އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށްފަހުވެސް އެންމެ ލޯބިވާފަރާތަކީ ﷲ ކަމަށް ހަދައި ރޭއަޅުކަމުގަ ހޭދަކުރި އަންހެނަކަށް ބޮޑު ބައްޔަކުން ސަލާމަތްވެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށްފަހުވެސް އެންމެ ލޯބިވާފަރާތަކީ ﷲ ކަމަށް ހަދައި ރޭއަޅުކަމުގަ ހޭދަކުރި އަންހެނަކަށް ބޮޑު ބައްޔަކުން ސަލާމަތްވެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 54 ސިކުންތު

އަޅުގަނޑު ނިޞްބަތްވަނީ މާލޭގެ މެދުފަންތީގެ ޢާއިލާއަކަށެވެ. ފަޤީރެއްވެސް ނޫނެވެ. ތަނަވަހެއްވެސް ނޫނެވެ. ނަމަވެސް އެއްވެސް މީހަކަށް ސަލާން ނުޖަހައި ކަންކަން އަމިއްލައަށް ކޮށްގެން ދިރިއުޅުމުގެ ފެންވަރު ހުރި ޢާއިލާއަކަށެވެ.  

އަޅުގަނޑުވެސް ވަޒީފާއަދާކުރަމެވެ. ވަޒީފާ އަދާކުރުމުގެ ތެރެއިން ބައްދަލުވި ތަނަވަސް މީހަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވުމުން އަޅުގަނޑުވެސް ޝަރުޠުތަކެއް ހުށަހެޅީމެވެ. ފުރަތަމަ ޝަރުޠަކީ ކައިވެނިކުރުމަށްފަހު އަޅުގަނޑަށް ވަގުތު ނުދެވޭވަރަށް ބިޒީނުވުމެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ދުވަހުގެ ތާވަލުން އަޅުގަނޑަށް ދޭންޖެހޭ ވަގުތު އަޅުގަނޑަށް ދިނުމެވެ.  

ދެން ހުށަހެޅީ ދިރިއުޅުމުގައި ﷲ އަށް ބިރުވެތިވުމަށާއި ފަރުޟާއި ވާޖިބު އަދާކުރާމީހަކަށްވުމަށެވެ. ދެމަފިރިން އެކުގައި ސުވަރުގެ ވަންނަން މަސައްކަތްކޮށްދިނުމަށެވެ. ކައިވެނިކުރީ އެހުރިހާ ކަންކަމަށް އެއްބަސްވުމުންނެވެ.  

ކައިވެނީގެ ފުރަތަމަ 6 މަސް ދުވަހު ފިރިމީހާ އޭނާވީ ވައުދުތައް ހިފެހެއްޓިއެވެ. ދެން މަޑުމަޑުން ކަންކަން ބަދަލުވާން ފަށައިފިއެވެ. ކުރި ހުރިހާ ޥައުދުތަކެއްހެން އުވާލައިފިއެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވެ ގޭގައި މަޑުކޮށްލާނެ ވަގުތެއް ނުވާން ފަށައިފިއެވެ. އެކުގައި ދަމުނަމާދުކުރުން ހުއްޓިއްޖެއެވެ. ދަމުނަމާދަށް ގޮވިނަމަވެސް "ވަރަށް ވަރުބަލިވެފަ" ކަމަށް ބުނަން ފަށައިފިއެވެ.  

އެހިސާބުން ވަރަށް ބޮޑަށް ވިސްނައި ފިރިމީހާއަށް އައި ބަދަލުގެ ޙަޤީޤަތް ހޯދަން މަސައްކަތްފެށީމެވެ. އެހެން ގޮތަކަށް ބުނާނަމަ ފާރަލާން މަސައްކަތް ފެށީމެވެ.  

އެއް ރެއެކެވެ. އަޅުގަނޑުގެ ބައެއް އެކުވެރިންނާއިއެކު ބާޒާރަށްގޮސް އުޅެނިކޮށް ނުދަންނަ ނަމްބަރަކުން އަޅުގަނޑަށް ފޮޓޯތަކަކާއި ވީޑިއޯ ކްލިޕެއް ފޮނުވުމުން ބަލައިލިއިރު ފިރިމީހާ ހިލޭ އަންހެނަކާއިއެކު މާލޭގެ މަޝްހޫރު ހޮޓަލެއްގެ ކޮޓަރިއަކަށް ވަންނަނީއެވެ. އޭނާކުރި މެސެޖުގައި ބުނެފައިވަނީ ދެމީހުން މިހާރުވެސްވީ އެކޮޓަރީގައި ކަމަށެވެ.  

