އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު
ދިރިހުރިހާ ހިނދަކު އެމީހަކާއިއެކުގައި ވަޤުތުވެއެވެ. ނަމަވެސް ވަޤުތު އެއްވެސް މީހެއްގެ ފަހަތަކުން އާދޭސްކުރަމަކުން ނުހިނގާނެއެވެ. ވަޤުތުގެ ފަހަތުންދުވެ ކަންކަން ކުރުމަކީ މީސްތަކުން ކުރަންޖެހޭނެ ކަމެކެވެ. ބިރުވެތިވާންވީ ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެ އެންމެ މުހިންމު ވަޤުތަށެވެ. އެއީ ދުނިޔެ ދޫކޮށް ދުނިޔެއިން ނުކުންނަން ޖެހޭނެ ވަޤުތެވެ.
ބައެއް މީހުން ބުނަނީ ރަމަޟާން މަހުގައިވެސް އެމީހުންނަށް އަޅުކަން ނުކުރެވެނީ ވަޤުތު ނުލިބޭތީ ކަމަށެވެ. އެެހން ބުނާ މީހުން، އެމީހުން ކުރަން ބޭނުންވާ އެހެން ކަންކަން ކުރެއެވެ. ރޯދައަށް އެއްވެސް ފައިދާއެއް ނުކުރާނެ ގޮތަށް އެތައް ބައިވަރު ވަޤުތުތަކެއް ހޭދަކުރެއެވެ.
ޙަޔާތުން ފާއިތުވެގެންދާ އެންމެ ހިނދުކޮޅަކީވެސް އަނބުރައި ހޯދޭނެ އެއްޗެއް ނޫނެވެ. އެކަން ނުއެނގޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް ފަރުވާކުޑަކުރެވެނީއެވެ. އިހްމާލްވެވެނީއެވެ. ޢުމުރުގައި ގިނަ ދުވަސްތަކެއް އަދިވެސް ބާކީ ނުވަތަ އިތުރަށް އެބަ އޮތްކަމަށް ޤަބޫލުކުރެވެނީއެވެ. އަންނަ ރޯދަމަޙާއި ބައްދަލުވުމުން ގިނަ އަޅުކަން ކުރަން ވިސްނައި މިރަމަޟާން މަހު ކަންނެތްވެވެނީއެވެ. މިއީ ހެދޭ އެންމެ ބޮޑު އެއް ގޯހެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ގިނަ ބައަކު އިހްމާލުވާ 2 ނިޢުމަތް-
މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވޭ --- "2 ނިޢުމަތެއް ވެޔޭ އެ 2 ނިޢުމަތަކާއި މެދު ވަރަށް ގިނަ މީހުން ޣާފިލްވެފައިވާ 2 ނިޢުމަތެއް. އެއީ ޞިއްޙަތާއި ހުސް ވަޤުތެވެ."
އާދެ ޞިއްޙަތުގެ ނިޢުމަތަކީވެސް އޭނާއަށް ނޭންގިހުއްޓާ އޭނަ އަތުން ބީވެގެން ހިނގައިދާނެ ނިޢުމަތެއް. ހަމަ އެގޮތަށް ހުސްވަޤުތަކީވެސް. ހުސްވަޤުތު މިއަދު އަޅުގަނޑުމެންނަށް ލިބިފަ މާދަމާ އަޅުގަނޑުމެން އަތުގަ ހުސްވަޤުތެއް ނޯވެދާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާޔާ ކުއްތަންވާނެ ވަޤުތެއް ނޯވެދާނެ.
އަޅުގަނޑުމެންގެ މަރު އަޅުގަނޑުމެންނާ ބައްދަލުވާނީ ކޮންއިރަކު ކަމެއް ނޭންގޭނެ. އަދި ހުސްވަޤުތު އަޅުގަނޑުމެން އަތުން ނެތިގޮސް ބިޒީވެގެން ގޮސް ޙަޔަތުގެ ކަންކަމުގެ ތެރެއަށް އަޅުގަނޑުމެން ޣަރަޤުވެގެން ގޮއްސަ، އޭގެ އެންމެ ފުރިހަމަ ގޮތުގަ ކުއްތަންވާނެ ވަޤުތު ނުލިބި ހިނގައިދާނެ.
އާދެ މި ރަމަޟާން މަހުގަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކުރަމުން އައި ޝަކުވާ މިހާރަކު ނުވެއް ކުރެވޭނެ. އެއީ ވަގުތު ނުލިބޭތީ، ތަރާވީސް ނުކުރެވޭތީ ނުވަތަ ޤުރުއާން ކިޔަވަންވެސް ފުރުސަތު ނުލިބޭ ވާހަކަ ވަގުތު ނުލިބޭތީ.
ނަމަވެސްމިވަގުތުގަ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ހުސްވަގުތު ލިބިފަވަނީ. އެހެންކަމަށްވެއްޖެއްޔާމު މިވަގުތުގެ ބޭނުން ހިފަން އެބަޖެހޭ. ގައިގެ ބާރު ހުރި ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާޔަށް ކުއްތަންވެ އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާ އަދި ފުއްސަވާފަދަ ރޯދައެއް އަޅުގަނޑުމެން ހިފަން އެބަޖެހޭ. އަދި ރޭއަޅުކަމުގަ އަޅުގަނޑުމެން އެބަޖެހޭ ހިއްމަތް ކުރަން، ހިއްވަރު ކުރަން. ގައިގަ ވަރުހުރި ދުވަހު އެކަން ކުރެވޭނީ.
އެ ޞިއްޙަތު އަޅުގަނޑުމެން އަތުން ބީވެގެންދާ ދުވަހު އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން މަރުވާނެ އިރެއް ނޭންގެ. މަރުވާނެ އިރެއް ނޭންގެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތާ ބައްދަލު ކުރާނެ އިރެއް ނޭންގެ. އެހެންވެއްޖެއްޔާ މި ވަގުތުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފަމިވާ ޞިއްޙަތާއި ވަޤުތުގެ ބޭނުން އަޅުގަނޑުމެން ހިފަން އެބަޖެހޭ އެންމެ ފުރިހަމަ ގޮތުގައި.
- ޝައިޚް ޝަފީއު އަބްދުﷲ
Advertisement
3 އޭޕްރީލް 2024