އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް ވައުދެއް ހަނދާން ނަތައެއް ނުލާނަން: ރައީސް ޞާލިޙް

އެއްވެސް ވައުދެއް ހަނދާން ނަތައެއް ނުލާނަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

"ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން، އަމާން ވެށްޓެއް ޤާއިމުކުރުމަށް، ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް، ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ މައްޗަށް ކަމަށާއި މީގެތެރެއިން އެއްވެސް ވަޢުދަކީ އެމަނިކުފާނު ހަނދުމަފުޅު ނައްތަވައިލައްވާނެ ވަޢުދެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުން:

ދާދި ދެންމެއަކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީހުރެ މާތް ﷲ ގަންދީ އަޅުގަނޑު މި ކުރީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ. އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމުގެ ހުވާ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއެކު އަދާކުރުމަށް ކުރި ހުވާ.

މިއަދު އެންމެ ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށް މި އަރުވަނީ، ﷲގެ ވާގިފުޅާއެކު އަޅުގަނޑު މި ކުރި ހުވަޔާ އެއްގޮތަށް ޢަމަލުކުރުންމަތީ ދެމިހުންނާނެ ކަމުގެ ޔަޤީންކަން.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ދިވެހިރާއްޖޭގެ ވޯޓުލީ އާބާދީގެ 58.4 އިންސައްތަ އަޅުގަނޑަށް ތާއީދުކޮށް ވޯޓު ދެއްވި. އަދި އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓަށް 41.6 އިންސައްތަ ވޯޓް ދެއްވި. ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެދުވަހު ވޯޓު ދެއްވީ، އެ ރައްޔިތަކު ދެކޭގޮތުގައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެނުނުގޮތަށް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މިއަރުވަނީ، އެދުވަހު ތިޔަބޭފުޅުން އިޚްތިޔާރުކުރެއްވި ގޮތަކަށް ބެލުމެއްނެތި، ތިޔަ ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ.

ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނުއަސާސީއެއްގެ ހިޔަލުގައި ދިވެހި ދައުލަތުގެ ކަންކަން ހިންގަން ފެށުނީ، ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކަކާއެކު. އެ ޤާނޫނުއަސާސީއަކީ ދިވެހި ރައްޔިތުންނަށް ކުރިން ލިބިފައި ނުވާ އެތަކެއް ޙައްޤުތަކެއް ކަށަވަރުކޮށްދިން ޤާނޫނުއަސާސީ. ތިންބާރު ވަކިވެފައިވާ، ދައުލަތް ހިންގުމުގެ ނިޒާމެއް ދިވެހީންނަށް ގެނެސްދިން ޤާނޫނުއަސާސީ. ހިތާމައަކީ، އާ ޤާނޫނުއަސާސީއެއް ލިބިގަނެ އަޅުގަނޑުމެން ކުރި އުއްމީދުތައް މިއަދު ވިއްސިވިހާލި ވެފައިވާކަން. އެ ޤާނޫނުއަސާސީ ގެނެސްދިން ނިޒާމު ޚަރާބުވެފައިވާކަން. މިއަދު އަޅުގަނޑު ކުރަން މި ފަށާ މަސައްކަތަކީ، ދިވެހި ދައުލަތުގެ އެންމެހައި ކަންތައްތައް، ޤާނޫނުއަސާސީގެ އިމުގެތެރެއަށް ގެނެސް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކޮށްދިނުމުގެ މަސައްކަތް. މާތް ﷲގެ ވާގިފުޅާއެކު، މި ފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ، ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެންދާ މަންޒަރު. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެންދާ މަންޒަރު.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް