އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އޮޅުވާލުމުގެ ތެރެއިން 2 އަނބިންނާ އިނދެގެން މީހެއްގެ ޙަޤީޤަތް ފަޅާޢަރައި އެއްފަހަރާ ދެއަނބިން ގެއްލުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އޮޅުވާލުމުގެ ތެރެއިން 2 އަނބިންނާ އިނދެގެން މީހެއްގެ ޙަޤީޤަތް ފަޅާޢަރައި އެއްފަހަރާ ދެއަނބިން ގެއްލުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 11 ސިކުންތު

ކޮންމެ މުސްލިމް ފިރިހެނަކަށްވެސް (ޝަރުޠު ހަމަވާނަމަ) 4 އަނބިން ހުއްދަ ނަމަވެސް އަދި އަނބިމީހާއަށް ސިއްރުން ކައިވެނިކޮށްގެން އިތުރު އަނބިން ގެންގުޅުމަކީ ދީނުގައި ޙަރާމްކަމަކަށް ނުވިނަމަވެސް އަނބިމީހާއަށް އޮޅުވާލުމުގެތެރެއިން ކައިވެނިކޮށްގެން އުޅޭނަމަ އެކަން ފަޅާއެރުމުން ލިބޭ ދެރަ ވަރަށް ބޮޑުކަން އެއީ ވަރަށް ގިނައިން ކުރަންޖެހޭ ތަޖުރިބާއެކެވެ. 

ތިރީގައި އެވަނީ ދޮށީ އަނބިމީހާއަށް ސިއްރުން ދެވަނަ ކައިވެނިކޮށްގެން އުޅުނު މީހަކުގެ ކަންކަން ފަޅައިއެރުމުން ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ! 

ހޮސްޕިޓަލަށް ވިހަން އެކުގައި ދެވުނު ދެ އަންހެނުންނެވެ. ލޭބަރރޫމް (ވިއްސާ ކޮޓަރި)ގައި ތިބެންޖެހުނީ ޖެހިގެންނެވެ. ވިހައިގެން ނުކުމެ ވޯޑުގައިވެސް ތިބެން ޖެހުނީ ޖެހިޖެހިގެންނެވެ. ދެ އަންހެނުންނަށް ލިބުނީ 2 ޖިންސުގެ 2 ކުދިންނެވެ. ފިރިހެން ދަރިފުޅު ލިބުނު މީހާ ބުނީ ފިރިހެން ދަރިއަކު ލިބުމުން ފިރިމީހާ ވަރަށް އުފާވާނެ ކަމަށެވެ. އަންހެން ދަރިފުޅު ލިބުނު މީހާ ބުނީ އޭނާގެ ފިރިމީހާ ބޭނުންވަނީ ކޮން ޖިނަސެއްގެ ކުއްޖަކުކަން ނުއެނގޭ ކަމަށެވެ. 

ކޮންމެ އަންހެނަކުވެސް ބުނީ ފިރިމީހާވީ ރާއްޖެއިން ބޭރުގައިކަމަށެވެ. ހޮސްޕިޓަލަށް ނާދެވެނީ ރާއްޖޭގައި ނެތުމުން ކަމަށެވެ. ހޮސްޕިޓަލުން ގެއަށްދާންޖެހުނު އިރުވެސް ދެމީހުންގެވެސް ފިރިމީހާއަކަށް ހޮސްޕިޓަލަކަށް ނުދެވެއެވެ. ރާއްޖޭގައި ނެތުމުންނެވެ. 

ދެ އަންހެނުން ވިހައިގަދަވެގެން 1 ދުވަސްފަހުން ހޮސްޕިޓަލުން ނުކުތީ 2 ރަޙްމަތްތެރިންގެ ގޮތުގައެވެ. ދުވަސްކޮޅެއް ފަހުން ދެއަންހެނުން ރާވާލާފައި ކޮފީއަކަށް ދިއައެވެ. ގޮސްތިބެގެން އެކަކު މެސެޖުކޮށްފައި ފިރިމީހާގެ ކިބައިން ކޮފީއަށް އައިސް ދިނުމަށް އެދުނެވެ. އިރުކޮޅަކުން ފިރިމީހާ އައުމުން މެސެޖްކުރި އަނހެން މީހާ އަނެއް އަންހެން މީހާއަށް ފިރިމީހާ ތަޢާރަފްކޮށްދިނެވެ. އަނެއް އަންހެން މީހާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ނަމަވެސް ގަދަކަމުން ހީނލާފައި މަޑުންއިނީއެވެ. އިތުރަށް ބަހެއް ނުބުނެއެވެ. 

ފިރިމީހާ ކުޑައިރުކޮޅަކު މަޑުކޮށްލާފައި މިވަގުތު ވަރަށް ބިޒީކަމަށް ބުނެފައި ދާން އުޅުމުން އަނބިމީހާ އެކަމަށް ހުރަސްއެޅިއެވެ. ބިޒީނަމަވެސް އިރުކޮޅަކު މަޑުކޮށްލަން ބުންޏެވެ. އެއީ ރަޙްމަތްތެރިޔާގެ ކުރިމަތީގައި އަގުހިފެހެއްޓުމުގެ ބޭނުމުގައެވެ. ފިރިމީހާ އޭނާ ގޮތަށް ކަންތައް ކުރާކަން ދައްކަން ބޭނުންވާތީއެވެ. ނަމަވެސް ފިރިމީހާ މަޖުބޫރުކަމަށް ބުނެފައި ދާން އުޅުމުން ދެވަނަ އަންހެން މީހާ އެދުނީ އޭނާއަކީވެސް ކާކުކަން ބުނެދީފައިދިއުމަށެވެ. އެހިސާބުން އަނެއް އަންހެންމީހާގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. ފިރިމީހާ އާއި އޭނާ އާއިދެމެދުގައިވެސް ގުޅުމެއް އޮނަނަކަން އެނގުނެވެ. 

