޅުވެދާހުށި. ދެން އެނަރަކަ އައިސް محشر ބިމާއި ހާސްއަހަރުގެ ރާސްތާއިން ކާފަރުންނާއި ފާފަވެރީންދެކެގެން زَبَانِيَّ މަލާއިކަތުންގެ އަތްޕުޅުން ވީއްލިގަނެގެން مَحْشَر ބިމަށް ދުވެ އަންނާންފަށައިފާހުއްޓެވެ.
ނިދާ އިއްވަވާހުއްޓެވެ. ނަރަކަ زَبَانِيَّ مَلاَئِكَة ންގެ އަތްޕުޅުން ވީއްލިގެން محشر އަށް އަންނަނީއެވެ. ދެން އެންމެންގެމައްޗަށް ބިރުބޮޑުވެ އެންމެން ކަކޫމައްޗަށް ތިރިވެދާހުއްޓެވެ. نبى ބޭކަލުންނަށް ދާނދެން އެހިނދުގައި ބިރުބޮޑުވެދާހުށި. إبْرَاهِيم وَمُوسَى وَعِيسَى މިބެއިކަލުން عَرْشى ގައި تعليق ވެގެންފާހުއްޓެވެ. إِبْرِاهِيم ގެފާނުން إِسْمَاعِيل ގެފާނު ހަނދުމަފުޅުނެތި مُوسَى ގެފާނުން هَارُون ގެފާނު ހަނދުމަފުޅު ނެތި عِيسَى ގެ ފާނުން مَرْيَم ގެފާނު ހަނދުމަފުޅު ނެތިދާހުއްޓެވެ. ކޮންމެބެއިކަލަކުމެ ވިދާޅުވާނޭ ބަސްފުޅަކީ، يَارَبِّ نَفْسِى نَفْسِي އެވެ. މިއީ އަހުރެންގެގާތުގައި އެންމެ صَحَّ ކަން ބޮޑުވެގެންވާ ބަހެވެ.
ސަލާމާއި صلوات ލެއްވި محمّد ގެފާނު ވިދާޅުވާހުށީ أمَّتِى أمَّتِى އެވެ. ހައްދަވައިބޮޑުކުރެއްވި ކަލާކޯއެވެ. އަޅުގެ أمّة މިންޖުކުރައްވައި ސަލާމާތް ކުރައްވާދޭވެއެވެ.
މިހިނދުގައި ދެކަކޫނުޖެހޭ ހަމައެކަކު محشر ބިންމަތީގައި ނުހުންނަހުއްޓެވެ. މިއީ މާތްރަސްކަލާނގެ وحى ކުރެއްވި މި آية ގައިވާ ފަދައިންނެވެ. وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا މި آيَة ގެ معنى އީ ކޮންމެ أمّة އެއްމެ ކަކޫމައްޗަށް ތިރިވެފައިތިއްބައި ކަލޭގެފާނަށް ފެންނާނެއެވެ. އެވަގުތުގައި ކޮންމެ أمّة އަކަށްމެ ގޮވޭހުށީ އެ أمّة އަކަށް ބާވައިލެއްވުނު ފޮތެއްގައިހުރި حكم ތަކާއި މެދުގައެވެ.
ފަހެ އެނަރަކަ ވީއްލިގެން އަންނަހިނދުގައި އަންނަހުށީ، ރުޅިގަދަވެ އަޑުތައް ގަދަވެގެންވާ حال އެއްގައެވެ. އެއީ މި آيَة ގައިވާ ފަދައިންނެވެ. إِذَا رَأَتْهُم مِّن مَّكَانٍ بَعِيدٍ سَمِعُوا لَهَا تَغَيُّظًا وَزَفِيرًا މި آية ގެ معنى އީ އެނަރަކަ ވަރަށް ދުރުން ކާފަރުންނާއި ފާފަވެރީން އެބިންމަތީގައިތިއްބައި ދެކެފިއްޔާއި އެމީހުނަށް އެނަރަކައިގެ ރުޅީގެ ގަދައަޑުތައް އިވިދާހުއްޓެވެ. އަދިވެސް މާތްރަސްކަލާގެ وحى ކުރައްވާފައިވެއެވެ. تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ. މި آية ގެ معنى އީ، އެނަރަކަ ރުޅިގަދަވެގެންގޮސް ފަޅަފަޅައިގެންދާން ކައިރިވެފައިވާނެއެވެ. އެއިގެތެރެއަށް ކޮންމެބަޔަކު އެއްލެވުނީމާ އޭގައި ތިއްބަވާ زَبَانِيَّ مَلاَئِكة ން ސުވާލުކުރައްވާނެތޭ. ތިޔަބައިމީހުންގެ ގާތަށް މީގެވާހަކައިން ބިރުވެރިކަމުގެ خبر ދޭނޭ نَذِير އަކު ނައުދޭހެއްޔެވެ.
ދެންފަހެ މިބުނި مقام ގައި އެނަރަކަ ވީއްލިގެން އަންނަނިކޮށް سَلاَم އާއި صَلَوَات ލެއްވި محمّد ގެފާނުން ކުއްލިއަކަށް ނުކުމެވަޑައިގެން އެއިގެ ލަގަނެއްގައި ހިއްޕަވައިފައި ވިދާޅުވާނެޔޭ. އިބަގެ فوج ތައް އިބަގެ ކައިރިއަށް އަތުވެއްޖެއުމަށްދާންދެން ފަހަތަށް ޖެހޭށެވެ. އެނަރަކަ ދަންނަވާނެޔޭ. ކަލޭގެފާނުން އަހުރެންނާއި ދުރަށް ޖެހިވަޑައިގަންނަވާށެވެ. އަހުރެންނަށް ތަންދެއްވައި މަގުދައްކަވާށެވެ. ކަލޭގެފާނުންވަނީ އަހުރެންގެ މައްޗަށް حرام ވެގެންނެވެ.
މިވަގުތުގައި عَرْشى ންނިދާ އިއްވަވާހުއްޓެވެ. އޭނަރަކައާއެވެ. އިބައެކަލޭގެފާނަށް އަހައި ކިޔަމަންތެރިވާށެވެ. ދެންފަހެ އެނަރަކަ ދަމައިގެންދަވައި عَرْشِى ގެ ވާތްކިބައިގައި ލަހައްޓަވައިފާހުއްޓެވެ.
މި خَبَر مَحْشر ބިންމަތީގައި ހިނގައި މީސްތަކުންގެ ބިރުވެރިކަން ކުޑަވެދާހުށި. މިއީވެސް މާތްރަސްކަލާނގެ وحى ކުރެއްވި وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ތިމަންސުވާމީންގެ عَالم ތަކަށް رَحْمَة އެއްކަމުގައި މެނުވީ ކަލޭގެފާނުން رَسُول ކަމާއިގެން ނުފޮނުއްވަމެވެ.
-ފަޟީޅަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން
Advertisement
12 ފެބްރުއަރީ 2024