އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު
ކުޑަކުޑަ މިސާލެކެވެ! ޤާރޫނަށް ﷲ ތަނަވަސްކަން ދެއްވެވުމުން ޢޭނާ ބުނަމުން އައީ އޭނާއަށް ތަނަވަސްކަން ލިބުނީ އޭނާގެ މޮޅުކަމުން ކަމަށެވެ. އޭނާގެ ވިސްނުން ތޫނުކަމުން ކަމަށެވެ. އެހެން ބުނަމުން އައި މީހާގެ ނިމުން އޭނާއާއި ބައްދަލުކުރި ގޮތާއިމެދު ވިސްނާށެވެ! އެއަށްފަހު ނިކަން ބުނެބަލާށެވެ! އޭނާގެ ކިބައިގައި އެއްވެސް މޮޅުކަމެއްވާނަމަ އޭނާއަށް ﷲ ގެ ކޯފާއިން ސަލާމަތް ނުވެވުނީ ކީއްވެގެން ހެއްޔެވެ؟
ތިމާ އެންމެ ބޭނުންވި އަނބިމީހާ ނުވަތަ ފިރިމީހާ ލިބުމުން އެއީ ތިބާގެ ފައިސާވެރިކަމާ ޤަދަރުވެރިކަމުން ނުވަތަ ތިބާގެ ރީތިކަމުން މެދުވެރިވި ކަމެއް ކަމަށް ހީވެސް ނުކުރާށެވެ! އަދި ކިޔެވުމަށް މޮޅުވުމާއި ތަނަވަސްކަމާއި ރަނގަޅު މަޤާމާއި ޤަދަރު ލިބުމުން ވެސް އެއީ ތިބާގެ މޮޅުކަމާއި ކުޅަދާނަކަމުން ހޯދުނު ކަންކަން ކަމަށް ނުދެކޭށެވެ!
ދުނިޔޭގެ އެންމެ ރީތި މީހުންނަށާއި އެންމެ ބޮޑެތި މުއްސަނދިންނަށް އެމީހުން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބާރާއި ނުފޫޒުގަދަ މީހުންނަށް، ޤައުމުތަކުގެ ވެރިންނަށް އެމީހުން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟
މިކަންކަމުން އެނގެނީ އަހަރެމެން އެއްވެސް މީހެއްގެ އަތުގައި ހަމަ އެއްވެސް ބާރެއް ނެތް ކަމެވެ. އަދި އެއްވެސް މޮޅުކަމެއްވެސް ނެތްކަމެވެ. އަތުގައި ކިތަންމެ ބައިވަރު ވަސީލަތްތައް ހުރި ނަމަވެސް ޙާޞިލުކުރެވޭނީ ހަމަ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް ކަމެވެ.
ތިމާގެ މަސައްކަތުން ނަމަވެސް ކަމެއް ޙާޞިލުކުރެވިއްޖެ ނަމަ އެއީ ތިމާގެ މޮޅުކަމުން ހޯދުނު ކަމެއް ކަމަށް ބަލައިފިނަމަ އެއީ ކުރެވޭ ވަރަށް ނުބައި އަމަލެކެވެ. އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުރަން މަސައްކަތްކުރާ ކަމެއް ކާމިޔާބު ވެއްޖެ ނަމަ ﷲ ތަޢާލާއަށް ޝުކުރުއަދާކުރަން ޖެހޭކަން އެއީ މިބުނި ބަހުގެ ދަލީލެވެ.
އަދި ކީއްހެއްޔެވެ؟ ލިބުނު ކާމިޔާބީއަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިނުވާނަމަ އެކަމުން އަންގައިދެނީ އެމީހާގެ ހިތުގައިވާ ބޮޑާކަމާއި ކިބުރުވެރިކަމެވެ! ބޮޑާކަމާއި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހާ ސުވަރުގެ ނުވަންނާނެ ކަމަށް އޮތް ޙަދީޘް ބަސްފުޅަށް ބިރުވެތިވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
5 ސެޕްޓެމްބަރ 2024