އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް މޫސާ ޒަމީރު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ސަޢުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުން އޮންނާނީ މި އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ މޫސާ ޒަމީރު ތަޤްރީރުކުރައްވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ. މިތަޤްރީރުގައި ފަލަސްތީނުގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި އިރާނުގައި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލަ ކުށްވެރިކުރައްވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތައް ހުރިހާ ޤައުމުތަކަށް ހަމަހަމަކަމާއެކު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާނެ ކަމަށްވެސް ލަފާކުރެވެއެވެ. އަދި ދިވެހިރާއްޖެއިން ފަލަސްތީނުގެ ޙައްޤުގައި ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް އަރުވާނެއެވެ.
މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި އިރާނުގައި އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ފަލަސްތީނާއި އިރާނުން ހުށަހެޅި ދަޢުވަތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ.ގެ ހުރިހާ މެންބަރު ޤައުމުތަކުގެ ބައިވެރިވުން ހިމެނޭނެއެވެ.
Advertisement
7 އޮގަސްޓް 2024