އަޅުގަނޑު އެހޮޓަލަށް ގޮސް ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ދޮރުހުޅުވީ އަންހެންމީހާއެވެ. ވަގުތުން ކޮޓަރިއަށް ވަންއިރު ފިރިމީހާ އޮތީ އެނދުގައެވެ. އަޅުގަނޑު ބުނީމެވެ. "މިއައީ ޒުވާބުކުރާކަށް ނޫނެވެ. ލޮލުންދެކިލުމަށެވެ. ދެން މިދަނީއެވެ. ގެއަށް ގޮސް އެއްޗެތި ހިފައިގެން ދާނީ އަމިއްލަ ގެއަށެވެ." ފިރިމީހާ ބުނީ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ދެން ރަނގަޅުވާނީވެސް އެގޮތް ކަމަށެވެ.  

އަޅުގަނޑު ނިކަމެތި ނަމަވެސް ގޭގައި އަޅުގަނޑަށްވެސް 1 ކޮޓަރީގެ ކުޑަ ފްލެޓެއް ހުރެއެވެ. ވަގުތުން ހަމަ އެރޭ އެތަނަށް ބަދަލުވެ އެތަނުގައި ދިރިއުޅެން ފެށީމެވެ. ވަރިއަކަށް ނުއެދެމެވެ.  

އެކަނި ދިރިއުޅޭތާ އަހަރެއްހައި ދުވަސްފަހުން އެއްރޭ ބޭބެމެންގެ ފްލެޓުގައި އިނދެލާފައި އަޅުގަނޑުގެ ފްލެޓަށް އައިއިރު ފިރިމީހާ ހުރީ ފްލެޓުގައެވެ. ވަނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނީ ދެވަނަ ތަޅުދަނޑި އޭނާގެ އަތުގައި އޮތުމުން ދޮރުހުޅުވައިގެން ކަމަށެވެ. އައިބޭނުމަކާއިބެހޭ ގޮތުން ސުވާލުކުރީމާ ބުނީ އަޅުގަނޑާއި ވަކިން އުޅެން ފެށިފަހުން ވަރަށް ގިނަ ދެރަ ގޮތްތައް މެދުވެރިވެއްޖެކަމަށެވެ. ވިޔަފާރިން ގެއްލުންވާން ފަށައިފިކަމަށެވެ. ހިލޭ އަންހެނަކާއި ގުޅުން ބޭއްވުނުކަމުން ލިބުނު އެއްވެސް އުފަލެއް ނެތްކަމަށާއި ފައިސާތަކެއް އަތުން ޚަރަދުވުން ނޫން ކަމެއް ނުވި ކަމަށެވެ.  

ފިރިމީހާ ސޯފާގައި އިށީނުމުން އަނެއް ގޮނޑީގައި އިށީނީމެވެ. ފިރިމީހާ އަޅުގަނޑު ރުއްސަން ގެނައި ހަދިޔާތައް ނަގައި މޭޒުމަތީގައި ބަހައްޓާފައި މާފުކޮށްފައި އަލުން އެކުގައި އުޅެންފަށަން އެދުމުން ބުނީމެވެ. "އެކަމުގެ ވަގުތު ފާއިތުވެއްޖެއެވެ. މާބޮޑަށް ލަސްވެއްޖެއެވެ. އަޅުގަނޑަކީ ނިކަމެތި އަންހެނަކު ނަމަވެސް ހިތް ވަރަށް މުންސައްޖެވެ. އެންމެން ތުންފުހޭ ތުންފުއްސަކުން ތުންފުހޭނެ ހިތްވަރެއް ނެތެވެ. ކިތަންމެ ވަރަކަށް ދޮވުނަސް ވަހެއް ނުފިލާނެއެވެ. ތިއަ ހަދިޔާތައްވެސް ގެންދާށެވެ. ތަޅުދަނޑި ބާއްވާފައި ނުކުމެގެންދާށެވެ. މިހާރު ހިތްވަރު ލިބިއްޖެއެވެ. ވަރިވާން ފޯމުވެސްލާނަމެވެ." 

ފިރިމީހާ ސުވާލުކުރީ ލޯބިވެރިއަކު ހޯދީތޯއެވެ؟ ޖަވާބުގައި ބުނީމެވެ. "ލޯބިވެރިން ގެންގުޅުމަކީ ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. އަޅުގަނޑުގެ ލޯބިވެރިއަކީ އަބަދުވެސް ﷲ އެވެ. އެކަން ކައިވެނިކޮށް އެކުގައި އުޅުނުއިރު ރަނގަޅަށް އެނގޭނެއެވެ. ފިރިމީހާ ގައިގައި އޮޅުލަން އޮތުމުގެ ބަދަލުގައި ރޭގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރި ގޮތް އެނގޭ ނޫން ހެއްޔެވެ؟ އަދިވެސް މިއުޅެނީ ހަމަ އެގޮތުގައެވެ. ވީމާ ﷲ އަޅުގަނޑަށް ހުރިހާ ކަމެއްވެސް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ." އެވަރަށް ބުނީމާވެސް ތަޅުދަނޑި ނުދިނުމުން އަނެއް ދުވަހު ތަޅުބަދަލުކުރީއެވެ.  

ކޯޓަށް ގޮސްގެން ވަރިވީމެވެ. ޢިއްދަ ހަމަވުމުން 2 ވަނަ ކައިވެނި ކުރީމެވެ. އެކައިވެނީގައި މިހާރު 10 އަހަރުވެ 3 ދަރިންވެސް ވަނީ ލިބިފައެވެ. 2 ވަނަ ފިރިމީހާއަކީވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ ފުދުންތެރިއެކެވެ. އަޅުގަނޑު ދެކެ އިންތިހާއަށް ލޯބިވެއެވެ. އަޅުގަނޑު ގޮވައިގެން ނޫނީ ރޭގަނޑު ގެއިން ބޭރަށްވެސް ނުދާނެއެވެ. ކޮންމެހެން ތަނަކަށް ދާންޖެހިގެން ދިއަ ނަމަވެސް ލަސްވާނަމަ އިރުއިރުކޮޅުން ގުޅައި ލަސްވާ ސަބަބު ބުނާނެއެވެ.  

ވަރަށް ހިތާމަ އާއިއެކުވެސް ބުނަން މިޖެހެނީ ފިރިމީހާގެ ކިބައިން އެހައި ފަސޭހައިން ސަލާމަތްވެވުނުކަންވީ ވަރަށް ބޮޑު ނަޞީބަކަށެވެ. މާގިނަ ދުވަހެއް ނުވެ ގޮތް ނުއެނގޭ ބައްޔެއްގައި އުޅެ ދުނިޔެ ދޫކުރީއެވެ. ޢާއިލާއިންވެސް އެކަން ސިއްރުކުރިއެވެ. ނަމަވެސް ލިބުނު މަޢުލޫމާތަށްބަލާއިރު އޭނާގެ ބައްޔަކީ ޖިންސީގުޅުން ހިންގުމުން ގައިން ގައަށް އަރާ ބައްޔެކެވެ. ނިޔާވިއިރު ގުނަވަންވެސް ވަނީ ފާރުވެފައެވެ. ހަމަ އެބަލީގައި އޭނާގެ ލޯބިވެރިޔާވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭނާ އާއި ގުޅުން ހިންގި އެހެން ދެ ފިރިހެނަކުވެސް ސަލާމަތްވީ ވަރަށް ގިނަ ދުވަހު ބޭސްކޮށްގެންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އެންމެ ލޯބިވާފަރާތަކީ ﷲ ކަމުގައި ހަދައި އެގޮތުގައި ޢަމަލުކުރަމުން ގެންދާނަމަ މާޔޫސްވެގެން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އިމްތިޙާނުކުރެއްވެވުމުގެ ގޮތުން ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވިނަމަވެސް ސާބިތުވެލައިގެން ހުރެއްޖެނަމަ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އެއިގެ އިތުރުން ސަލާމަތާއި ރައްކައުތެރިކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް