އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަލާލުކަންތައްތަކާއި ޙަރާމްކަންތައްތަކުގެ ދެމެދުގައި އެއީ ކޮންކަހަލަ ކަންތައްތަކެއްކަން މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް ނޭނގޭ ކަންތައްތަކެއް ވެއެވެ!

ޙަލާލުކަންތައްތަކާއި ޙަރާމްކަންތައްތަކުގެ ދެމެދުގައި އެއީ ކޮންކަހަލަ ކަންތައްތަކެއްކަން މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް ނޭނގޭ ކަންތައްތަކެއް ވެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 23 ސިކުންތު

މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއް އެކަމެއްގެ ޙުކުމް އެމީހަކަށް ޔަޤީންނުވާ ކަންކަމާއި ދުރުހެލިވުމެވެ. ސަބަބަކީ ކަންކަމުގައި އެމީހަކު ބޭނުންވާ ގޮތަކަށް ފަތުވާތައް ނެރެމުންގޮސް ޙަރާމް ޙަލާލް މިވަނީ ގިނަ ބައަކަށް އޮޅިފައިކަމެވެ. 

މިޘާލަކަށް ބުނާނަމަ ފައުޅުކަންބޮޑު ގޮތެއްގައި ރިބާގެ ޙުކުމް މިހާރު މިވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައެވެ. އިންޓަރެސްޓާއިިސާވިސްޗާޖް ފަދަ ނަންނަމުގައި ރިބާހުއްދަކުރުމުން ފައިސާގެ ދަހިވެތިކަމުގައި މީސްތަކުން މިވަނީ ޣާފިލްވެފައެވެ. 

މީގެ އިތުރުން އެކަންކަމާއި ގާތްވުމުން ނުވަތަ އެކަންކަމަށް ޢަމަލުކުރުމުން ދީނާއި ދުރުހެލިވާނެ އެތައް ކަމެއް މިދަނީ ޢާންމުވަމުންނެވެ. އެކަމެއް ކުރުމުން ދީނާއި ދުރުހެލިވާނެ އެތައް ކަމެއް ގިނަ ބައަކަށް ދަނީ ކުރެވެމުންނެވެ. 

އަހުރެން ވިސްނާ ގޮތުން ކޮންމެހެން ހޭލައި ހުންނަން ޖެހިގެން ނޫނީ ރޭގަނޑު ނުނިދައި ހޭލައިތިބުމަކީވެސް ވިސްނާލަންޖެހިފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން ކުރިމަތިވަމުން އަންނަ މައްސަލަތައް ގިނަކަމުންނެވެ. އެގޮތަށް ހާލައި ތިބެގެން ގިނައިން ކުރެވެނީ މުސްލިމުން ކުރުން ހުއްދަ ނޫން ޢަމަލުތަކަށްވެފައި އެކަމުގެ ސަބަބުން ރޭއަޅުކަމަށާއި ވަކިން ޚާއްޞަކޮށް ފަތިސްނަމާދަށް ހުރަސްއެޅޭތީއެވެ. މީސްތަކުންގެ އަޚްލާޤަށް ނުބައި ބަދަލުތަކެއް އަންނަމުންދާތީއެވެ. 

މިފަދަ ގިނަ ސަބަބުތަކެއް ހުރުމުން މިބަޔާންކުރާ ޙަދީޘްފުޅަށް ޢަމަލުކުރަން ކޮންމެ މުސްލިމަކުވެސް ސަމާލުކަންދޭށެވެ.  

عَنْ أَبِي عَبْدِ اللهِ، النُّعْمَانِ بْنِ بَشِيرٍ رضي الله عنهما قَالَ: سَمِعْتُ رَسُولَ اللهِ صلى الله عليه وسلم يَقُولُ: «إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِن النَّاسِ. فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ.

وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ؛ كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ. أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللهِ مَحَارِمُهُ. أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ؛ أَلَا وَهِيَ الْقَلْبُ».

[رَوَاهُ الْبُخَارِيُّ وَمُسْلِمٌ] 

މާނައީ: އަބޫ ޢަބްދުﷲ، އައްނުޢުމާން ބުން ބަޝީރު رضي الله عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "ހަމަކަށަވަރުން ޙަލާލު ކަންތައްތައްވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމު ކަންތައްތައްވެސްވަނީ ބަޔާންވެގެންނެވެ. އަދި އެދެމެދުގައި (އެބަހީ: ޙަލާލުކަންތައްތަކާއި ޙަރާމްކަންތައްތަކުގެ ދެމެދުގައި) އެއީ ކޮންކަހަލަ ކަންތައްތަކެއްކަން މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް ނޭނގޭ ކަންތައްތަކެއް ވެއެވެ.

ފަހެ އެކަންކަމުން ރައްކާތެރިވެގެންފިމީހާ އެމީހާގެ ދީނާއި އަބުރު ރައްކާތެރިކޮށްފިއެވެ.

އަދި އެކަންކަމަށް އަރައިގެންފިމީހާ ޙަރާމްކަންތައްތަކަށް އަރައިގެންފިއެވެ. (އޭގެ މިސާލަކީ) ޙިމާޔަތް ކުރެވިފައިވާ އިމެއްގެ ވަށައިގެން، ބަކަރި ހުއިހައްޕާ މީހެއްގެ މިސާލެވެ. ފަހެ، އެ ބަކަރިތައް އެ ޙިމާޔަތް ކުރެވިފައިވާ އިމަށް ވަދެ، ހުއިކެއުން ގާތެވެ. 

ދަންނާށެވެ! ކޮންމެ ރަސްކަލަކަށްމެ ޙިމާޔަތްކުރެވިފައިވާ އިމެއް ވެއެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ލައްވާފައިވާ އިމަކީ، އެއިލާހު ޙަރާމް ކުރެއްވި ކަންކަމެވެ

އަދި ދަންނާށެވެ. ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިސްލާޙުވެއްޖެނަމަ، މުޅި ހަށިގަނޑު އިސްލާޙު ވެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެއެވެ. ދަންނާށެވެ. އެއީ ހިތެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް