އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުތަކުން އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރައީސް ޑރ.މުޢިއްޒު އިލްތިމާސްކުރައްވައިފި

ސަރުކާރުތަކުން އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރައީސް ޑރ.މުޢިއްޒު އިލްތިމާސްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމުކޮށްގެން ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިޔަށްގެންދިޔަ "ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓަރ ފައިނޭންސިންގ ފޮރ ކްލައިމެޓް ރިޒިލިއެންސް" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިޤްތިޞާދު ސިންދަފާތުކުރެވޭނީ ވިޔަފާރީގެ ޢާންމު އުސޫލުތައް އަލުން މުރާޖަޢާކޮށްގެންނެވެ. އަދި މިކަމަށްޓަކައި ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަމިއްލަ ވިޔަފާރީގެ ދާއިރާއިން ތަރައްޤީއަށް އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ތަޖުރިބާއާ، އީޖާދީ ވިސްނުމާއި ގާބިލުކަމުގެ ގޮތުން ގެނެސްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އިޤްތިޞާދު ސިންދަފާތު ކުރުމާ ދިމާލަށް ދިވެހިރާއްޖެއިން ވަނީ މިސްރާބު ޖަހާފައިކަން ހާމަކުރެއްވިއެވެ. މިގޮތުން، އިންވެސްޓްމަންޓުގެ ގޮތުގައި އެއަރޕޯޓުތައް ފަދަ ބިނާރުތަކާއި ޞިއްޙީ ވަޞީލަތްތަކާއި މުވާސަލާތާއި ރިއަލް އެސްޓޭޓާއި ޓްރާންސް ޝިޕްމަންޓް ބަނދަރުތަކަކީ މިކަމުގެ ނާރެސް އަދި އިޤްތިޞާދީ ކުރިއެރުމާއި މީހުން ކުރިއަރައި ދިއުމަށް ބޭނުންވާނެ ވަޞީލަތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރަސްމާލެ ތަރައްޤީ ކުރެވިގެންދާނީ ޒަމާނީ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި މާހައުލެއްގެ ގޮތުގައެވެ. އެގޮތުން ރަސްމާލެއާއެކު ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަމާޒު ހިފާފައިވާއިރު، އިޤްތިޞާދީ ތަނަވަސްކަމަށް ދޮރުތައް ހުޅުވި، ތަނަވަސްކަމާއިއެކު ތަރައްޤީގެ ފޮނިމީރުކަން އެންމެން ޝާމިލުވާހެން ލިބި، ދިރިއުޅުމުގެ ފަސޭހަތަކަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ،

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، ކާނާގެ ޔަޤީންކަން ބޮޑުކުރުމަށްޓަކައި ދިވެހިރާއްޖެއިން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތުތައް ހޯދަމުންކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދަނޑުވެރިކަމުގެ ސިނާޢީ ޕާކެއް ރާއްޖޭގައި ޤާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިޢުލާނުކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ސިޑްސްގެ ޤައުމުތަކުގެ ތަރައްޤީގެ ދަތުރުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބައިވެރިވެ، ވަކިވަކި ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ތަރައްޤީގެ ހުރަސްތަކަށް އެދެވޭ ހައްލުތަކެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު