އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
ދުނިޔޭގެ ދިރިއުޅުމުގެ ޙަޤީޤަތާއިމެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ! ކޮންމެ މީހަކުވެސް ދުނިޔެއަށް އަންނަނީ ހުސްއަތާއެވެ. ގައިގައި ބާރުޖެހުމުން ދުނިޔެއިން ޙާޞިލުކުރަން ބޭނުންނުވާ އެއްވެސްކަމެއް ނުއޮވެއެވެ. އެހުރިހާ ކަންކަން ޙާޞިލުކުރަން ތެޅިފޮޅެމުން ދަނިކޮށް މަރު އައިސް ބައްދަލުކުރުމުން ދުނިޔެ ދޫކޮށް ދުނިޔެއާއި ވަކިވާންޖެހެނީ ހަމަ ހުސްއަތާއެވެ. ޙާޞިލުކުރެވުނު މަދުއެތިކޮޅުވެސް ދޫކޮށްލައިފައެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުންތައްވެސް ދުނިޔެ ދޫކޮށްފައި ނުކުމެގެންދަނީ އެމީހުންގެ އެ ބޮޑު ތަނަވަސްކަމާއި ޢިމާރާތްތަކާއި ބިންތަކާއި އަދި އެހެންވެސް ތަކެތި ދޫކޮށްލައިފައެވެ. ހަމަ ހުސްއަތާއެވެ.
އެއިގެ ބަދަލުގައި އެއްއިރު ކައިގެން އަށްޓެއްގެ މަތީގައި ކުނާޢަޅައިގެން ނިދާ ފަޤީރުންގެ ތެރެއިން ދުނިޔޭގައި ހުރެ ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރި ކޮންމެ މީހަކުވެސް ދުނިޔެއިން ނުކުމެގެންގޮސް ވަންނަނީ އުފަލާއި ހިތްހަމަޖެހުންތަކުން ފުރިގެންވާ ސުވަރުގޭގެ ބަގީޗާއަކަށެވެ. މިބުނަނީ އޭނާގެ ކައްވަޅުގެ ވާހަކައެވެ. އާޚިރަތް ދުވަހުން އޭނާ ވަންނާނީ ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއަށެވެ. އޭނާގެ ދާއިމީ މަންޒިލަކީ އެއީއެވެ. އިން ޝާ ﷲ
ކިތަންމެ އާދައިގެ ފެންވަރެއްގައިނަމަވެސް ދުނިޔޭގެ ކުރު ޙަޔާތް ވޭތިކޮށްލަން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ދުނިޔޭގައި އުޅެންޖެހުނީ ކިތަންމެ ބޮޑު ފަޤީރެއްގެ ގޮތުގައިކަމަށްވުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ގަދައަޅައި މަސައްކަތްކުރަންވީ ކައްވަޅާއި އާޚިރަތް ކާމިޔާބުކުރުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ދުނިޔޭގެ މިޙަޤީޤަތް ޤަބޫލުކުރަން އެނގުނު މީހަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
5 ސެޕްޓެމްބަރ 2024