ފިރިހެން މީހާ އަނގައިން ނުބުނުމުން އޭނާ (އެސްއެމް ނުކުރާ އަންހެންމީހާ) ވާހަކަދައްކަން ފެށިއެވެ. "އެއްވެސް ކަމެއް އަބަދަކު ސިއްރުކޮށްފައެއް ނުބޭއްވޭނެއެވެ. އަހަރެމެން ދެއަންހެނުން ބައްދަލުވީ ވިހޭދުވަހު ހޮސްޕިޓަލުންނެވެ. އަހަރެމެން ފިރިމީހާ އަކީ ކާކުތޯކަމާއިމެދަކު ސުވާލެއް ނުކުރަމެވެ. ނަމަވެސް ދެމީހުންގެވެސް ފިރިއަކީ ކާކުކަން އެނގެން ﷲ މިންވަރުކުރެއްވުމުން މިވަނީ އެނގިފައެވެ. ހަމަގައިމުވެސް އަހަރެމެން ދެމީހުން ކައިވެނިކުރީ އަލަށެވެ. އެކުވެރިޔާ ވާނީ ދެވަނަ އަނބިމީހާއަށެވެ. އަހަރެން މިވިހެއީ ދެވަނަ ދަރިފުޅެވެ. އެކުވެރިޔާ ވިހެއީ އަލަށެވެ. 

އަހަރެމެން ދެއަނެހެނުންގެ މެދަކު އެއްވެސް ހަސަދަވެރިކަމެއް ނެތެވެ. ހަމަގައިމުވެސް އަހަރެންގެ ހިތަކު އެއްވެސް ހަސަދަވެރިކަމެއް ނެތެވެ. އޮތީ އެންމެ މައްސަލައެކެވެ. އަހަރެންނާއި ދެދަރިންނަށް ކުރަންޖެހޭ އަސާސީ ޚަރަދުވެސް ކަލެއަށް ނުކުރެވޭކަމެވެ. އެހެން އެވަނީ ދެއަނބިންނަށް ޚަރަދުކުރަންޖެހޭތީކަމަށްވެދާނެއެވެ. ވީމާ އަހަރެން ދޫކޮށްލާށެވެ! ދެމަފިރިން ލޯބިން އެކުގައި އުޅެވޭތޯ ބަލާށެވެ. އަހަރެމެން ދެމީހުންގެ އެކުވެރިކަންވެސް ހަމަ ދެމިއޮންނާނެއެވެ. ބާއްވަންވެސް ބޭނުމެވެ." 

އަނެއް އަންހެން މީހާ ބުންޏެވެ. "އެއީ ތެދެކެވެ. އަހަރެމެން ދެއަންހެނުންގެ ގާތްކަން ހަމަ އޮތްގޮތަށް އޮންނާނެއެވެ. ތިއަފަދަ މަކަރުވެރި ޙީލަތްތެރިއަކާއިއެކު އަހަރެންވެސް ދިރިއުޅޭކަށް ބޭނުމެއް ނޫނެވެ. މާދަމާ ދޭނީ ކޮންފަދަ ބޮޑު ލަނޑެއް ކަމެއްވެސް ނުއެނގޭނެއެވެ." 

އޭނާއަށް ދެއަނބިންވެސް ގެއްލުނީއެވެ. އޮޅުވާލައި މަކަރުހަދައިގެން ދެމީހުން އެކުގައި ގެންގުޅެވުނީ ދާދި މަދު ދުވަސްކޮޅަކުއެވެ. އެންމެ ދެއަހަރެއްހައި ދުވަހުއެވެ. 

މިއީ އަޅުގަނޑުގެ އެކުވެރި އަންހެނަކަށް މީގެ 6 އަކަ އަހަރުކުރިން ދިމާވިކަމެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރީ އަޅުގަނޑުގެ އެކުވެރިއަކު ވަރަށް ޝަކުވާކުރާތީއެވެ. ދެއަންތބަށް ކައިވެނިކުރާނަމަ ދޮށީއަނބިމީހާގެ އިޒުނަ ހޯދަންޖެހޭތީ ނުވަތަ ދޮށީ އަނބިމީހާއަށް ސިއްރުން ދެއަންތބަށް ކައިވެނި ނުކުރެވޭ ގޮތަށް މިހާރު ޤަވާއިދު ބަދަލުކޮށްފައި އޮންނަކަމަށް ބުނެއެވެ. 

އަޅުގަނޑަށް ފެންނަ ގޮތުގައި ހަމައެކަނި އިޒުނަހޯދަންޖެހެންވީއެއްވެސް ނޫނެވެ. ފޮޓޯޖަހައި އިއުލާނުވެސްކުރަންވީއެވެ. ނޫނީ އަންހެނަކު ލިބިއްޖެނަމަ 2 ވަނަ އަނބީގެ ނަމުގައި 4 އަންތބަށް ވެސް ކައިވެނިކުރާނެތީއެވެ. 

މީނާ ދެ އަނބިން ވިހަންވާއިރަށް އޮފީސްދަތުރެއްގައި ދާންޖެހިގެން ކަމަށްބުނެ ފުރައިގެންދިއައީވެސް ވިހާނީ އެކުއެކުގައިކަން އެނގޭތީއެވެ. ހީކުރީ ހޮސްޕޓަލަށް ނުދިއައިމަ ހުރިހާ ކަމެއް ސިއްރުވާނެ ކަމަށެވެ. މަކަރުވެރިންނަށް އެމީހުން ބެދޭނެ މަޅި ނުފެންނާނެކަމަށް ބުނެވެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

- އިރާޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް