އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބީގަ ތެދުވެރިނުވުމުން މަލްޓިމިލިއަނަރަކަށްވުމުގެ ފުރުޞަތު ގެއްލުނު ޒުވާނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ލޯބީގަ ތެދުވެރިނުވުމުން މަލްޓިމިލިއަނަރަކަށްވުމުގެ ފުރުޞަތު ގެއްލުނު ޒުވާނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 14 ސިކުންތު

އެއީ ބިލިއަނަރެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަންހެން ދަރިއެކެވެ. ހިތާމައަކީ ލޯފަން ކުއްޖެއްކަމެވެ. ލޯފަންކުއްޖެއްކަމަކު ކިޔަވައި މޮޅު ކުއްޖަކަށްވިއެވެ. ލޮލަށް ނުފެނުނު ނަމަވެސް ބައްޕަގެ ވިޔަފާރިތައް ހިންގައިލެވޭވަރަށް ހުނަރުވެރިކަންވެސް ހޯދިއެވެ. 

އުމުރުން 25 އަހަރުވުމުން ބައްޕަ އެދުނީ ބައްޕައާއި ވަކިން ގެއެއްގައި ދިރިއުޅުމަށެވެ. އެއީ ކައިވެނިކޮށްގެން އަމިއްލައަށް ދިރިއުޅެން ދަސްކުރުމަށެވެ. އެހެންވެ ނޯކަރުންވެސް ލައިދީފައި ދިރިއުޅޭނެ ވަކިގެއެއް ދިނެވެ. އެގޭގައި އުޅެނީ ނޯކަރުންގެ އިތުރުން ދަރިފުޅާއި ދަރިފުޅުގެ އެންމެ ގާތް އެކުވެރި އަންހެން ކުއްޖެކެވެ. 

ދަރިފުޅު ލޯބިވެރިއަކު ހޯދިއެވެ. ކައިވެނިކުރަން ދިއައީ ތައްޔާރުވަމުންނެވެ. ކައިވެނިކުރުމުން ފިރިމީހާ އާއި ދެމީހުން ވިޔަފާރިކުރާނެ މަލްޓިމިލިއަން ޑޮލަރުގެ ކުންފުންޏެއް ބައްޕަ އުފައްދައި ދެމީހުންނަށް ހަދިޔާކުރިއެވެ. ބުނެފައި އޮތީ ކުންފުނި ރަޖިސްޓްރީކުރިނަމަވެސް ހިންގަން ފެށޭނީ ކައިވެނިކޮށް ހަނީމޫނަށްފަހުގައި ކަމަށެވެ. އެކަން އެނގުނީންސުރެ ލޯބިވެރިޔާގެ ކަމަކަށް އޮންނަނީ ކުންފުނި ހިންގާނެ ގޮތުގެ މަޝްވަރާތައް ކުރުމެވެ. 

އާދައިގެމަތިން ޑޮކްޓަރަށް ލޯ ދައްކައިލަން ދިއަ ދުވަހަކު ބަލާފައި ޑޮކްޓަރު ބުނީ މިހާރު ފެންނަ ފެނުމަށް ބަލާއިރު އެންމެ ފަހުގެ އީޖާބީ އޮޕަރޭޝަން ކޮށްފިނަމަ ލޮލަށް ފެނުމުގެ އުންމީދު އެބައޮތް ކަމަށާއި ނަމަވެސް އެ އޮޕަރޭޝަން އަދި ކުރެވޭނީ ހަމައެކަނި އެމެރިކާއިން ކަމަށެވެ. ކަންކަން ރަނގަޅަށް ހިނގައްޖެނަމަ ހަފްތާއެއްހައި ދުވަސްތެރޭގައި އެނބުރި އައުދެވޭނެ ކަމަށެވެ. 

އޭނާ ލޯބިވެރިޔާ އާއި އެންމެ ގާތް އެކުވެރިޔާގެ ގާތުގައި ބުނީ ބައްޕައާއިއެކު ވިޔަފާރި ދަތުރެއްގައި ފުރަންޖެހިއްޖެ ކަމަށާއި ދަތުރުގައި 3 ހަފްތާވަރު ހޭދަކުރަންޖެހޭނެ ކަމަށެވެ. އެހެން ބުނެފައި ފުރައިގެންގޮސް ކުރި އޮޕަރޭޝަން ކާމިޔާބުވިއެވެ. ލޮލަށް ފެނުން ލިބުނެވެ. 

އެނބުރިއައިސް ގެއަށް ދެވުނީ ދަންވަރު 1 ޖަހާއެހާކަންހާއިރުއެވެ. ގެއަށްވަދެ އޭނާ ނިދާ ކޮޓަރި ހުޅުވައިލުމުން ފެނުނީ ހީވެސް ނުކުރެވޭފަދަ މަންޒަރެކެވެ. އެންމެގާތް އެކުވެރިޔާ އާއި ލޯބިވެރިޔާ އާއި ދެމީހުން އެނދުގައި ލޯބިކޮށް ގުޅުން ހިންގަނީއެވެ. އެމަންޒަރު ފެނުމުން ވަރަށް ދެރަވި ނަމަވެސް އެކަން ނުއަންގައި އޭނާ ހެދުނީ ލޮލަށް ނުފެންނަ ކަމަށެވެ. އެދެމީހުންވެސް ސިއްރުސިއްރުން ކޮޓަރިން ނުކުމެގެން ދިއައީއެވެ. 

އަނެއް ދުވަހު އެންމެގާތް އެކުވެރިޔާ ކައިވެންޏަށްޓަކައި އޭނާ ޒީނަތްތެރިކޮށް ކައިވެނީގެ ރަސްމިއްޔާތު 3 މީހުން ތިބެގެން ކުރިއަށް ގެންދަން އުޅުނެވެ. މޭޒުދޮށުގައި އިށީނދެ ކައިވެންޏަށްޓަކައި ގަނެފައިވާ އަގުބޮޑު އަނގޮޓި އަޅުވައި ހެދުމުން އޭނާ ލޯބިވެރިޔާގެ ކިބައިން އެދުނީ އޭނާއަށް ދީފައި އޮތް އަގުބޮޑު އަތުކުރި ގަޑިއާއި ކޭޝްކާޑު މޭޒުމަތީގައި ބޭއްވުމަށެވެ. އެންމެ ގާތް އެކުވެރިޔާގެ ކިބައިންވެސް އެދުނީ އޭނާއަށް ދީފައި ހުރި އަގުބޮޑު ގަހަނާތަކާއި ކޭޝްކާޑު މޭޒުމަތީގައި ބޭއްވުމަށެވެ. އެއީ ކީއްކުރަންތޯ އެންމެގާތް އެކުވެރިޔާ ސުވާލުކުރުމުން ބުނީ އެތަކެއްޗަށްވުރެ މާއަގު ބޮޑު ހަދިޔާތަކެއް ދޭންވެގެން ކަމަށެވެ. 

އެއެއްޗެތި މޭޒުމަތީގައި ބަހައްޓައި ނިމުމުން ގޭގެ ނޯކަރުން އެތަނަށް ގެނުވައި އޭނާއަށް ހިމާޔަތް ލިބޭނެ ގޮތް ހަމަޖައްސާފައި ބުންޏެވެ. "ކަލޭމެން ދެމީހުންނަށް ދޭން އޮތް އަގުބޮޑު ހަދިޔާއަކީ ވަރަށް ބޮޑު ޝުކުރިއްޔާއެކެވެ. އެއީ އަހަރެން ކަލޭމެން ދެމީހުންނަށް އިތުބާރުކޮށް ހިތްފުރޭވަރަށް އެއްޗެތިދީ ބޭނުންވަރަކަށް ބޭނުންކުރަން ކޭޝްކާޑުދީ ހެދުމުން ދެމީހުން އަހަރެންނަށް ކޮށްދިން ހެޔޮ ކަންތަކަށެވެ. އެ ހެޔޮކަމަކީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި އަހަރެން މިހުރިހާ ދުވަހު ބަހައްޓައި ދެމީހުން ލޯބިވެގެން އުޅުމެވެ. އަހަރެންނަށް ބޭވަފާތިވެ އަނިޔާވެރިވުމެވެ. އެމަންޒަރު ރޭގައިވަނީ ވަރަށް ރީތިކޮށް ފެނިފައެވެ. 

ބުނަންހެއްޔެވެ؟ އަހަރެންގެ ލޮލަށް މިހާރު ފެނެއެވެ. ބައްޕައާއެކު ދިއައީ ވިޔަފާރިދަތުރަކު ނޫނެވެ. ލޯއޮޕަރޭޝަންކުރާށެވެ! އޮޕަރޭޝަން ކާމިޔާބެވެ! ދަތުރުން އެނބުރި އައިސް ކޮޓަރިއަށް ވަންއިރު ދެމީހުން ކުރަން ތިބި ކަންކަން ވަނީ ވަރަށް ރީތިކޮށް ފެނިފައެވެ. މިވަގުތާއި ހަމައަށް ކެތްތެރިވީ އިންތިޒާމެއްގެ ތެރެއިން ކަންކަން ނިންމައިލުމަށެވެ. ކަލޭމެން މިހައިތަނަށް ބޭނުންކުރި ފައިސާތައް އަނބުރައި ނުލިބުނަސް އަތުލެވެން ހުރި އެއްޗެތި އަތުލަންވެގެންނެވެ. އެކަން ޙާޞިލުވެއްޖެއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ދެމީޙުން އަވަހަށް މިގެއިން ނުކުމެގެންދާށެވެ!" 

އެވަގުތުވެސް ލޯބިވެރިޔާ ބުނީ ދެމީހުންގެ ކުންފުނިން އޭނާގެ ޙިއްޞާ އޭނާއަށް ލިބެންޖެހޭނެ ކަމަށެވެ. ޖަވާބުގައި ބުނީ ބައްޕަ ކުންފުނި ރަޖިސްޓްރީކޮށްދިނީ ލޯތްބާއި ވަފާތެރިކަމުގައި އުޅެ، ކައިވެނިކޮށް ތެދުވެރިކަންމަތީގައި އަހަރެންނަށް ލޯބިދީގެން ދިރިއުޅެން ޝަރުޠުކޮށް ކަމަށްވެފައި އެކަން ބޭވަފާތެރިކަމާއި އަނިޔާވެރިކަމާއި ޚިޔާނާތްތެރިކަމަށް ބަދަލުވުމުން އެކުންފުނިން މިހާރުކުރަންޖެހޭ މަސައްކަތަކީ ކަލޭ ޗިސްޗިސްކޮށްލަން މަސައްކަތްކުރުން ކަމަށެވެ. މިތިބަ މުވައްޒިފުން އެމަސައްކަތްކުރަން ނުފަށަނީސް ދެންވެސް ދެމީހުން އަވަހަށް މިތަނުން ނުކުމެގެންދާށެވެ!" 

އެދެމީހުން ވަރަށް ދެރަވެފައި "އެއީ އެހެންވީކަމެއް ނޫންކަމަށާއި ކުރިން ދެމީހުންގެ އެއްވެސް ގުޅުމެއް ނުއޮންނަކަމަށް"ބުނެ މާފުކޮށްދިނުން އެދި އާދޭސްކުރުމުން ބުނީ ލޮލަށް ފެނުނު މަންޒަރު ހުރިހާ ކަމަކަށް ފުދޭކަމަށާއި ކަލާނގެ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވާން ނުދަންނަ ބައެއްގެ ކިބައިން ދުވަހަކުވެސް ރަނގަޅު އެއްވެސް ސިފައެއް ނުފެންނާނެ ކަމަށެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެކެވެ. ފަހަރެއްގައި ރާއްޖޭގައި އެހާ ތަނަވަސް  މީހެއްގެ ލޯއަނދިރި އަންހެން ދަރިއަކު ނެތި ހިނގައިދާނެއެވެ. ނަމަވެސް މިފަދަ ކިތަންމެ ޙާދިސާތަކެއް ރާއްޖޭގައިވެސް ދަނީ ހަމަ ތަކުރާރުވަމުންނެވެ. ޢިބްރަތް ޙާޞިލުކުރަންވީ ވާހަކައިން ލިބޭ މެސެޖުންނެވެ.

ތެދުވެރިކަމާއި ވަފާތެރިކަމާއި ޙަޤީޤީ ލޯބިވުން މިއަދު ކޮބައިހެއްޔެވެ؟ ކިތަންމެ ހެޔޮކޮށް ކަންކަން ކޮށްދިން ނަމަވެސް އެކަން ދަންނަނީ ކާކުހެއްޔެވެ؟ ލޯމަތީގައި ހިނގަމުން މިދަނީ ހަމަ މިފަދަ ހާދިސާތައް ނޫންހެއްޔެވެ؟ އިޞްލާޙް ނުވެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

 

- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް