އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު
ރަނގަޅު މީހުން މަދުވެ ނުބައި މީހުން ގިނަވެއްޖެއެވެ. އުފާވެރި މާޙައުލެއްގައި ދިރިއުޅެވޭ ގެތައް މަދުވެ މައްސަލަ ފުންޏަކަށްވެފައިވާ ގެތައް ގިނަވެއްޖެއެވެ. ގިނަ ޢާއިލާތަކުގައި އެންމެ ބޮޑު މައްސަލައަކަށްވަނީ މާލީ ދަތިކަމެއް ނޫނެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ވަފާތެރިކަން ނެތިގެން ހަނގުރާމަކޮށް ތަޅާފޮޅަންވެސް ޖެހުމެވެ.
އެކަންކަމުގެ އަސަރު ގޭގެ ކުދިންނަށް އިންތިހާއަށް ކުރެއެވެ. ގޮތްހުސްވާވަރަށެވެ. މިކަންކަމަށް ބަލައިފިނަމަ ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ.
ކައިވެންޏަށް 26 އަހަރުގައި އަޅުގަނޑުގެ އަނބިމީހާ ނިޔާވީ މީގެ 2 އަހަރުކުރިންނެވެ. އެއިރު ދޮށީ ދަރިފުޅުގެ އުމުރަކީ 22 އަހަރެވެ. ހަގަށް 5 ކުދިންނާއިއެކު ޖުމުލަ 6 ކުދިން ތިއްބެވެ. ހުރިހާ ކުދިން ގޮވައިގެން އަޅުގަނޑު ދިރިއުޅުނީ ވަރަށް ދަތިގޮތަކަށެވެ. އެއީ އަތުގައި ފައިސާ ނެތިގެނެއް ނޫނެވެ. ދިރިއުޅެން މަސައްކަތްކުރަމުން ދަރިންގެ ކަންކަން ބަލަހައްޓަން ޖެހުމުންނެވެ.
އަޅުގަނޑުގެ އެންމެ ދޮށްޓަށް ހުރީ އަންހެންދަރިއެކެވެ. އޭނާއާއިއެކު ސްކޫލްއިރުންސުރެ ގެއަށް އައިސް ގޭކުދިން ގޮތަށް 2 ކުއްޖަކު އުޅުނެވެ. އަނބިމީހާ ނިޔާވުމުން އެތަނުން އެއް ކުއްޖަކު ކުރިއަށްވުރެ ގިނައިން ގެއަށް އަންނަންފެށިއެވެ. ދަރިންގެ ކަންކަމުގައި ދޮށީދަރިފުޅަށް އެހީތެރިވެދީ އަދި ކައްކައިދީވެސް އުޅެން ފެށިއެވެ.
އެކުއްޖާ އެގޮތަށް އުޅޭތީ އަޅުގަނޑުވެސް އޭނާއަށް ހެޔޮކޮށް ހިތަމެވެ. ދޭތެރެ ދޭތެރެއިން އެހީވެސް ވަމެވެ. އެހެން އުޅެމުން އައިސް އަނބިމީހާ ނިޔާވިތާ އަހަރުދުވަސްފަހުން އެދުނީ އަޅުގަނޑާއި ކައިވެނިކުރާށެވެ. އޭނާގެ އުމުރަށް ބަލާއިރު އެއީ ކުރެވެން އޮތް ކަމެއް ނޫނެވެ. އަޅުގަނޑުގެ ދޮށީ އަންހެން ދަރިފުޅަށްވުރެ އޭނާ ދޮށީ އެންމެ 2 މަސްދުވަހެވެ. ވީމާ ދަރިއެއްހައި ހަގު ކުއްޖަކަށްވާތީއެވެ.
އޭނާ އަޅުގަނޑަށް މެސެޖްކުރުމުން ޖަވާބުގައި ބުނީމެވެ. "ތިއައީ ވަރަށް ރަނގަޅު ކުއްޖެކެވެ. ނަމަވެސް އުމުރަށް ބަލައިފިނަމަ ތިއައީ ދަރިފުޅާއި އެއް އުމުރުގެ ކުއްޖެއް ވީމާ ކައިވެނިކޮށްގެން ޖެހޭނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ. ދުވަސްކޮޅެއްވާއިރަށް ހަގު، އެއް އުމުރުގެ މީހަކާއި ގުޅެން ބޭނުންވާނެއެވެ. އެއިރުން ޖެހޭނީ ވަކިވާށެވެ. އެއިރުން ގެއަކަށް ނާދެވޭނެއެވެ. މިހާރު އޮތް ގުޅުންވެސް ކެނޑޭނެއެވެ. ވީމާ އިތުރަށް ވިސްނައިލާށެވެ. ވީމާ ބޭބެ، ބޭބެގެ މަޤާމުގައި ބެހެއްޓުން މާރަނގަޅުވާނެއެވެ."
ޖަވާބުގައި އޭނާ ބުނީ އޭނާގެ 3 ދައްތަ ތިބޭކަމަށާއި 3 ދައްތަވެސް ލޯބިވެގެން އުޅެފަ ކައިވެނިކުރުމަށްފަހު ޒުވާބުކުރުމާ ތަޅާފޮޅުން ނޫން ކަމެއް ނުކުރާކަމަށެވެ. އަބަދުވެސް ޒުވާބުކުރާއަޑު އިވޭނީ ޅިޔަނަކު ކޮންމެވެސް ހިލޭ އަންހެނެއްގެ ގާތަށް ގޮސްގެން ފަދަ ކަމެއްގައެވެ. އަދި އަހަރެމެން ދެމަފިރިން ދިރިއުޅުނު ރީތި ގޮތް ވަރަށް ކުޑައިރުންސުރެ ފެނިފައިވާ ކަމަށާއި އޭނާ ބޭނުންވަނީ އެފަދަ ލޯބި، ރީތި ދިރިއުޅުމެއް ކަމަށެވެ. ޢުމުރަށް ބަލަން ބޭނުން ނޫން ކަމަށެވެ. ދަރިން ތިބީތީވެސް ވިސްނަން ބޭނުން ނޫން ކަމަށެވެ. އަޅުގަނޑުގެ ދޮށީދަރިފުޅާއި ގުޅިގެން ހަގަށް ތިބިކުދިން ބަލާނެ ކަމަށެވެ. އެކުދިން ދެކެ މިހާރުވެސް ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ.
އަޅުގަނޑު ބުނީ ދައްތަމެންނާއި އެމީހުންގެ ފިރިންނާއި އެޖެހޭފަދަ މައްސަލަތައް ނުޖެހޭނެ ވަރަށް އިތުބާރުކުރެވޭ ޒުވާން، ތަޤްވާވެރިކުއްޖަކު ހޯދައިދީފާނެ ކަމަށެވެ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިދީގެން އެކުއްޖާ އެކަން ޤަބޫލުކުރުމުން މިހާރު އެވަނީ ދެކުދިންގެ ކައިވެނި ކުރެވިފައެވެ. އަދި މިހައިތަނަށް އެއްވެސް މައްސަލައެއް ޖެހުނު ކަމެއް ނުއެނގެއެވެ. އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ ބުނަންވެސް އޮންނާނީ އެދިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިގެނެސްދެނީ ވަރަށް ބޮޑު ބޭނުމެއްގައެވެ. ފިރިހެނަކަށްވެ ހުރެ ފިރިހެނުންނަށް ނަޞޭޙަތްތެރިވުމަށެވެ. ގިނަ ފިރިހެނުންގެ ޢަމަލުތައް ހުރިގޮތުން މިއަދު ރަނގަޅު އަންހެން ކުދިން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެހެންވެ ޢުމުރަކަށްވެސް ބަލާކަށް ބޭނުމެއް ނުވެއެވެ. މާބޮޑު ތަނަވަސްކަމެއް ނުތަސް އެކުދިން ގޮވައިގެން އުޅެލެވޭވަރުގެ ތަނަވަސްކަމެއް ހުރެފައި އޭނާއަކީ ވަފާތެރި، އަޅައިލާ މީހަކުނަމަ ޢުމުރަށް ބެލުމެއް ނެތި އެކުދިން އެތިބީ ކައިވެނިކުރަން ތައްޔާރަށެވެ.
ވީމާ މިއީ ފިރިހެނުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އެއްވެސް ޙާލެއްގައި މިއީ ކޮންމެހެން ހުރިހާ ފިރިހެނުން ކުށްވެރިކުރުމެއް ނޫނެވެ. މިނަޞޭޙަތް މިދެނީ މަގުން ކައްސާލާފައިވާ ފިރިހެނުންނަށެވެ. މިކިޔައިދިން ވާހަކައަށް ވިސްނައިލުމުން އެކަން އެނގޭނެއެވެ.
- ޖަވާދު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
22 ޖޫން 2024